ޚަބަރު

ޔާމިން ވަނީ އެސްކްރޯ އެކައުންޓްގެ އެއްބަސްވުމާ ޚިލާފުވެފައި: މުއައްވިޒް


މަނީލޯންޑަރިންގެ ދައުވާ ލިބޭ ކުރީގެ ރައީސް އަބްދުﷲ ޔާމިން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އާ އެކު އެސްކްރޯ އެކައުންޓެއް ހުޅުވުމަށް ވި އެއްބަސްވުމާ ހިލާފުވެފައި ކަމަށް އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވެއްޖެއެވެ.

މުއައްވިޒް މިހެން ވިދާޅުވީ ރައީސް ޔާމީން މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށައެޅުއްވި ހެއްކެތްގެ ގޮތުގައި ކޯޓަށް ހާޒިރުވަޑައިގެން ދެއްވި ހެކިބަހުގައިއެވެ.

ޔާމިންގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި ބޭއްވި ދެވަނަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުންނާއި ރައީސް ޔާމިންގެ ފަރާތުން މުއައްވިޒުއަށް ގިނަ ސުވާލުތަކެއް ވަނީ ކުރިމަތިކުރައްވާފައިއެވެ.

އެމްއެމްޕީއާރުސީގެ މައްސަލަ ފާހަގަކުރެވުނީ ކިހާ ހިސާބެއްގައިތޯ ދައުލަތުން ސުވާލުކުރުމުން މުއައްވިޒު ވިދާޅުވީ އެ މައްސަލަ ބަލަންފެށީ 2015ވަނަ އަހަރުގެ ތެރޭގައި ކަމަށާއި، ތަހުގީގުކުރަމުންދިޔައިރު އެސްއޯއެފްގެ އެކައުންޓަށް ދައުލަތުގެ ފައިސާ ޖަމާވަމުންދިޔަ ކަމަށާއި، ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވިކަން އެނގުނީ އެ ތަހުގީގުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އަދި ވިދާޅުވީ އެ މައްސަލައާ ގުޅިގެން ރައީސް ޔާމީންގެ ކިބައިން މައުލޫމާތު ސާފު ކުރެއްވުމަށް އެ ކޮމިޝަނުގެ އޭރުގެ ރައީސް ހަސަން ލުތުފީ އާއި އޭނާ ރައީސް އޮފީހަށް ވަޑައިގެންނެވި ކަމަށެވެ. އަދި އަދި ދެ ފަހަރެއްގެ މަތިން ރައީސް ޔާމިންއާ އެގޮތައް ބައްދަލު ކުރައްވާފައިވާނެ ކަމަށާއި އެފައިސާ އަކީ ގާނޫނާ ހިލާފަށް އެސްއޯއެފްގެ އެކައުންޓަށް ވަދެފައިވާ ފައިސާ ކަމަށް ރައީސް ޔާމިނަށް ދެންނެވީ އޭގެ ތެރެއިން ފުރަތަމަ ބައްދަލުވުމުގައި ކަމަށް މުއައްވިޒު ވިދާޅުވި އެވެ.

މުއައްވިޒް ވިދާޅުވި ގޮތުގައި ޔާމިންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވިކަމުގެ މައުލޫމާތު ލިބުމުން އެމަނިކުފާނުގެ އެކައުންޓްގެ ސްޓޭޓްމެންޓް ހޯދެއްވުމަށް އެ ކޮމިޝަނުން އިސްލާމިކް ބޭކުން އެދުމުން އެ މައުލޫމާތު ދިނުނަށް އެ ބޭންކުން އޭރު ދެކޮޅު ހެދިކަމަށެވެ. ނަމަވެސް އެ އެކައުންޓްގެ މައުލޫމާތުތައް ރައީސް އޮފީހުން އެ ކޮމިޝަނަށް ދިން ފަހުން އިސްލާމިކް ބޭންކުން ވެސް އެ މައުލޫމާތުތައް ހިއްސާ ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމިންގެ އެކައުންޓަށް އެސްއޯއެފް ކުންފުނިން ޖަމާކުރި އެއް މިލިއަން ޑޮލަރު އެކްސްކްރޯ އެކައުންޓަށް ހުޅުވައިގެން ޖަމާކުރުމަށް ނިންމީ ރައީސް ޔާމިން އެގޮތައް ބޭނުންފުޅުވެގެން އެކަން އެންގެވުމުން ކަމަށް ވެސް މުއައްވިޒް ވިދާޅުވި އެވެ. އަދި ރައީސް ޔާމިން އެގޮތައް ބޭނުންފުޅުވާކަމަށް އޭސީސީއަށް އެންގެވީ އޭރުގެ އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ކަމަށް ވެސް މުއައްވިޒު ވިދާޅުވިއެވެ.

