ޚަބަރު

މެމްބަރުންގެ އޮފީސްތައް ހުޅުވުމަކީ މަޖިލީހުން ވަރަށްބޮޑަށް އެދޭކަމެއް - ރައީސް ނަޝީދު


ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކި އޮފީސްތަކެއް ހުޅުވުމަކީ މަޖިލީހުން ވަރަށްބޮޑަށް އެދޭ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް މެމްބަރުން، ނަޒާހާތްތެރިކަމާއިއެކު މަސައްކަތް ކުރުމަށް ބާރުއަޅުއްވައި ވާހަކަފުޅުދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ މެމްބަރުންގެ އޮފީސްތައް ހުޅުއްވައި، ދާއިރާގެ ރައްޔިތުންނާއި ވީހާވެސް ގާތުން ބައްދަލުކުރުމަކީ މުހިންމުކަމެއްކަމަށެވެ.

މިގޮތަށް ކަންތައް ކުރުމުން މެމްބަރުންނާއި ދާއިރާގެ ރައްޔިތުންނާއި ދެމެދު އޮންނަގުޅުން ބަދަހިވެ، ނަޒާހާތްތެރިކަމާއިއެކު މަސައްކަތް ކުރުމުގެ ފުރުސަތު ތަނަވަސް ވެގެންދާނެކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މިހާރުވެސް މަޖިލީހުގެ ބައެއް މެމްބަރުން އޮފީސް ހުޅުވައިގެން މަސައްކަތް ކުރަމުންދާކަމަށާއި، ހުރިހާ މެމްބަރުންވެސް އޮފީސްތައް ހުޅުއްވުމަކީ މަޖިލީހުން ބާރުއަޅުއްވާނެ ކަމެއްކަމުގައި މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި މިގޮތަށް ހުޅުވޭ އޮފީސްތަކާއި، މަޖިލިސްއިދާރާއާއި ގުޅުވާލެވޭނޭފަދަ ގޮތަކަށް އިންތިޒާމްތައް ހަމަޖެހިގެންދާނޭ ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އޮފީސް ހެދުމުގެ އެންމެބޮޑު މަޤުސަދަކީ މެމްބަރުންނާއި ދާއިރާގެ ރައްޔިތުންނާއި އޮންނަ ގުޅުން ބަދަހިކޮށް، ދާއިރާގައި މެމްބަރާއި ބައްދަލުކުރެވޭނެ ފަސޭހަ މަގެއް ގާއިމްކުރުންކަމަށް މަޖިލީހުން ވިދާޅުވެއެވެ.