މުނިފޫހިފިލުވުން

އެކްތާގެ "ހައިވާން" މިމަހުގެ އެއްތިރީހުގައި ޓީވީތަކަށް އަންނަނީ

އޭކްތާ ކަޕޫރުގެ އައު ޓީވީ ސީރިޒް "ހައިވާން – ދަ މޮންސްޓަރ" މިމަހުގެ އެއްތިރީހުގައި ޒީޓީވީން ދައްކަންފަށާނެއެވެ.

މި ސީރީޒް އަކީ މަޝްހޫރު ހޮލީވުޑް ފިލްމް "ހަލްކް" އަޞްލަކަށް ބަލައިގެން ތައްޔާރުކުރާ ސުޕަރ ނެޗުރަލް ސިރީޒެކެވެ. މި ސިލްސިލާގެ ޕްރޮމޯވެސް ޒީ ޓީވީން މިހާރު ވަނީ ދައްކަން ފަށާފައެވެ. މި ސީރީޒްގެ ލީޑުން ފެނިގެން ދާނީ ރިދިމާ ޕަންޑިތު ،ޕަރަމް ސިންގް އަދި އަންކިތު މޯހަން އެވެ.

"ސްޓަރ ބާރަތު އިން ދެއްކި ބަހޫ ހަމާރީ ރަޖްނީކާންތު" ސިލްސިލާގައި ކުޅެފައިވާ ރޮބޮޓުގެ ރޯލުން ރިދީމާ އަށް ވަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިއެވެ. ރިދިމާ ވަނީ އޭކްތާ ކަޕޫރުގެ ވެބް ސީރީޒް "ހަމް-އައި އެމް ބިކޯޒް އޮފް އަސް" ގަވެސް މަސައްކަތް ކޮށްފައެވެ. "ހައިވާން"ގައި ރިދިމާ ފެނިގެންދާނީ ފުލުހެއްގެ ރޯލުންނެވެ.

މިހާރަކަށް އައިސް އިންޑިއާގައި ސުޕަރ ނެޗުރަލް ސީރީޒްގެ ފޯރި ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ސީރީޒް އަކީ ކަލަރޒް އިން ގެނެސްދޭ އޭކްތާ ކަޕޫރުގެ "ނާގިން" އެވެ. މި ސީރީގެ ތިން ސީޒަން ގެނެސްދީފައިވާއިރު ނާގިންގެ ހަތަރުވަނަ ސީޒަން އަންނަ އަހަރު ދަށްކަން ފާށާނެއެވެ.
ހައިވާން ގެނެސްދޭނީ ހުކުރު ހޮނިހިރު މި ދެދުވަހުއެވެ.

ޒީ ޓީވީން މިހާރުވެސް އޭކްތާ ކަޕޫރުގެ ދެ ޑްރާމާ ސިލްސިލާއެއް ގެނެސްދެއެވެ. އެއީ ކުމްކުމް ބާގްޔާ އަދި މި ސިލްސިލާގެ ސީކުއެލް ކުންޑަލީ ބާގްޔާއެވެ. މި ދެ ޑްރާމާ އަކީވެސް ދިވެހިންގެ މެދުގައިވެސް ވަރަށް މަގުބޫލު ދެ ސިލްސިލާއެވެ.