ކުޅިވަރު

ދަ ގްރާންޑޭއިން ޓީސީ މޮޅުވިޔަ ނުދީ ހިފަހައްޓައިފި


ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ޓީސީ ސްޕޯޓްސް ކްލަބް މޮޅުވާން ދަނިކޮށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ޓީސީ މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.

މި މެޗު ނިމުނީ އެކެއް އެކެއްގެ ނަތީޖާއަކުން ނެވެ. މި މެޗުގައި ފުރަތަމަ ލީޑު ނެގީ ޓީސީއިން ނެވެ. ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި އިސްމާއީލް އީސާ ދިން ބޯޅައަކުން މި ގޯލު ކާމިޔާބުކޮށްދިނީ ނެޕާލްގެ ކުޅުންތެރިޔާ ބިމާލް ގާތީ މަގަރުއެވެ.

ދަ ގްރާންޑޭއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ލިބުނު ޕެނަލްޓީއަކުން 60 ވަނަ މިނެޓުގައެވެ. އެޓީމުގެ އަޔާޒަށް ޓީސީގެ ވާޑު ކުރި ފައުލަކަށް ދިން ޕެނަލްޓީ ވައްދާލީ ދެ ވަނަ ހާފުގައި ކުޅެން އެރި އޮބައިދާއެވެ. ދަ ގްރާންޑޭއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމުން ޓީސީން ވަނީ ކުރިއަށް ޖެހި ލީޑު ނަގަން މަސައްކަތްކޮށްފައެވެ. އޭގެފަހުން އެޓީމުގެ އިބްރާހީމް އައިސަމް ފޮނުވާލި ހަމަލާއެއް ގޯލުގެ މަތިން ދިޔައިރު މުހައްމަދު ސާމިރު ނަގައިދިން ހުރަހެއް އިބްރާހީމް ޝަފްރާޒް ބޮލުން ޖެހުމުން ގޯލާ އަމާޒުވާ ގޮތެއްނުވިއެވެ.

މެޗުގެ އިތުރު ވަގުތުގެ ފަހު ސިކުންތުގައި ޓީސީގެ ބިމާލް ފޮނުވާލި ބާރު ހަމަލާ ދަ ގްރާންޑޭގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޓީސީގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ މިއީ މި ބުރުގައި ކުޅޭނެ އެންމެ އުނދަގޫ އެއް މެޗު ކަމަށާއި މެޗު ދިޔައީ ވެސް ކުރިން ބުނި ގޮތަށް ވަރަށް ޕްރެޝަރުކޮށް ކަމަށެވެ. އަދި މި މެޗު އެއްވަރުވީ ނުކުޅެވިގެން ނޫން ކަމަށާއި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފިގެން ކަމަށް އާތީ ބުންޏެވެ.

"މި މެޗަކީ ހަގީގަތަކަށް ބުނާނަމަ މި ބުރުގައި ކުޅޭނެ އެންމެ އުނދަގޫ މެޗު. ވަރަށް ޕްރެޝަރކޮށް މެޗުވެސް ދިޔައީ މި. މެޗުގައި ލިބުނު ލަނޑު ޖަޙާނެ ފުރުސަތުތައް. މޮޅު ނުވެވުނީ މި ފުރުސަތުތަކުގެ ބޭނުންނުކުރެވުމުން". އާތި ބުންޏެވެ.

ޑަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހުފޫޒް (އިންމަ) ބުނީ، މި މެޗުގައި މި ހާސިލްވި ކަންތަކުގެ ކްރެޑިޓް ދޭން ޖެހެނީ ކުޅުންތެރިންނަށްކަމަށެވެ. އަދި ޓީސީ ކަހަލަ ވަރުގަދަ ޓީމެއް އަތުން ކުޅުންތެރިން މި ހޯދީ ވަރަށް މުހިއްމު ޕޮއިންޓެއް ކަމަށް އިންމަ ބުންޏެވެ.

"މި މެޗުގައި މި ނުކުތް ނަތީޖާގެ ކްރެޑިޓް ހަައްގުވަނީ ކުޅުންތެެރިންނަށް. ޓީސީ ކަހަލަ ވަރުގަދަ ޓީމެއް އަތުން މި ހޯދުނީ ވަރަށް މުހިއްމު ޕޮއިންޓެއް". އިންމަ ބުންޏެވެ.

ލީގުގެ ކުޅުން ދެން އޮންނާނީ އަންނަ ބުރާސްފަތި އަދި ހުކުރު ދުވަހު. މި ދެދުވަހު މެޗު ކުޅުމަށްފަހު 6 ދުވަހުގެ ބްރޭކެއް ލިބޭނެ. ބްރޭކަށް ފަހު ލީގުގެ ކުޅުން ދެ ފަށާނީ މިމަހުގެ 16 ވަނަ ދުވަހު.