ޚަބަރު

އިންޑިއާގައި އާސަންދައިގެ ޚިދުމަތް މެދުކެނޑުނު ބައެއް ހޮސްޕިޓަލްތަކުން މިހާރު ޚިދުމަތް ލިބޭނެ- އާސަންދަ


އިންޑިއާގެ ބައެއް ހޮސްޕިޓަލްތަކުން މިހާރު އާސަންދައިގެ ޚިދުމަތް ފުރިހަމައަށް ލިބޭނެކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

އާސަންދައިން ބުނީ އިންޑިއާގެ ހޮސްޕިޓަލްތަކުގެ ތެރެއިން ޓްރިވެންޑްރަމްގައި ހުންނަ އާނަންތުޕޫރީ ހޮސްޕިޓަލާއި ޗައިތަންޔާ އާއި އާރް.ސީ.ސީ އަދި ކިމްސް ހޮސްޕިޓަލާއި ކޮޗިންގައި ހުންނަ އަމްރީތާ ހޮސްޕިޓަލުން މިހާރު އާސަންދައިގެ ޚިދުމަތް ފުރިހަމައަށް ލިބޭނެކަމަށެވެ.

އާސަންދަ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިންޑިއާގެ ބައެއް ހޮސްޕިޓަލްތަކަށް އާސަންދައިގެ ޚިދުމަތް ދިނުމުގައި ދަތިތަކެއް ދިމާވެ ޚިދުމަތް މެދުކެނޑުނީ ތަރޑް-ޕާޓީ އެޑްމިނިސްޓްރޭޓަރ އިން އިތުރު އިޝާރާތެއް ނެތި ޚިދުމަތް އިތުރަށް ކުރިއަށް ނުގެންދާނެ ކަމަށް ހޮސްޕިޓަލްތަކަށް އެންގުމުގެ ސަބަބުން ކަމަށެވެ. އަދި މިހާރު އިންޑިއާގެ ޓްރިވެންޑްރަމާއި ކޮޗިންގައި ހުންނަ ހޮސްޕިޓަލްތަކުން އާސަންދައިގެ ޚިދުމަތް ލިބުމުގައި ދިމާވި މައްސަލަތައް ހައްލުކުރަމުންދާކަމަށް އެ ކުންފުނިން ބުނެއެވެ.

އާސަންދަ ކުންފުނިން ބުނީ އިންޑިއާގެ ޓްރިވެންޑްރަމާއި ކޮޗިންގައި ހުންނަ ހޮސްޕިޓަލްތަކުން އާސަންދައިގެ ޚިދުމަތްދެނީ ތަރޑް-ޕާޓީ އެޑްމިނިސްޓްރޭޓަރ (ޓީ.ޕީ.އޭ.) އެއް މެދުވެރިކޮށްކަމަށެވެ. ނަމަވެސް މިދިޔަމަހުގެ 29 ވަނަ ދުވަހު ޓީ.ޕީ.އޭ.އިން އިތުރު އިޝާރާތެއް ނެތި ޚިދުމަތް އިތުރަށް ކުރިއަށް ނުގެންދާނެ ކަމަށް ހޮސްޕިޓަލްތަކަށް އެންގުމާ ގުޅިގެން އެ ޚިދުމަތަށް ބުރޫއެރިކަމަށެވެ.

އާސަންދައިން ވަނީ އިންޑިއާއިން ބޭސްފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން މިކަމުގެ ސަބަބުން ދަތިތައް ދިމާވި ފަރާތްތަކުގެ ކިބައިން މާފަށް އެދިފައެވެ. އަދި ޚިދުމަތް ލިބުމުގައި ދަތިވާ ފަރާތްތަކުން އާސަންދައިގެ ޚިދުމަތް ދިނުމަށް 24 ގަޑިއިރު ޚިދުމަތްދޭ އެކުންފުނީގެ ކޯލް ސެންޓަރ ނަންބަރު 1400 އަށް ގުޅުމުން އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް އެކުންފުނިން ބުނެއެވެ.