ކުޅިވަރު

ޤައުމީ ބޮޑީބިލްޑިން ޓީމަށް ބޭރުގެ ކޯޗެއް ގެންނަނީ


ޤައުމީ ބޮޑީބިލްޑިން ޓީމަށް ބޭރުގެ ކޯޗެއް ވަރަށް އަވަހަށް ގެންނާނެކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ނޭޕާލްގައި މިދިޔަ މަހު ބޭއްވި ބާރަ ވަނަ ސައުތް އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި މެޑަލް ހޯދި ރާއްޖޭގެ ޤައުމީ ބޮޑީ ބިލްޑިން ޓީމާއި ބައްދަލުކުރެއްވުމަށްފަހު ކުރި ޓްވީޓެއްގައި މަހުލޫފް ވިދާޅުވީ، ފުރަތަމަ ފަހަރަށް ޤައުމީ ބޮޑީ ބިލްޑިން ޓީމަށް ބޭރުގެ ކޯޗެއް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށާއި، ބޮޑީ ބިލްޑަރުންނަށް ޙާއްސަ ޖިމެއްވެސް ވަރަށް އަވަހަށް ހުޅުވިގެންދާނެކަމަށެވެ.

ނޭޕާލްގެ ކަތަމަންޑޫގައި ބޭއްވި މުބާރާތުގައި، ހަތް އެތްލީޓުން ރާއްޖެ ތަމްސީލުކުރި އިރު، ރާއްޖެއިން ވަނީ ތިން ރަން މެޑަލްއާއި ދެ ބްރޯންޒް މެޑަލް ހޯދާފައެވެ. މުބާރާތުގައި ރާއްޖެއަށް ރަންމެޑަލް ގެނެސްދިން އެތްލީޓުންނަކީ މުޙައްމަދު މޫސާ އާއި، އަޙުމަދު މާހިލް ސަޢީދް އާއި އަޒްނީން ރަޝާދްއެވެ.

އަންނަ އަހަރު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ބާއްވާނީ ރާއްޖޭގައެވެ. ޖުމްލަ 400 އެތުލީޓުންނާ އެކު މި މުބާރާތް ރާއްޖޭގައި ބާއްވަން މަސައްކަތްކުރާނީ މާލޭން ބޭރުގައި ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ވިދާޅުވެފައެވެ.