ސިޔާސީ

އަދީބު އަދިވެސްހުރީ ޓަގްބޯޓުގައި، އެއްގަމަށް އެރުމުގެ ހުއްދައެއް ނުދޭ


ފިލައިގެން ޤަވާއިދާއި ޚިލާފަށް އިންޑިއާއަށް އެތެރެވާން މަސައްކަތްކުރި ރާއްޖޭގެ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު އަދިވެސް ހުންނެވީ ޓަގް ބޯޓުގައިކަމަށާއި، އެއްގަމަށް އެރުމުގެ ހުއްދަ އަދިވެސް އިންޑިއާ ސިފައިން ދީފައި ނުވާކަމަށް އެ ޤައުމުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަޙްމަދު އަދީބާއެކު ޓަގް ބޯޓުގައި އިންޑިއާއަށް ދަތުރުކުރި އިތުރު ނުވަ މީހުން އަދިވެސް ތިބީ ޓަގް ބޯޓުގައެވ. ޢަދި އިންޑިއާގެ ސެންޓްރަލް ގަވަރމަންޓް އޭޖެންސީން އަދިވެސް އަދީބާ ސުވާލުކުރަމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

"ވާރގޯ 9" ނަމަކަށްކިޔާ ޓަގްބޯޓެއްގައި އިންޑިއާގެ ސޫތުކުޅިއަށް އެތެރެވާން އުޅުމުން އަދީބު ހިފަހައްޓާފައިވާއިރު އޭނާއަށް އެއްގަމަށް އެރުމުގެ ހުއްދާ ދީފައިނުވަނީ އޭނާގެ އަތުގައި ރަސްމީ އެއްވެސް ލިޔެކިއުމެއްނެތުމުންކަމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލް ވިދާޅުވިއެވެ. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށުގައި އިތް ޓަގް ބޯޓުގައި އަދީބު ހުންނަތާ އެތައް ގަޑިއިރެއްވެފައިވާއިރު، ސޫތުކުޅީގެ ބަނދަަރަކީ ބިދޭސީން އެތެރެވުމުގެ ހުއްދަ ދީފައިވާ ބަނދަރެއް ނޫންކަމަށް އިންޑިއާގެ ޚާރިޖީ ވުޒާރާގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާއާއި ހަވާލާދީ އެ ޤައުމުގެ ނޫސްތަކުން ބުނެފައިވަނީ އެ ޤައުމަށް އެތެރެވެވޭނެ ގިނަ ދޮރާށިތަކެއް ހުންނާނެކަމަށާއި އެ ޤައުމަށް އެތެރެވެވޭނީ ހުއްދަ ލިބިގެންކަމަށެވެ. ނަމަވެސް، އަދީބު އިންޑިއާއަށް އެތެރެވާން މަސައްކަތްކުރީ ހުއްދަނެތި ޤަވައިދާ ޚިލާފަށްކަމަށާއި އިންޑިއާއަށް އެތެރެވުމުގެ އެއްވެސް ހުއްދައެއް އަދީބަށް ދީފައިނުވާނެކަމަށެވެ.

އަދީބް ފިލައިގެން ރާއްޖެ ދޫކޮށް ގޮސްފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނިކޮށެވެ. އަދި ފިލައިގެން ކަނޑުމަގުން ރާއްޖެ ދޫކޮށް އަދީބު ގޮސްފައިވަނީ ސުޕްރީމް ކޯޓުން އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ދަނޑިވަޅެއްގައެވެ. އޭނާ ފިލައިގެން ދިޔަކަން އެނގުނީ އިންޑިއާގެ ނޫސްތަކުގައި އެ ޚަބަރު ޖެހުމުންނެވެ.

މިހާތަނަށް ފުލުހުން ފިޔަވާ ދިވެހި ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދީބް ފިލައިގެން ދިޔަ މައްސަލާގައި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ އެކުވެރި ޤައުމުތަކާއި ގުޅިގެން އަދީބް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ. އަދި އަދީބު ފިލުވުމުގައި ބައިވެރިވެ، އެހީތެރިވި މީހުންގެ މައްސަލަ ތަޙްޤީޤްކޮށް އެ މީހުންނާމެދު ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރުވެސް ފުލުހުންވަނީ ދެއްވާފައެވެ.

އަދީބު ޤަވާއިދާއި ޚިލާފަށް އިންޑިއާއަށް އެތެރެވާން އުޅޭކަން ފަޅާއަރާފައިވަނީ ޓަގް ބޯޓުގައި ހުރި އިންޑިއާގެ ރައްޔިތެއްގެ ފަރާތުންކަމަށް އެޤައުމުގެ މީޑިއާއިން ރިޕޯޓްކުރެއެވެ.