އަދި ވިދާޅުވީ އެކްސްރޯއެކައުންޓްގެ އެއްބަސްވުމުގައި އޮންނާނީ ރައީސް ޔާމިން އިސްލާމިކް އެކައުންޓްގައި ހުޅުވާފައިވާ ވަކި އެކައުންޓްގައިވާ އެއް މިލިއަން ޑޮލަރު ޖަމާކުރުމަށް ކަމަށެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގައި އެގޮތުގެ މަތީން ހުޅުވި އެކައުންޓަށް އެއްބަސްވުމާ އެއްގޮތައް ފައިސާ ޖަމާކޮށްފައިވާނެ ކަމަށް ރައީސް އޮފީހުގެ އޭރުގެ ލީގަލްއެފެއާޒް މިނިސްޓަރ އާޒިމާ ޝުކޫރު އޭސީސީއަށް އެންގެވުމުން އެފައިސާ ޖަމާކުރި ގޮތް ބަލާފައިނުވާނެ ކަމަށް މުއައްވިޒް ވިދާޅުވި އެވެ. ނަމަވެސް ފަހުން އެމްއެމްއޭ އިން ދިން މައުލޫމާތެއްގެ މައްޗަށް ބަލާ ޗެކްކުރިއިރު އެ ފައިސާ އެކްސްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ އެކައުންޓުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި އެހެންމެ އެކްސްރޯ އެކައުންޓެއް ހުޅުވައި އެ ފައިސާ އެ އެކައުންޓަށް ޖަމާކުރުމަށް ރައީސް ޔާމިން އެއްބަސްވެ ސޮއި ކުރެއްވިއިރު ވެސް ރައީސް ޔާމިން ވަނީ އެމަނިކުފާނުގެ ނަމުގައި ހުޅުވާފައިވާ އިންވެސްޓްމަންޓް އެކައުންޓަށް އެއް މިލިއަން ޑޮލަރު ޓްރާންސްފަރ ކޮށްފައި ކަން އެނގުނީ ފަހުން ކަމަށްވެސް މުއައްވިޒް ވިދާޅުވި އެވެ. ރައީސް ޔާމިންވެސް ޝަރީއަތުގައި ވިދާޅުވީ އެކްސްރޯ އެކައުންޓް ހުޅުވުމަށް އެއްބަސްވެވަޑައިގެންނެވުމުގެ ކުރިން އެ އެއް މިލިއަން ޑޮލަރު އެމަނިކުފާނު އެހެން އެކައުންޓަކަށް ޓްރާންސްފަރ ކުރި ކަމަށް ވިދާޅުވެފައިއެވެ.

ރައީސް ޔާމިން ވެސް ވަނީ މުއައްވިޒްއާ ސުވާލު ކުރައްވާފައި އެވެ. އެގޮތުން އެމަނިކުފާނާ ބައްދަލުކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގެންނެވީ ކިތައް މީހުންތޯ އާއި އެސްއޯއެފް އެކައުންޓުގައި ހުރީ ގާނޫނާ ހިލާފު ފައިސާކަން ޔަގީން ކުރެވިއްޖެތޯ އެއްސެވި އެވެ. އަދި އޭސީސީއާއެކު އެހެން ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް އެ ފައިސާ ޖާމާކުރުން އެއީ މަނީ ލޯންޑަރިންނަށް ނުވާނެތޯއާއި އިސްލާމިކް ބޭންކްގައި ހުޅުވިނަމަ އެ ފައިސާ ޖަމާނުކުރެއްވީސްތޯ އެއްސެވި އެވެ.

މުއައްވިޒް ވިދާޅުވީ ކޮންމެ ބޭންކެއްގައި އެކްސްރޯ އެކައުންޓް ހުޅުވި ނަމަވެސް ފައިސާ ޖަމާކުރުމަށް އުނދަގޫވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އެސްއޯއެފް އެކައުންޓުގައި ހުރީ ގާނޫނާ ޚިލާފަށް ހޯދި ފައިސާ ކަމަށް ތުހްމަތު ކުރެވޭތީ އެކްސްކްރޯ އެކައުންޓުގައި ފައިސާ ބަހައްޓަން އެއްބަސްވީ 12 މަސްދުވަހަށް ކަމަށާ، އެ މުއްދަތު މިހާރު ހަމަވެފައިވާކަމަށެވެ. އެ ފައިސާއަކީ ގާނޫނާ ހިލާފު ފައިސާތޯ މިހާރު ކަނޑައެޅިއްޖެތޯ ޔާމީން ސުވާލު ކުރެއްވިއެވެ.

