ވިޔަފާރި

އައިފޯންގެ ވިޔަފާރި ދަށްވެ، އެޕަލްއަށް ލިބުނު ޖުމްލަ ޢާމްދަނީއަށް ކުޑަ ކުރިއެރުމެއް


އައިފޯން އުފައްދާ ކުންފުނި އެޕަލްއަށް ތިންވަނަ ކުއާޓަރގައި 53.8 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެއެވެ.

އައިފޯންގެ މާލީއަހަރު ގުނަނީ ސެޕްޓެމްބަރު މަހުންފެށިގެންނެވެ. އެކުންފުނިން ދާދިފަހުން ޢާއްމުކޮށްފައިވާ މާލީ ހިސާބުތައް ދައްކާގޮތުން ތިންވަނަ ކުއާޓަރގައި އާމްދަނީގެ ގޮތުގައި ލިބުނު ޢަދަދަކީ ހުސްވި އަހަރުގެ އެމުއްދަތާ އަޅާބަލާއިރު %1 އިތުރުއަދަދެކެވެ.

އެޕަލްގެ އެންމެ މަޤްބޫލް އުފެއްދުން ކަމުގައިވާ އައިފޯން ވިއްކައިގެން ލިބުނު ޢާމްދަނީވަނީ ދަށަށް ގޮސްފައެވެ. އެގޮތުން ހުސްވި އަހަރުގެ ތިންވަނަ ކުއާޓަރގައި 29.47 ބިލިއަން ޑޮލަރުގެ ޢާމްދަނީއެއް އައިފޯނު ވިއްކައިގެން ލިބުނުއިރު މިއަހަރުގެ ތިންވަނަ ކުއާޓަރގައި މިއަދަދުވަނީ 25.99 ބިލިއަން ޑޮލަރަށް ދަށްވެފައެވެ. މިއާއެކު އައިފޯން ވިއްކައިގެން އެޕަލްއަށް ލިބުނު ޢާމްދަނީ އެކުންފުނީގެ ޖުމްލަ ޢާމްދަނީގެ ދެބައިކުޅަ އެއްބައިވުރެވަނީ ދަށްވަފައެވެ.

ފާއިތުވި ތިން ކުއާޓަރުގައިވެސް އައިފޯނު ވިއްކައިގެން އެޕަލްއަށް ލިބުނު ޢާމްދަނީގެ ޢަދަދުވަނީ ދަށްވެފައެވެ. އައިފޯންގެ ވިޔަފާރި ދަށްވެފައި މިވަނީ އައިފޯނު ގެންގުޅޭ ފަރާތްތަކުން ފޯނު އާކުރާ މިންވަރު ދަށްވުމާއި ޗައިނާގައި އައިފޯންގެ ވިޔަފާރި ދަށްވުމާއި ގުޅިގެންކަމަށް އެޕަލް ކުންފުނިން ހާމަކުރެއެވެ.

އެޕަލްއަށް އައިފޯން ވިއްކައިގެން ލިބުނު އާމްދަނީގެ ޢަދަދު ދަށްވެފައިވިނަމަވެސް އެކުންފުނީގެ އެހެން އުފެއްދުންތަށް ކަމަށްވާ، އެޕަލް ވޮޗް، އައި އެއަރޕޮޑުގެ ވިޔަފާރިވަނީ އިތުރުވެފައެެވެ. އެގޮތުން ތިންވަނަ ކުއާޓަރގައި މިފަދަ އުފެއްދުންތައް ވިއްކައިގެން 5 ބިލިއަން ރުފިޔާގެ ޢާމްދަނީއެއްވަނީ ލިބިފައެވެ.