ކުޅިވަރު

ރަނގަޅު ކުޅުންތެރިން ނެތި މާޒިޔާއާއި ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނުނެރެވޭނެ - ވިކްޓްރީގެ ކޯޗު


މާޒިޔާ ކަހަލަ ވަރުގަދަ ޓީމުތަކާއި ދެކޮޅަށް ރަނގަޅު ކުޅުންތެރިން ނެތި ކުޅުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ކޯޗު މުޙައްމަދު އާދަމް ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ރޭ މާޒިޔާ އަތުން 0-9 އިން ބަލިވި މެޗަށް ފަހު ވާހަކަ ދައްކަމުން ވިކްޓްރީގެ ކޯޗު މުޙައްމަދު އާދަމް ބުނީ، މާޒިޔާ ކަހަލަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކޭނީ ފެންވަރު ރަނގަޅު ކުޅުންތެރިން ޓީމުގައި ތިބެގެންކަމަށެވެ. ކޯޗު ބުނީ މި މެޗުގައި މާޒިޔާއިން ވިކްޓްރީ ކޮޅަށް 16 ނުވަތަ 17 ލަނޑު ޖަހާނެ ކަމަށް ބެލެވުނު ކަމަށާއި، މި ނަތީޖާއަކީ އުއްމީދު ކުރި ވަރަށް ވުރެ ރަނގަޅު ނަތީޖާއެއް ކަމަށެވެ. އަދި މި މެޗަށް ޓީމު ނުކުތީ ޖުމްލަ 12 ކުޅުންތެރިންނާއެކު ކަމަށާއި، ބެންޗުގައި އިން ހަމައެކަނި ކުޅުންތެރިޔާވެސް ހުރީ އަނިޔާގައި ކަމަށެވެ.

މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ ބުނީ ގައުމީ ޓީމުގެ ކުޅުންތެރިން ނެތި މިދިޔަ ބްރޭކުގައި ޕްރެކްޓިހުގައި ގިނައިން ބޭނުންކުރި ކުޅުންތެރިން ލައިގެން މި މެޗުގައި ދެއްކު ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ކޯނޭގެ ފަރާތުން ފެނުނު ކުޅުމުން ކުރިއަށް ހުރި މެޗުތަކާ މެދު އުއްމީދު ބޮޑުވެއްޖެ ކަމަށެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ލީގުގައި މިއަދު 2 މެޗެއް ކުޅޭނެއެވެ. އެގޮތުން މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ށ.ފޯކައިދޫއާއި ކްލަބް އީގަލްސްއެވެ. އަދި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ އެވެ.