އެމެރިކާގެ އޮހާޔޯ އާއި ޓެކްސަސްގައި ދިން ބަޑީގެ ޙަމަލާތަކުގައި ގިނަ ބަޔަކު މަރުވުމާއި ގުޅިގެން އެޤައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓަށް، ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
އެމެރިކާގެ އޮހާޔޯ އާއި ޓެކްސަސް ސްޓޭޓްގައި ދިން ބަޑީގެ ތަފާތު 2 ހަމަލާއެއްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވުމާއި ގުޅިގެން އެޤައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ރިޗަރޑް ޕޮމްޕެއޯއަށް މިނިސްޓަރ ޝާހިދު ފޮނުއްވެވި ތަޢުޒިޔާގެ މެސެޖުގައި، ކުށެއް ނެތް އާއްމުންގެ އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވި މިޙާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމަޔާއި އެކުގައިކަމަށް ވިދާޅުވިއެވެ.
މިހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް މިނިސްޓަރ ޝާހިދު އެދިވަޑައިގެންނެވިއެވެ. އަދި މި ޙާދިސާގައި ޒަޚަމްވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާކަމަށްވެސް މިނިސްޓަރ ޝާހިދުގެ މެސެޖެއްގައި ވިދާޅުވިއެވެ.
އެމެރިކާގެ އޮހާޔޯ އަދި ޓެކްސަސްގައި ދިން ބަޑީގެ ޙަމަލާތަކުގައި އި 20 މީހުން މަރުވެ 26 މީހުން ވަނީ ޒަޚަމްވެފައެވެ. ޓެކްސަސްގެ ތާރީޚުގައި ވެސް ދިން އެންމެ ނުރައްކާ އެއް ހަމަލާ ކަމަށް ގަވަރުނަރު ގްރެގް އެބޮޓް ވަނީ ވިދާޅުވެފައެވެ.