ޚަބަރު

މެރިން ސައިންސް ކޭމްޕްގެ ދަރިވަރުންނަށް، މުޅިން އައު ތަޖުރިބާތަކެއް!


ކަނޑު މަތީގައި ހިނގާފާނެ ނުރައްކާތެރި ޙާދިސާތަކުން ރައްކާތެރިވެ، އެފަދަކަމެއް ހިނގައިފިނަމަ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާނެގޮތާ ގުޅޭގޮތުން މެރިން ސައިންސް ކޭމްޕްގެ ދަރިވަރުންނަށް ތަމްރީން ދީފިއެވެ. މިއަހަރުގެ މެރިން ސައިންސް ކޭމްޕަކީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ކޭމްޕެކެވެ.

ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމުގެ ބޮޑު އިންސައްތައެއް ކަނޑު ދަތުރަށް ބަރޯސާވެފައިވާއިރު ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ ފުރިހަމަ މަޢުލޫމާތު ކޮންމެ ދިވެއްސަކަށްވެސް ލިބިފައިވުމަކީ ކޮންމެހެން މުހިންމުކަމެކެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް މެރިން ރިސޯސަސްއިން ކުރިއަށްގެންދިޔަ މެރިން ސައިންސް ކޭމްޕްގެ ދަރިވަރުންނަށްވަނީ ކަނޑު މަތީގައި ހިންގާފާނެ ޙާދިސާއަކަށް ތައްޔާރުވުމަށްޓަކައި، އެފަދަ ޙާލަތެއް މެދުވެރިވެއްޖެ ނަމަ ޢަމަލު ކުރާނެ ގޮތުގެ ޢަމަލީ ތަޖުރިބާ ދީފައެވެ. އެގޮތުން މިކުދިންވަނީ ދޯނިން މީހަކު ވެއްޓިއްޖެނަމަ ޢަމަލުކުރާނެގޮތާއި އަލިފާނުގެ ޙާދިސާއެއް ނުވަތަ އެހެންވެސް ޙާލަތެއްގައި ކަނޑު އުޅަނދު ދޫކޮށްލަން ޖެހިއްޖެނަމަ ކަންތައް ކުރާނެގޮތުގެ ޢަމަލީ ތަޖުރިބާ ކޮށްފައެވެ.
ކަނޑު މަތީގައި ކުރިއަށްގެންދިޔަ ފުރަތަމަ ސެޝަންގައި އެކުދިންވަނީ މޫދަށް މީހަކުވެއްޓުމުން އަވަސް ފިޔަވަޅު އަޅާނެގޮތް ދަސްކޮށްފައެވެ.

އެގޮތުން މީހަކު ވެއްޓުމުން އެމީހާ މޫދަށް ވެއްޓުނުކަން ކަމާގުޅޭ ފަރާތްތަކަށް އަންގާނެގޮތާއި އަދި މީހާ މޫދުން ނެގުމުގައި މޫދަށް ފައިބައިގެން ޢަމަލުކުރާނެގޮތާއި މީހާ ނެގުމަށްފަހު އަވަސް ފަރުވާ ދޭނެގޮތްތަކަށްވެސް ކުދިންވަނީ ތަޖުރިބާކޮށްފައެވެ. މިކުދިން މިކަން ކޮށްފައިވަނީ ކަނޑަށް ފައިބައިގެންނެވެ.

މީގެއިތުރުން ދެން ކުރިއަށް ގެންގޮސްފައިވަނީ އުޅަނދުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން ނުވަތަ އުޅަނދު ދޫކޮށްލަން ޖެހިއްޖެ ޙާލަތެއް މެދުވެރިވެއްޖެނަމަ އުޅަނދުން މީހުން ފޭބުމަށްފަހު ޢަމަލު ކުރާނެގޮތެވެ. މިކަން ތަޖުރިބާ ކުރުމަށް ކޭމްޕްގައި ބައިވެރިވި 58 ދަރިވަރުންވަނީ ކަނޑަށް ފައިބާފައެވެ. އަދި އެހީއަށް އެދުމަށް ޢަމަލުކުރާނެ އުކުޅުތައްވެސް ދަރިވަރުން ވަނީ ދަސްކޮށްފައެވެ.

މިކޭމްޕުގެ ދަރިވަރުންވަނީ ރާއްޖެއަށް މުޅިންއަލަށް ތަޢާރަފްކޮށްފައިވާ ތުތި ބޯވަދިލަމަސް ބާނާނެ ގޮތްވެސް ދަސްކޮށްފައެވެ. މިއަށްފަހު ދެން ދަރިވަރުން ގޮސްފައިވަނީ ތުލުސްދޫ ކައިރީގައިއޮންނަ ފަރެއް ބަލާލުމަށެވެ. އެގޮތުން ރާއްޖޭގެ ފަރުތަކުގައިއުޅޭ މަސްމަހާމެހީގެ ދިރުންތަކާއި ގަލާއި މުރަކަތައް އެކުދިންވަނީ ބަލާލާފައެވެ.

ދެ ދުވަހަށް ކުރިއަށް ގެންދިގަ މެރިން ސައިންސް ކޭމްޕްގެ ފަހުހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންގޮސްފައިވަނީ ހިންމަފުށީގައި ހުންނަ ބިގްފިޝް މަސްފެކްޓްރީ ބަލާލަން ދިއުމެވެ. ފެކްޓްރީއަށްގޮސް ދަރިވަރުންވަނީ މަސް ދޯނިތަކުން މަހުގެ ވިޔަފާރިކުރާ ގޮތާއި މަހުން މަންފާ ހޯދުމަށް މަސް ޕްރޮސެސްކުރާ ގޮތް ބަލައި އެކަމުގެ މަޢުލުމާތުތައް އޮޅުން ފިލުވާލާފައެވެ.