ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި ރޭ ސްލޭވިއާ ޕްރާގް އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން ތާރީޚި މޮޅެއް ހޯދައިފި އެވެ.
މި މެޗުން އާސެނަލް މޮޅުވިއިރު ހުރިހާ މުބާރާތެއްގައި އެ ޓީމުން އެންމެ ފަހުން ކުޅުނު އަށް މެޗުގައިވެސް ބައިކޮޅަށް ލަނޑެއް ވަދެފައެއް ނުވެއެވެ. މިއީ 1903 ވަނަ އަހަރަށްފަހު އެ ޓީމަށް މި ރެކޯޑް އިއާދަ ކުރެވުނު ފުރަތަމަ ފަހަރެވެ.
އާސެނަލް އިން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގައި އެ ޓީމުން ލީޑު ނަގާފައިވަނީ މެޗުގެ 32 ވަނަ މިނިޓުގައި ސްލޭވިއާ ޕްރާގްގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ވީޑިއޯ ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީ އަކުންނެވެ. ލިވަޕޫލް އަށް މި ޕެނަލްޓީ ކާމިޔާބުކޮށްދީފައިވަނީ ބުކަޔޯ ސަކާ އެވެ.
ފުރަތަމަ ހާފުގައި އެންމެ ލަނޑެއް ޖެހުނު ނަމަވެސް އާސެނަލް އިން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ސްލާވިއާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.
އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ މިނިޓެއް ނުވަނީސް މިކެލް މެރީނޯ ވަނީ ލިއަންދްރޯ ޓްރޮސާޑްގެ އެސިސްޓަކުން ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. އަދި މެޗުގެ 68 ވަނަ މިނިޓުގައި އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގެ 72 ވަނަ މިނިޓުގައި ލިއަންދްރޯ ޓްރޮސާޑުގެ ބަދަލުގައި މެކްސް ޑައުމަން ކުޅެން އެރުވުމާއިއެކު އޭނާ ވެގެންގޮސްފައިވަނީ ޗެމްޕިއަންސް ލީގުގެ ތާރީހުގައިވެސް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއަށް ވެފައެވެ. މި މެޗު ކުޅުނުއިރު އޭނާގެ އުމުރަކީ 15 އަހަރާއި 308 ދުވަހެވެ. މީގެ ކުރިން ޗެމްޕިއަންސް ލީގުގައި ކުޅެފައިވާ އެންމެ ޒުވާން ކުޅުންތެރިއަކީ 2020 ވަނަ އަހަރު ބޮރޫޝިޔާ ޑޯޓްމަންޑް އަށް 16 އަހަރާއި 18 ދުވަހުން ކުޅެފައިވާ ޔޫސުފާ މޯކޮކޯ އެވެ.
މި ނަތީޖާ އާއިއެކު އާސެނަލް އަށް ވަނީ ލީގު ފޭސްގައި މިޙާތަނަށް ކުޅުނު ހަތަރު މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ. ސްލޭވިއާ ޕްރާގް އަށް ލިބިފައިވާ 2 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 30 ވަނައިގަ އެވެ.