ޚަބަރު

ކުރީގެ ނާއިބްރައީސް އަޙްމަދު އަދީބް އަދި ރާއްޖެއަކަށް ނުގެނެވޭ - ފުލުހުން


ޓަގު ބޯޓެއްގައި ފިއްލަވައިގެން އިންޑިއާގެ ސޫތުކުޅިއަށް އެތެރެވާން މަސައްކަތްކުރި ރާއްޖޭގެ ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބު އަދި މިހާތަނަށް ރާއްޖެ ގެނެވިފައިނުވާކަމަށް ފުލުހުންބުނެފިއެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ އަހުމަދު އަދީބު އަދި މިހާތަނަށް ރާއްޖެނެގެވިފައި ނުވާކަމަށެވެ. ނަމަވެސް މިކަމާގުޅޭ މާބޮޑު ތަފްސީލެއް އޭނާ ދެއްވާފައިނުވެއެވެ. ފުލުހުން މިހާތަނަށް މިމައްސަލާގައި ވިދާޅުވެފައިވަނީ އަދީބް މިހާރުހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށެވެ.

އަދީބު ފިއްލައވައިގެން ވަޑައިގަތް ޓަގު ބޯޓު ރާއްޖެއިން ފުރާފައިވަނީ މި މަހުގެ 27ވަނަ ދުވަހުއެވެ. ފުރިއިރު، އެ ބޯޓުގައި ރާއްޖެއަށް އައި 9 މީހުންގެ ބަދަލުގައި 10 މީހުން ތިއްބެވެ. 10ވަނަ މީހަކީ އަދީބެވެ. ރާއްޖެއިން އިތުރު މީހަކު އެ ބޯޓަށް އެރިކަން އެ ބޯޓުގެ އެޖެންޓަށް އެންގީ އެބޯޓުގައި ހުރި އިންޑިއާ ފަޅުވެރިޔާއެވެ. އެޖެންޓް މެދުވެރިކޮށް، އިންޑިއާގެ ކަސްޓަމާއި ކޯސްޓްގާޑާއި ޖާސޫސީ އިދާރާތަކަށް އެންގުނުއިރު ބޯޓު ރާއްޖެއިން ފުރާފައިވާކަމަށް ބެލެވެއެވެ. އިންޑިއާގެ ފުލުހުންނަށް ބޯޓު އަތުވެފައިވަނީ އިންޑިއާގެ ޓްުޓިކޮރި ނުވަތަ ސޫތުކުޅި އާއި ހަމައަށް ދަތުރުކުރިފަހުންނެވެ.

ޓައިމްސް އޮފް އިންޑިއާއިން ބުނެފައިވަނީ އަދީބް ދަތުރުކޮށްފައިވަނީ ސިންގަޕޫރުގައި ރެޖިސްޓްރީކޮށްފައިވާ ވަރގޯ-9 ނަމަކަށް ކިޔާ ޓަގު ބޯޓެއްގައެވެ. މި އުޅަނދަކީ މިދިޔަމަހުގެ 11ވަނަ ދުވަހު ހިލަވެލި ބަރުކޮށްގެން ރާއްޖެ އައިސްފައިވާ އުޅަނދެކެވެ.

ފިއްލަވައިގެން ސޫތުކުޅިއަށް ވަޑައިގަތުމަށްފަހު އަދީބުވަނީ އިންޑިއާގެ ސިޔާސީ ހިމާޔަތަށްވެސް އެދިވަޑައިގެންފައެވެ. އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި މަރުކަޒުވެފައިވާ އަދީބްގެ ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލުންގެ ޓީމުން ބުނީ އޭނާ ޤައުމު ދޫކޮށް ދިޔައީ ފުރާނައަށް ނުރައްކާވުމުންކަމަށެވެ. އެހެންނަމަވެސް އިއްޔެގެ ވަގުތެއްގައި އިންޑިއާއިންވަނީ އަޙްމަދު އަދީބު އަބްދުލްޣަފޫރަށް ސިޔާސީ ޙިމާޔަތްދިނުމަށް ދެކޮޅުހަދައި އިންޑިއާއިން އޭނާ ޑީޕޯޓްކޮށްލާފައެވެ.

އަދީބް ފިލައިގެން އިންޑިއާއަށް އެތެރެވާން ކުރި މަސައްކަތް ފަޅާއަރުވާލީ އޭނަ ދަތުރުކުރި ޓަގު ބޯޓުގައި އުޅުނު އިންޑިޔާގެ ފަޅުވެރިޔާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.