ވިޔަފާރި

ޓެކްސްގެ ފައިސާ ދައުލަތުން ގެއްލުވާލައިގެން ނުވާނެ - ރައީސް ނަޝީދު


ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާ ދައުލަތުން ގެއްލުވާލައިގެން ނުވާނެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެންމެ ގިނައިން މީރާއަށް ޓެކްސް ދައްކާފައިވާ ފަރާތްތަކަށް މީރާއިންދޭ އެވޯޑް "ރަންލާރި އެވޯޑް" ދިނުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ އަތުން ނަގާ ޓެކްސް ރަނގަޅަށް ބަލަހައްޓަންޖެހޭނެކަމަށެވެ. ޓެކްސްގެ ލާރިން ކުރާ ކަންކަންވެސް ރަނގަޅުވާންޖެހޭނެކަމަށާއި، އެއްވެސް ހާލަތެއްގައި އެ ފައިސާ ދައުލަތުން ގެއްލުވާލައިގެން ނުވާނެކަމަށެވެ.

"ރައްޔިތުންގެ އަތުން ސީދާ ނެގޭ ފައިސާ ދައުލަތުން ގެއްލުވާލައިގެން ނުވާނެ. އެ ބަލަހައްޓަންޖެހޭނެ ރަނގަޅަށް. އެ ބެލެހެއްޓުމުގެ އިންތިޒާމްތައްވެސް ޓެކްސްއާއިއެކީގައި ރަނގަޅުވާނެޖެހޭނެ." މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ބައެއް ފަހަރު ޓެކްސްގެ ކަންކަން ހިނގަމުންދާގޮތުން ވިޔަފާރިތަކަށް ދަތިވެގެންދާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި މީރާއިން ޓެކްސްނަގާ ގޮތްތަކާއި އުސޫލުތަކާއިމެދު ޝަކުވާ ހުށައަޅާ ޓްރައިބިއުނަލްގެ ކަންކަން މިހާރަށްވުރެ ރަނގަޅުކުރުމަކީ ކޮންމެހެންވެސް ބޭނުންކަމެއްކަން ނަސީދު ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން އެއްވެސް ހާލަތެއްގައި ޓެކްސްގެ ނިޒާމް ސިޔާސީ ހަތިޔާރަކަށް ވެގެންނުވާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ޓެކްސް އޮފީހުގައި ހުންނަ އާންމު ރައްޔިތުންގެ މައުލޫމާތު އެއްވެސް މީހަކަށް ލިބިގެންނުވާނެކަމަށާއި، ޓެކްސް ނެގުމުގެ ތެރެއިން ނުފޫޒުގެ ބޭނުންކޮށްގެން މީހަކަށް ގެއްލުމެއް ދިނުމަކީ ވަރަށް ބޮޑު ގޯހެއްކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"ޓެކްސް ވެގެންނުވާނެ ސިޔާސީ ހަތިޔާރަކަށް. ޓެކްސްއަކީ އެއްވެސް ހާލެއްގައި އެއްވެސް ސިޔާސީ ކަމެއް އޭގެތެރޭގައި ހިމެނިގެންވާނެކަމެއްނޫން. ޓެކްސް އޮފީހުގައި ހުންނަ އާންމު ރައްޔިތުންގެ މައުލޫމާތަކީ އެއްވެސް މީހަކަށް ލިބިގެންވާނެ މައުލޫމާތެއްނޫން. ހަމައެކަނި ޓެކްސް އޮފީހުގައި ހުންނަންޖެހޭނެ މައުލޫމާތު." މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

މި ޖަލްސާގައި މިދިޔަ އަހަރު އެންމެ ގިނައިން ޓެކްސް ދެއްކި 17 ފަރާތްތަކަށް މީރާއިން ރަންލާރި އެވޯޑް ވަނީ ދީފައެވެ. އަދި ކުރިއަށްއޮތް 5 އަހަރުގެ މީރާގެ ސްޓްރެޓެޖިކް ޕްލޭންވެސް ވަނީ އެކުލަވާލާފައެވެ. މި ޕްލޭން އިފްތިތާހްކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް ޙަސަން ޒަރީރެވެ.