ޚަބަރު

ފެރީގެ ނިޒާމަކީ ރަށްރަށުގެ އާންމު ހާލަތު ރަނގަޅު ކުރުމަށް މުހިންމު ނިޒާމެއް- ރައީސް ނަޝީދު


ފެރީގެ ނިޒާމަކީ ރަށްރަށުގެ އާންމު ހާލަތު ރަނގަޅު ކުރުމަށް މުހިންމު ނިޒާމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމް.ޓީ.ސީ.ސީގެ ސްޕީޑް ފެރީގެ ޚިދުމަތް ހދ މަކުނުދޫގައި އިފްތިތާހު ކުރުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ދަތުރު ފަތުރުކުރުމުގެ ނިޒާމަކުން ދިވެހިރާއްޖޭގެ ރަށްތައް ގުޅާލުމަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމް.ޑީ.ޕީގެ އަބަދުވެސް އަމާޒެއްކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުވުމަށް މުދަލާއި ހިދުމަތް އެއްރަށުން އަނެއް ރަށަށް ބަދަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މަކުނުދޫގައި އެމް.ޓީ.ސީ.ސީގެ ސްޕީޑް ފެރީގެ ޚިދުމަތް ފެށުމަކީ މަކުނުދޫގެ ރައްޔިތުންނަށް މުދާއުފުލުމަށާއި ކުޅުދުއްފުށީގެ އިތުރުން އަތޮޅުގެ އެހެން ރައްރަށަށް ދަތުރުކުރުމަށް އިތުރަށް ލުއިފަސޭހަ ގޮތެއް ހަމަޖެހިގެންދާނެ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން މަކުނުދޫގެ ރައްޔިތުންގެ ހާލަތު ބަދަލުވުމަށް މަގުފަހިވެގެންދާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މުދަލާއި ޚިދުމަތް އެއްރަށުން އަނެއް ރަށަށް ބަދަލުކުރުމަކީ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުކުރުމަށް ކޮންމެހެން ބޭނުންތެރިކަމެއް. މިއަދު އެމް.ޓީ.ސީ.ސީގެ ފަރާތުން މިފަށައިގަނެވުނީ މަކުނުދޫއިން ފެށިގެން ކުޅުދުއްފުއްޓަށް ގޮސް އަދި އެހެންވީމާ ކުޅުދުއްޓާއި ގުޅިފަވާ އެހެން ހުރިހާނަކަށް ދެވޭނެ އަވަސް ބާރު ސްޕީޑްގެ ފެރީ ނިޒާމެއް. މިޔާއެކުގައި ތިޔަ ބޭފުޅުންނަށް މުދާ އުފުލޭނެ ގޮތްތަކާއި އަދި މިއަށްވުރެވެސް މާބާރަށް ދަތުރު ކުރެވޭނެ ގޮތްތަށް މެދުވެރި ވެގެންދާނެކަމާމެދު އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

މަކުނުދޫގައި އެމް.ޓީ.ސީ.ސީގެ ސްޕީޑް ފެރީގެ ޚިދުމަތް ފެށުމަށް އެރަށު ބަނދަރު ސަރަހައްދުގައި މިއަދު މެންދުރު ބޭއްވި މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ތިލަދުންމަތި ތަމްސީލުކުރައްވާ ގިނަ މެންބަރުންނާއި ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާއުގެ އިތުރުން އެމް.ޓީ.ސީ.ސީގެ އިސްވެރިންނާއި މަކުނުދޫ ކައުންސިލްގެ ރައީސްގެ އިތުރުން އެރަށުގެ މުއައްސަސާތަކުގެ ވެރިންނާއި ރައްޔިތުން ބައިވެރިވިއެވެ.