ޚަބަރު

މައްކާގައި ކިޔަވަންތިބޭ ދިވެހި ދަރިވަރުންނާ މިއަހަރުގެ ހައްޖު މިޝަންގެ ފަރާތުން ބައްދަލުކޮށްފި


މާތްވެގެންވާ މައްކާގައި ކިޔަވަންތިބޭ ދިވެހި ދަރިވަރުންނާއި މިއަހަރުގެ ރާއްޖޭގެ ހައްޖު މިޝަންގެ ފަރާތުން ބައްދަލުކޮށްފިއެވެ. މި ބައްދަލުވުމުގައި ޙައްޖުގެ އިންތިޒާމުގެ ކަންކަން ހަރުދަނާކުރުމާ ގުޅޭގޮތުން ދަރިވަރުންގެ ޚިޔާލާއި ޙައްޖާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ދަރިވަރުންނަށް އަދާކުރެވިދާނެ ދައުރާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

ޙައްޖު މިޝަނަކީ ރާއްޖެއިން މިއަހަރު ޙައްޖަށްދާ މީހުންނަށް އެހީތެރިވުމަށް ސަޢުދީ އަރަބިއްޔާގެ މައްކާގައި ޤާއިމްކޮށްފައިވާ އޮފީހެވެ. ކޮންމެ އަހަރަކުވެސް މި އޮފީސް މައްކާގައި ޤާއިމްކުރެއެވެ. މިއަހަރުވެސް ދަނީ މި އޮފީސް ޤާއިމްކޮށް، ރާއްޖެއިން ހައްޖަށް މިހާރުގޮސްފައިވާ މީހުންގެ ޙާލު ގާތުން ބަލައި އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިއަހަރުގެ ޙައްޖު މިޝަނުންވަނީ ސައުތު އީސްޓް އޭޝިއާގެ ޙައްޖު މުއައްސަސާގެ ރައީސް ޑރ.ރައުފަތު ބަދުރާ ބައްދަލުކޮށްވެސް ޙައްޖުގެ ކަންކަމާގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މިގޮތުން ޙައްޖުގެ އެންމެހައި ކަންކަމުގައި ސަޢޫދީ ޢަރަބިއްޔާއިން މުޢާމަލާތްކުރާ އެންމެ އިސްފަރާތަކީ ޙައްޖު މިޝަން ކަމަށްވުމާއެކު، ޙައްޖު މިޝަނުގެ މަސައްކަތް ހަރުދަނާކޮށް މިޝަންގެ ފަރާތުން ދިވެހި ޙާޖީންނަށްދޭ ޚިދުމަތްތައް ވީހާވެސް ފުޅާކުރުމަށްވަނީ މަޝްވަރާކޮށްފައެވެ. އަދި ޙައްޖުވެރިންނަށް ޚިދުމަތްދިނުމަށް ދިވެހި ޙައްޖު ކުންފުނިތަކުން ނަގާފައިވާ މުޠައްވިފުނާ ގުޅޭ މަޢުލޫމާތުވެސް ސައުތުއީސްޓް އޭޝިއާގެ ޙައްޖު މުއައްސަސާއާ ވަނީ ޙިއްސާކޮށްފައެވެ.

މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށްތަކައި ދެހާސް ކޯޓާ ލިބިފައިވާއިރު އެއް ހާސް ނުވަ ސަތޭކައަށްވުރެ ގިނަ މީހުން ހައްޖަށްދެއެވެ. ހައްޖަށް ދިއުމަށް ޙައްޖުވެރިން ފުރަންފަށާފައިވަނީ މިދިޔަ މަހުގެ އެކާވީސްވަނަ ދުވަހުއެވެ. އަދި އެންމެ ފަހުން ފުރާ ފަރާތްތައް މިމަހުގެ ފަސްވަނަދުވަހު ފުރާނެއެވެ. މިއަހަރުގެ އަރަފާތުދުވަސް ދިމާވަނީ މިހިނގާ އޮގަސްޓުމަހުގެ ދިހައެއްވާ ހޮނިހިރު ދުވަހަށެވެ.
މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށްޓަކައި ޙައްޖު ކޯޕަރޭޝަނާއެކު ހަ ޖަމާޢަތަކަށްވަނީ ހުއްދަ ދީފައެވެ.