ޚަބަރު

އަދީބު ބަންދުގައި ބަހައްޓަން ޕީޖީ އޮފީހުން އެދުނުއިރުވެސް ހުރީ ޖަލު ހުކުމެއްގައި - ސުޕްރީމް ކޯޓު


ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ބަންދުގައި ބެހެއްޓުމުގެ ވަގުތީ އަމުރަކަށް ޕްރޮސިކިއުޓާ ޖެނެރަލް ސުޕްރީމް ކޯޓުގައި އެދިވަޑައިގެންނެވިއިރުވެރި ވެސް އަދީބު ހުންނެވީ ޖަލު ހުކުމެއްގައި ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ.

އަދީބު ފިލިއިރު ވެސް ސުޕްރީމް ކޯޓުން ބަންދުގެ އަމުރެއް ނެރެދީފައިނުވާ ކަމަށްބުނެ ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް އާ ހަވާލާދީ އޮންލައިން ނޫހަކުން ރިޕޯޓްކޮށްފައިވާ ޚަބަރަކާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ބަޔާނުގައި ވަނީ އެކަން ހިނގާފައިވާ ގޮތް ސާފުކޮށްދެއްވާފައެވެ. އެގޮތުން ސުޕްރީމް ކޯޓުން ވިދާޅުވެފައިވަނީ އަދީބުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމެއް ހައިކޯޓުން ބާތިލް ކުރުމާ ގުޅިގެން އެ މައްސަލަ ސުޕްރީމްކޯޓުގައި އިސްތިއުނާފު ކުރުމަށްފަހު ޕީޖީން އެދިފައި އޮތީ އެ މައްސަލަ ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ނުވަތަ އެ އަމުރު ނެރެދެވެން ނެތްނަމަ ޕާސްޕޯޓް ހިފެހެއްޓުމަށް ކަމަށެވެ.

އަދި އެ މައްސަލަ ސުޕްރީމް ކޯޓަށް ޕީޖީން ހުށައެޅުއްވިއިރު އަދީބު ހުންނެވީ ސަރުކާރުގެ ކަމާބެހޭ އިދާރާގެ ބެލުމުގެ ދަށުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ކަމުން އެ އަމުރު ނެރުމާމެދު ގޮތެއް ނިންމުމަށް ކޯޓަށް އަދީބު ހާޒިރު ކުރެވެން ނެތުމުން އެ މައްސަލައާ ބެހޭ އަޑުއެހުމެއް ނުބޭއްވުނު ކަމަށް ފާހަގަ ކުރައްވާފައިވެއެވެ. އަދި އަދީބު ހައްޔަރު ކުރުމަށް ޕީޖީ އެދިފައި އޮތް ނަމަވެސް އޭރުވެސް އޭނާ ހުންނެވީ ޖަލު ހުކުމެއްގައި ކަމުން ބަންދުގައި ބެހެއްޓުމަށް އިތުރު އަމުރެއް އެ ހާލަތުގައި ނެރުމަކީ ބޭނުން ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއްނެރެ ކަމާބެހޭ އިދާރާތަކަށް އެންގި ކަމަށްވެސް ސުޕްރީމް ކޯޓުން ވިދާޅުވެއެވެ.

އަދި ޕާސްޕޯޓް ހިފެހެއްޓުމުގެ އެ އަމުރު ނެރެ ދެއްވީ ޕީޖީން ހުށައަޅާފައިވާ ކަންކަމަށް ބެއްލެވުމަށްފަހު އަދީބު ހުންނެވީ ޖަލު ހުކުމެއްގައި ކަމަށްވާތީ ޕާސްޕޯޓް ހިފެހެއްޓުމަކީ ހަމައެކަނި އެޅެން އޮތް ސަލާމަތީ ފިޔަވަޅު ކަމަށްވާތީ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި އޭގެ ފަހުން އަދީބުގެ ޖަލު ޙުކުމް ތަންފީޒުކޮށް ނިމިފައިވާކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް އަންގާފައި ނުވާ ކަމަށްވެސް ވަނީ ވިދާޅުވެފައި އެވެ.

"އެހެންކަމުން، ޕްރޮސިކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް އާ ޙަވާލާދީ، "އަދީބު ފިލިއިރު ވެސް ބަންދުގެ
އަމުރެއް ސުޕްރީމް ކޯޓުން ނުނެރެދިން!" މި ސުރުޚީގެ ދަށުން (04 އޮގަސްޓު 2019 ވަނަ ދުވަހު) "މިހާރު" ނޫހުގައި، ލިޔެފައިވާ ވާހަކަތަކަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ބަދުނާމުވާގޮތަށް ލިޔެފައިވާ ޙަޤީޤަތާ ޚިލާފު ވާހަކަ ތަކެއް ކަމުގައި ދަންނަވަމެވެ." އެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ސުޕްރީމް ކޯޓުން ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ރ) ގައި ކަނޑައަޅައި ބަޔާންވެގެންވާ އުޞޫލުތަކާ ޚިލާފަށް ދިވެހިރާއްޖޭގެ ކޯޓުތަކާ މެދު ނަފުރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް ޙަޤީޤަތާއި ޚިލާފު ވާހަކަ ދައްކައި އެފަދަ ޢަމަލުތައް ކުރުން ހުއްޓައިލުމަށާއި އެފަދަ ކަންތައްތައް ތަކުރާރު ނުކުރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.