ވިޔަފާރި

ލޮނުފެނުން މަސް ފިނިކުރާ ނިޒާމުގެ ލޯނަށް ހުށަހަޅާއިރު ރަހުނު ބަހައްޓަން ނުޖެހޭގޮތަށްހަދައިފި


މަސް ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ދޫކުރާ ލޯނަށް ހުށަހަޅަންޖެހޭ ރަހުނު އުނިކުރުމަށްފަހު ލޯނަށްއެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި ލޯނަށް އެދުމަށް އެންމެ ފުރަތަމަ ހުޅުވާލި މުއްދަތު ހަމަވެފައިވަނީ މެއިމަހުގެ 26ވަނަ ދުވަހުއެވެ. އަދި އެއަށްފަހު ޖޫންމަހުގެ 25ވަނަ ދުވަހާހަމައަށް މުއްދަތު އިތުރުކުރިއެވެ. އެންމެފަހުން ހުޅުވާލި ފުރުޞަތު މިމަހުގެ އެއްވަނަދުވަހަށް ހަމަވުމާގުޅިގެން މިހާރުވަނީ އަންނަމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައެވެ.

މުއްދަތު އިތުރުކޮށް ރަހުނު ބަހައްޓަން ނުޖެހޭގޮތަށް ހަމަޖައްސާފައިވަނީ މިހާތަނަށް މަސްވެރިންގެ ފަރާތުން މިލޯނަށް އެދެވޭ ތަރުޙީބެއް ނުލިބުމުންކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރައްވައެވެ.

"ކަނޑުފަޅުގެ ނަފާ"ގެ ނަމުގައި ދޫކުރާ މި މިލޯނަކީ ފިޝަރީޒް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ދޫކުރާ ލޯނެކެވެ. މިލޯނުގެ މަޤުޞަދަކީ މިހާރު ރާއްޖޭގެ އެކިއަތޮޅުތަކުގައި ޤާޢިމުކޮށްފައިހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާވަރަށް އައިސް ނުލިބޭތީއާއި އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކޮށް މަސްވެރިކަމުގައި ބޭނޭ މަސް ގިނަވަގުތު ތާޒާކަންމަތީ ދޯނީގައި ރައްކާކޮށް، ކަނޑުމަތީގައި ގިނަވަގުތު ހޭދަކުރެވޭގޮތް މެދުވެރިކޮށްދީ މަސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް އެހީތެރިވެ މަގުފަހިކޮށްދިނުން ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

ލޯނު ޕްރޮގްރާމްގެ ދަށުން ތިން މިލިޔަން އައްޑިހަ ހަތަރު ހާސް ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާއިރު، ލޯނަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ހަތް ލައްކަ ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެކަމަށާ، މިލޯނު ދޫކުރާނީ ފައިބަރު ދޯނިފަހަރުތަކަށް ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

މިމަޝްރޫޢުގެ ދަށުން ދޫކުރާ ލޯނުގެއަގު ކަނޑައަޅާފައިވަނީ ލޮނު ފެނުން މަސްފިނިކުރާ ނިޒާމުގެ 10 ޓަނާއި 15 ޓަނުގެ ޕްލާންޓަށް އަމާޒުކޮށް، އޭގެ އަގާއި ސިސްޓަމް ހިންގަން ބޭނުންވާ ޖަނަރޭޓަރުގެ އަގާއި ދޯނީގައި މިސިސްޓަމް ހަރުކުރުމުގެ އަގު ހިމަނައިގެންކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. %6 ގެ އިންޓްރެސްޓް ރޭޓަކާއި ހަ މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެން ދޫކުރާ މިލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

ލޯނަށްއެދޭ ފޯމް ސަރުކާރުގެ ރަސްމީ ގަޑީގައި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިންނާއި އެސް.ޑީ.އެފް.ސީން އަދި އެސް.ޑީ.އެފް.ސީ ގެވެބްސައިޓުން ލިބެން ހުންނާނެއެވެ.