ވިޔަފާރި

ޢީދުގެ ބަންދުގެ ދުވަސްތަކުގެ ތެރެއިން ބުދަ ދުވަހު ބޭންކުތައް ހުޅުވާނެ


އަޟުޙާ ޢީދުގެ ބަންދުގެ ދުވަސްތަކުގެ ތެރެއިން އަންނަ ހަފްތާގެ ބުދަ ދުވަހު ބޭންކުތަކުގެ ޙިދުމަތް ދޭނެކަމަށް ބެންކުތަކުން ބުނެފިއެވެ.

ރާއްޖޭގެ ބެންކުތަކުގެ ތެރެއިން ބީއެމްއެލްއިން ބުނީ އަޟުޙާ ޢީދުގެ ބަންދާ ގުޅިގެން ހަފްތާއެއްހާ ދުވަސް ބަންދުވާއިރު، އެދުވަސްތަކުގެ ތެރެއިން، މިމަހުގެ އޮގަސްޓުމަހުގެ ސާދަވަނައަށްވާ ބުދަ ދުވަހު ބޭންކުގެ ޚިދުމަތް ލިބޭނެކަމަށެވެ. އަދި އަޟުޙާ ޢީދު ބަންދު ތެރޭގައި ބެންކު ނުހުޅުވިކަމުގައި ވިޔަސް، އެދުވަސްތަކުގައި ބޭންކުގެ ސެލްފް ސަރވިސް އޭޓީއެމްތައް އަދި ބީއެމްއެލް އެޕް މެދުވެރިކޮށް 24 ގަޑިއިރު ބޭންކިންގެ ޙިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްގެ އިތުރުން، މޯލްޑިވްސް އިސްލާމިކް ބެންކުންވެސް ވަނީ މިމަހުގެ 14 ވަނަ ދުވަހަކީ ބަންދު ދުވަހެއްކަމުގައި ވިޔަސް އެދުވަހު އެބެންކު ހުޅުވާނޭކަން އިޢުލާންކޮށްފައެވެ.

އަޟުޙާ ޢީދު ބަންދާ ގުޅިގެން މިމަހުގެ 15 ވަނައަށްވާ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމާ ގުޅިގެން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ބޭންކުތަކާއި އެމްއެމްއޭއިން ރެގިއުލޭޓްކުރާ އެހެން މާލީ އިދާރާތައް މިމަހުގެ 14 ވަނަ ދުވަހު ހުޅުވާނޭކަމަށް އެމްއެމްއޭއިންވެސް ވަނީ މީގެކުރިން ބުނެފައެވެ. އެގޮތުން އެމްއެމްއޭއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިންފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް ހެނދުނު 08:30 އިން މެންދުރުފަހު 2:00 އަށް ކުރިއަށްދާނެކަމަށާއި، އަދި ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް ހެނދުނު 08:30 އިން 11:00 އަށް ކުރިއަށްދާނެކަމަށް އެމްއެމްއޭއިން ބުނެއެވެ.