ޚަބަރު

އީޔޫގެ ނާއިބު ރައީސް ފެޑްރީކާ މޮގެރީނީ މަޖިލީހުގައި ތަޤްރީރުކުރައްވަނީ


ޔޫރަޕިއަން ޔޫނިއަންގެ ނާއިބު ރައީސް ފެޑެރީކާ މޮގެރީނީ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަައްމަދު ނަޝީދު ވިދާޅުވީ، ޔޫރަޕްގެ އިއްތިހާދުގެ ރެޕްރެޒެންޓެޓިވް އޮފްދި ޔޫނިއަންފޯ ފޮރިންއެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީ އަދި ވައިސް ޕްރެޒިޑެންޓް އޮފްދި ކޮމިޝަން ފެޑްރީކާ މޮގެރީނީ ތަޤުރީރު ކުރައްވާ ޖަލްސާއަކީ މަޖިލީހުގެ ރަސްމީ ޖަލްސާއެއްނޫންކަމަށެވެ. އެއީ މަޖިލީހުގައި އެކަމާނާ ތަޤުރީރުކުރެއްވުމަށް ބޭއްވެވޭ ޚާއްސަ ބައްދަލުވުމެއްކަމަށެވެ.

މިބައްދަލުވުމަށް ރާއްޖޭގައި މަސައްކަތްކުރައްވާ ބޭރުގެ ޑިޕްލޮމެޓުންނާއި، ޔޫރަޕްގެ އިއްތިހާދުގެ ވިޔަފާރި ކުންފުނިތަކުގައި އިސްކޮށް ރާއްޖޭގައި ޙަރަކާތްތެރިވާ ބޭފުޅުންނަށާއި، ރިސޯޓް ވިޔަފާރީގައި ހަރަކާތްތެރިވާ ބޭފުޅުންގެ އިތުރުން ކަމާއިގުޅުންހުރި އެހެންވެސް ފަރާތްތަކަށް ދައުވަތު ދެވިގެންދާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ފެޑެރީކާ މޮގެރީނީ އަކީ އިޓަލީގެ ފޮރިން މިނިސްޓަރުގެ މަޤާމާއި، އިޓަލީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި، އީޔޫގެ ކައުންސިލް މެމްބަރުކަމާއި، އިޓަލީގެ ފޮރިންއެފެއާޒްގެ އެތަައްމަސައްކަތެއްގެ އިތުރުން ނޭޓޯގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރުވެސް އޭނާއަކީ ޔޫރަޕްގެ އިއްތިހާދުގެ ޙާރިޖީ ގުޅުންތަކާއި ސަލާމަތާއިބެހޭ ކަންކަން ބަލަހައްޓަވާ އެންމެ އިސްވެރިޔާއެވެ.

ޔޫރަޕިއަން ޔޫނިއަންގެ ނާއިބު ރައީސް ފެޑްރީކާ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، މިއަހަރުގެ ޖޫންމަހު ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ބެލްޖިއަމްގެ ބްރަސަލްސްއަށް ކުރެއްވި ދަތުރުފުޅުގައި ފެޑްރީކާ މޮގްރީނީއާއި ބައްދަލުކުރައްވައި އީޔޫއާއި ރާއްޖެއާއިދެމެދު އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާއިން މަޝްވަރާކޮށް މަތީ ފަންތީގެ ބައްދަލުވުން ބޭއްވުމަށް އެއްބަސްވެފައިވާކަން ފާހަގަކޮށްލެވޭ.