މުއައްވިޒް ވިދާޅުވީ އަދި އެ މައްސަލަ ނުނިމޭ ކަމަށާއި އެ މައްސަލަ ނުނިމި އޮތީ ރައީސް ޔާމިން އެކްސްރޯއެކައުންޓް ހުޅުވުމަށް ވެވަޑައިގެންނެވި އެއްބަސްވުމާ އެއްގޮތައް އެ ފައިސާ ޖަމާ ނުކުރުމުން ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ ވެސް ވަނީ މައްސަލައާ ގުޅޭ ގޮތުން މުއައްވިޒުއާ ގިނަ ސުވާލުތަކެއް ކުރިމަތިކުރުވާފައެވެ. މައުލޫމާތު ދިނުމަށް އޭސީސީއަށް އެއްބާރުލުން ނުދިނުމުން އިސްލާމިކް ބޭންކާމެދު އަމަލު ކުރީ ކިހިނެތްތޯ އާއި ރައީސް ޔާމީންގެ އެކަންޓުގައި ހުރި ފައިސާ ހިފެހެއްޓުމަށް ކޯޓް އަމުރަކަށް ނޭދުނީ ކިހިނެތްތޯ އެއްސެވި އެވެ.

މުއައްވިޒު ވިދާޅުވީ އެކައުންޓް ފްރީޒްކުރުމަށް ކޯޓު އަމުރަކަށް އެދެން މަޝްވަރާ ކުރެވުނު ކަމަށާއި ނަމަވެސް ޔާމިންގެ އެކައުންޓް ފްރީޒްކުރުމަށް ފުލުހުން ވެސް ކޯޓުގައި އެދިގެން އެކަން ނުވެފައިވާތީ އެ ކޮމިޝަނުން ވެސް ކޯޓަށް ހުށައަޅައިގެން އަމުރަކަށް އެދުމަށް އޭރު ނިންމާފައިނުވީ ކަމަށެވެ.

މި ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ކިތާބީ 2 ހެއްކަކާއި، ޝަފައީ ހެއްކެއް ވަނީ ހުށަހަޅާފައެވެ. ޝަފައީ ހެއްކެތްގެ ގޮތުގައި ހުށައެޅުއްވީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރ ޑރ.އާޒިމާ އާދަމް އެވެ. އަދި ކިތާބީ ހެކީގެ ގޮތުގައި އެމްއެމްއޭއިން ނެރުނު ނޫސްބަޔާނެއް ވަނީ ހުށަހަޅާފައެވެ.

ޔާމީނާދެކޮޅަށް ހެކިންގެ ގޮތުގައި ހުށައަޅުއްވާފައިވާ އެހެން ބޭފުޅުންނަކީ އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއާއި އޭސީސީގެ މިހާރު ރައީސް މުއައްވިޒު ރަޝީދާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކުރީގެ ޓްއަރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތާއި ބީއެމްއެލްގެ ބޯޑް މެމްބަރު މުހައްމަދު ލުވެއިޒް އާއި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފެވެ.

ގާޒީ ވިދާޅުވީ އެ ހެކިންގެ ތެރެއިން ވީހާވެސް ގިނަ ހެކިން ދެން އޮންނަ އަޑުއެހުމަކަށް ހާޒިރުކޮށް ހެކިބަސް ނަންނަގަވާނެ ކަމަށެވެ. އަދި މި އަޑުއެހުމުގައި ވެސް ދައުލަތުން ކޯޓަށް ހުށައަޅާފައިވާ ދެ ލިޔުމެއް ޔާމިނަށް ލިބިވަޑައިގެންފައިނުވާތީ އެ ލިޔުންތަކާ ގުޅޭ ގޮތުން މުއައްވިޒުއާ ސުވާލު ކުރެއްވުމަށް އަދި ކޯޓަށް ހާޒިރު ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުން ފެށުމާއެކު ޔާމިންގެ ފަރާތުން ވަނީ ޝަރީއަތާ ގުޅިގެން އިޖްރާއީ ނުކުރާތަކެއް ފާހަގަ ކުރައްވާފައެވެ. އޭގެ ތެރޭގައި އެ މައްސަލަ ކޯޓަށް ހުށައަޅާފައިވަނީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ކަނޑައަޅާފައިވާ ފޯމަކުން ހުށައަޅާފައިނުވުމާއި ޓީވީމެދުވެރިކޮށް ޝަރީއަތް ލައިވް ކުރާއިރު އެކަމަށް ހެދިފައިވާ އުސޫލެއް ފެންނާން ނެތުން ހިމެނެ އެވެ. ނަމަވެސް ގާޒީ ވަނީ އެކަން ކަމަށް ރައްދުދެއްވާ އެ ނުކުތާތައް ބަލައިނުގަތުމަށް ނިންމަވާފައިއެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނެ ވަކި ދުވަހެއް ގާޒީ ވިދާޅެއްނުވެއެވެ.