ހިއުމަން ރިސޯސަސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެދާއިރާގެ މަޢުލޫމާތު ދިނުމަށް ޚާއްސަ ކޮންފަރެންސްއެއް ފަށައިފިއެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސަސް ޕްރޮފެޝަނަލްގެ ފަރާތުން އިންތިޒާމުކޮށްގން އެޗްއާރު ދާއިރާގެ މީހުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ "ލާރނިން އެންޑް ޑިވަލޮޕްމަންޓް ކޮންފަރެންސް" ފަށާފައިވަނީ މިއަދު ހެނދުނު އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގެ އޮޑިޓޯރިއަމްގައެވެ. އެއްދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ކޮންފަރެނސްގެ ތީމް އަކީ "ބްލިޑިން އޭން އަޖައިލް ކަލްޗަރ"އެވެ.
މިއީ ރާއްޖޭގައި އެޗްއާރު ދާއިރާއާއި މީހުން ބިނާކުރުމުގައި، މިހާރު ދުނިޔޭގައި މީހުން ބިނާކުރުމުގެ ނިޒާމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން މަޢޫލޫމާތު ދިނުމާއި މަޢޫލޫމާތު ބަދަލުކުރުމަށް ބާއްވާ ކޮންފަރެންސްއެކެވެ. އަދި މިއީ އެޗް.އާރް އެސޯސިއޭޝަނުން ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސްއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސަސް ޕްރޮފިޝަނަލްގެ ޕްރެޒިޑެންޓް އަފީފް ހުސައިން ވިދާޅުވީ މި ކޮންފަރެންސް ބާއްވަނީ ބައިވެރިވާ ފާރްތަކުން ފީއެއް ދައްކައިގެން ކަމަށެވެ. މިގޮތުން އެ އެސޯސިއޭޝަންގެ މެމްބަރެއް ނަމަ 90 އެމެރިކާ ޑޮލަރު އަދި އެހެނިހެން ފަރާޓްތަކުން 115 ޑޮލަރު ދައްކަންޖޭކަމަށް އަފީފް ވިދާޅުވިއެވެ. އަދި ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ލިބޭ ފައިސާއިން މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި ބާއްވާ މިފަދަ ހަރާކާތްތަކަށް ހޭދަކުރަން ހަމަޖެހިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިއހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މިފަދަ ކޮންފަރެންސްތައް ބާއްވާނެ. އަތޮޅުތަކުގައިވެސް މިފަދަ ބޮޑެތި އިވެންޓްތައް ނުބޭއްވިނަމަވެސް ކުދިކުދި އިވެންޓްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައި" އަފީފް ވިދާޅުވިއެވެ.
މި ކޮންފަރެންސްގައި ތަނެއްގެ މެނޭޖްމަންޓް ބަދަލުކުރުރާއިރު ބަލަންޖެހޭ ކަންކަންތަކާއި ދުނިޔޭގެ އުނގަންނައިދިނުމާއި އުނގަންނައިދިނުމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ މާޙައުލަށް އަންނަމުންދާ ބަދަލުތަކުގެ މަޢުލޫމާތު ޙިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިފަދަ ކަންކަން ރާއްޖޭގައި ކުރެވޭނެ ގޮތްތައްވެސް ކިޔައިދިނުމަށް ވަނީ ހަމަޖެހިފައެވެ. ކޮންފަރެނސްގައި "ކީ ނޯޓް ސްޕީޗް" ދިނުމަށް ހަމަޖެހިފައިވަނީ އެޗްއާރު ދާއިރާގެ ބޭފުޅުންނެވެ. އެޗްއާރު އެސޯސިއޭޝަނުން ބުނީ މިމިއަހރުގެ ކޮންފަރެންސްގައި 230 މީހުން ބައިވެރިވެފައިވާކަމަށެވެ.