ޚަބަރު

އަދީބުގެ ޖަލު ޙުކުމް ބާޠިލް ކުރި މައްސަލައިގެ އަޑުއެހުމެއް މާދަމާ ސުޕްރީމް ކޯޓުގައި


ޅ.މާބިންހުރާ ކުއްޔަށް ދީގެން ލިބުނު ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމް ހައިކޯޓުން ބާޠިލްކުރުމާ ގުޅިގެން ސުޕްރީމްކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފިއެވެ.

އަދީބުގެ މައްޗަށް އިއްވާފައިވާ 8 އަހަރުގެ ޖަލުހުކުމް ދަމަހައްޓަންއެދި ޕްރޮސެކިއުޓާ ޖެނަރަލް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުން ބާއްވަން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:15 ގައެވެ.

ޅ.މާބިންހުރާއިން ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކުށް ސާބިތުބެ 8 އަހަރަށް ޖަލަށްލުމަށް ކުރިމިނަލްކޯޓުންކުރި ހުކުމް ހައިކޯޓުން ވަނީ ބާޠިލުކޮށްފައެވެ.

ހައިކޯޓުން އަދީބުގެ އެހުކުމް ބާޠިލްކުރީ އަދީބު ޖަލަށްލުމަށް ކުރި ހުކުމަށްފަހު މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ދޫކޮށްލުމަށް އެންގި ފަރާތްތަކުގެ ތެރޭގައި އަދީބުވެސް ހިމެނޭ ކަމަށް ބުނެއެވެ. އަދި 1 ފެބްރުއަރީގެ އަމުރުން ބައެއް ސުޕްރީމް ކޯޓުން ބާޠިލުކުރި ނަމަވެސް އިޖުރާއަތާ ޚިލާފަށްކުރި ހުކުމްތައްކަމަށް ބުނެފައިވާބައި ބާޠިލުކޮށްފައި ނުވާކަމަށް ހުކުމްގައިވެއެވެ.

އެހެންކަމުން އަދީބުގެ މައްސަލަ އަލުން ބެލުމުގެ ފުރުސަތު އޮތުމުން އެމައްސަލަ އަލުންބެލުމަށް ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު ހުސައިން ޝަހީދު ވަނީ ހުކުމް ކުރައްވާފައެވެ. އަދި ކްރިމިނަލް ކޯޓުން އެމައްސަލައިގައި އިއްވި ޙުކުމް ބާޠިލުކުރެއްވިއެވެ.