ޚަބަރު

އެމްއެމްޕީއާރުސީގެ ފައިސާއަށް ޚިޔާނާތްވެ، މަނީ ލޯންޑަރ ކުރިކަމަށް އަދީބުވަނީ އިޢުތިރާފުވެފައި


ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފުރު ރާއްޖެއިން ފިއްލަވައިގެން ވަޑައިގެންނެވީ އެމްއެމްޕީއާރްސީގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާނެކަމަށާ، އެ ފައިސާ ލޯންޑަކުރިކަމަށް ވެސް އަމިއްލަފުޅަށް އިޢުތިރާފުވެވަޑައިގެންފައިކަން ހާމަވެއްޖެއެވެ.

އަދީބު ރާއްޖެއިންބޭރަށް ފިއްލަވައިގެން ވަޑައިގެންފައިވަނިކޮށް، އަނބުރާ މާލެގެނެސް ބަންދުގެ މުއްދަތު އިތުރު ކޮށްދިނުމަށް ފުލުހުން އެދުމާގުޅިގެން ކްރިމިނަލް ކޯޓުގައި ރޭ ހުޅުވާލައިގެން ބޭއްވި މުއްދަތު އަޑުއެހުމުގައި ވަނީ ގިނަ ކަންތައްތަކެއް ހާމަވެފައެވެ. ބަންދުގެ މުއްދަތުގެ މަޖިލީހުގައި، އަދީބުގެ މައްސަލަ ތަހްގީގުކުރާ އިންވެސްޓިގޭޝަން އޮފިސަރ ވިދާޅުވީ އަދީބު ރާއްޖެއިން ފިއްލަވައިގެން ވަޑައިގަތީ ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެ، މަނީލޯންޑަރ ކުރިކަމަށް އަމިއްލަފުޅަށް އިޢުތިރާފުވުމަށްފަހު އެމައްސަލައިގެ ތަހްގީގަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވުމަށްފަހުކަމަށެވެ. އަދި އަދީބުވަނީ އެމައްސަލައިގެ ހެކި ހުރި ފޯނަކާއި ޕެންޑްރައިވެއް ފުލުހުންނާ ހަވާލުކުރައްވާފައި ކަމަށްވެސް އޮފިސަރ ވިދާޅުވިއެވެ. އެ ވާހަކަތަކަށް އަދީބުވެސްވަނީ ކޯޓުގައި އިއުތިރާފުވެވަޑައިގެންފައެވެ.

އަދީބު، ޖިނާޢީ ކުށްތަކެއް ހިންގެވިކަމަށް އިޢުތިރާފުވެފައިވާކަން މީގެކުރިން އެއްވެސް ފަރާތަކުން ހާމަކޮށްފައިނުވާއިރު ބަންދުގެ މަޖިލީހުގައި، ޕްރޮސެކިއުޓާޖެނަލްގެ ފަރާތުން ރޭ ކޯޓުގައި ވިދާޅުވެފައިވަނީ އެގޮތައް ކުށަށް އިއުތިރާފުވެ، ޕީޖީ އޮފީހާއެކު އެއްބަސްވުމެއް ހަދައި ސޮއިކުރެއްވީ މީގެ ދެމަސްކުރިން ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 96ވަނަ މާއްދާގެ ދަށުން ތަހްގީގު މަރުހަލާގައި ކުށަށް އިޢުތިރާފުވާ ޙާލަތްތަކުގައި ޕްރޮސެކިއުޓާ ޖެނަރަލާއެކު ދެފަރާތުން ދެކެވޭ ވާހަކަތަކުގެ މައްޗަށް އެފަދަ އެއްބަސްވުންތައް ހެދިދާނެއެވެ. އަދި އެފަދަ އެއްބަސްވުމެއްގައި ކުށްކުރި މީހާގެމައްޗަށް ދަޢުވާނުކުރުން ނުވަތަ އޭނާގެމައްޗަށް ކޮށްފައިވާ ބައެއް ދައުވާ ނުކުރުން ނުވަތަ ކުށުގެ އަދަބު ލުއިކޮށްދޭން އެދޭނަމަ އަދަބު ލުއިކޮށްދިނުން ހިމެނިދާނެކަމަށްވެސް އެ ޤާނޫނުގައި ބުނެފައިވެއެވެ.

ފުލުހުން ކޯޓުގައި ވިދާޅުވީ އަދީބު ފިލައިގެން އިންޑިއާއަށް ވަޑައިގެންފައިވާތީ އަދީބު ޕީޖީއާއެކު ވެފައިވާ އެއްބަސްވުމާ މިހާރު ޚިލާފުވެފައިވާކަމަށެވެ. ނަމަވެސް އަދީބު ވިދާޅުވީ ކުށަށް އިޢުތިރާފުވެ ޕީޖީއާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފުވާން ބޭނުން ނުވާކަމަށާ ނަމަވެސް ރާއްޖެ ދޫކޮށް ވަޑައިގަތީ އެކަމަށް މަޖުބޫރުވެގެން ކަމަށެވެ.

މަނީލޯންޑަރިންގެ ދަޢުވާލިބޭ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ދިފާއީ ހެއްކެތްގޮތުގައި އަދީބުގެ ނަން ދައުލަތުން ވަނީ ކޯޓަށް ހުށައަޅުއްވާފައެވެ. އަދި އަދީބުގެ މައްޗަށް ކޮށްފައިވާ ބައެއް ދައުވާތައްވެސް މިހާރު ވަނީ ބާޠިލްކޮށްފައެވެ.