ވިޔަފާރި

މަންޓާ އެއަރގެ ސީޕްލޭން ދަތުރުތައް އަންނަމަހު ފަށަނީ


އަންނަ މަހުގެ ތެރޭގައި މަންޓާ އެއަރގެ ސީޕްލޭން ދަތުރުތައް ފެށުމަށް މަސައްކަތްކުރަމުން އަންނަކަމަށް އެ އެއަރލައިނުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މަންޓާ އެއަރގެ ޗީފް މާކެޓިންގ އޮފިސަރ އަޙްމަދު މައުމޫން ވިދާޅުވީ، ސީޕްލޭން ދަތުރުތައް ފެށުމުގެ މަސައްކަތް ކުޑަކޮށް ލަސްވިނަމަވެސް މިހާރު މިމަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށެވެ. މިމަސައްކަތް މިހާރު ލަސްވަނީ އޭވިއޭޝަނުން ނަގަންޖެހޭ ބައެއް ހުއްދަތައް ހުރުމުންކަމަށާ، ހުއްދަތައް ނެގުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް މައުމޫން ވިދާޅުވިއެވެ. ހުއްދަތައް ނެގުމަށްފަހު އަންނަ ސެޕްޓެމްބަރ މަހުގެ ތެރޭގައި ސީޕްލޭން ދަތުރުތައް ފެށޭނެކަމަށް އުންމީދުކުރާކަމަށް އެ އެއަރލައިނުން ބުނެއެވެ.

ދަތުރުތައް ފެށުމަށް ހުއްދަ ލިބުނުހާ އަވަހަށް ސީޕްލޭންތައް ރާއްޖެ ގެންނާނެކަމަށް އެކުންފުނިން ބުނެއެވެ. ސީޕްލޭން ދަތުރުތަކުގައި ބޭނުންކުރާ ބޯޓުތައް އެކުންފުނިން ގެންނަނީ ކެނެޑާއިންނެވެ. ހުއްދަ ލިބުނުހާ އަވަހަށް 4 ބޯޓު ގެންނާނެކަމަށާ، މިއަހަރުގެ ނިމުމުގެ ކުރިން 10 ބޯޓު ގެންނާނެކަމަށް މަންޓާއިން ބުނެއެވެ. މަންޓާ އެއަރގެ ސީޕްލޭން ދަތުރުތައް އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ އެޙިދުމަތް ބޭނުންވާ ރިސޯޓުތަކަށެވެ.

މަންޓާ އެއަރއިން ވަނީ ރާއްޖޭގެ 5 ސީޕްލޭން ޕައިލެޓުންނަށް އޭ.ޓީ.އާރުގެ އެންމެފަހުގެ މަތިންދާބޯޓު ދުއްވުމަށް ޓްރެއިންގ ދިނުމަށް ޚާއްސަ ސްޕޮންސަރޝިޕެއްވެސް މީގެކުރިން ހަދިޔާކޮށްފައެވެ.

މަންޓާ އެއަރގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގއ ފެބްރުއަރީމަހުއެވެ. މި އެއަރލައިންގެ އުދުހުންތައް މިވަގުތު ބާއްވަމުން އަންނަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދ.ކުޑަހުވަދޫ އަދި ބ.ދަރަވަންދޫ އެއަރޕޯޓަށެވެ.