ވިޔަފާރި

މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް އެލިއާ


މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް އެލިއާ އިންވެސްޓްމަންޓް ހަމަޖައްސައިފިއެވެ.

މި އެއްބަސްވުމުގައި މަޓާޓޯގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ސުއޫދުއެވެ. އަދި އެލިއާ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ އަޙްމަދު ސައީދުއެވެ.

މި އެއްބަސްވުމާއެކު މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަންގެ އޮފިޝަލް ޕާޓްނަރެއްގެ ގޮތުގައި އެލިއާއިން މަސައްކަތްކުރާނެއެވެ. މިއީ ޓްރެވެލް އެވޯޑްސްގެ ޕާޓްނަރެއްގެ ގޮތުގައި އެލިއާއިން މަސައްކަތްކުރާ 3 ވަނަ އަހަރެވެ.

މޯލްޑިވްސް ޓްރެވެލް އެވޯޑްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ކުންފުނިތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން 2012 ވަނަ އަހަރުން ފެށިގެން މަޓާޓޯއިން ދެމުން އަންނަ އެވޯޑެކެވެ.

މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ މިއަހަރުގެ ސިލްވަރ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ އެލައިޑް އިންޝުއަރެންސް ކޮމްޕެނީއެވެ.

މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ މިއަހަރުގެ އެޑިޝަން އިފްތިތާހްކޮށްފައިވަނީ މޭމަހުގެ ތެރޭގައެވެ. މިއީ މަޓާޓޯއިން މޯލްޑިވްސް ޓްރެވެލް އެވޯޑްސް ބާއްވާ 8 ވަނަ އަހަރެވެ.