ކުޅިވަރު

އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ލަންކާގެ ވޮލީ ޓީމް ރާއްޖެ އަންނަނީ!


ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވާ ޤައުމީ ވޮލީ ޓީމާއިއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ސްރީލަންކާގެ ޤައުމީ ޓީމް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.

ސްރީލަންކާގެ ޤައުމީ ވޮލީބޯޅަ ޓީމް ރާއްޖެ އަންނަނީ ޔޫތް މިނިސްޓަރ އަޙުމަދު މަޙުލޫފުގެ ދަޢުވަތަކަށެވެ. ސެންޓްރަލް ޒޯނަށް ތައްޔާރުވުމަށް ޤައުމީ ޓިމް ފަރިތަކުރަމުން އަންނައިރު، ސްރީލަންކާގެ ވޮލީ ޓީމް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11އިން 15އަށެވެ.

ސެންޓްރަލް ޒޯންގައި ބައިވެރިވާ ވޮލީ ޓީމް މުބާރާތަށް ފުރަނީ 16ވަނަ ދުވަހެވެ. މީގެ ކުރިން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުން ރާއްޖޭގެ ޓީމްވަނީ ރިހި މެޑަލް ހޯދާފައެވެ.

މިނިސްޓަރ ވިދާޅުވީ މިފަހަރުގެ މުބާރާތުން ރާއްޖޭގެ ޓީމުން ރަން މެޑަލް ހޯދާނެކަމަށް އުއްމީދުކުރައްވާކަމަށާއި، އެކަމަށް ސަރުކާރުން ދެވެން އޮތް ފުރިހަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށެވެ.

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމަށް މީގެ ކުރިން ޤައުމީ ވޮލީޓީމްވަނީ ސަރބިޔާގައިވެސް ތަމްރީންތަކެއް ފުރިހަމަކޮށްފައެވެ.