މުނިފޫހިފިލުވުން

13 އަހަރުގެ މެދުކެނޑުމަކަށްފަހު ޝިލްޕާ އެނބުރި ބޮލީވުޑް ބޮޑު ސްކްރީނަށް

13 އަހަރުގެ މެދުކެނޑުމަކަށްފަހު ބޮލީވުޑްގެ މަޝްހޫރު ބަޠަލާ ޝިލްޕާ ޝެޓީ ކުންޑްރ އެނބުރި ބޮލީވުޑް ބޮޑު ސްކްރީނަށް އައުމަށް ތައްޔާރުވެއްޖެއެވެ.

ޝިލްޕާ އޭނާގެ އެނބުރިއައުން އިޢުލާންކޮށްފައިވަނީ އިންސްޓަގްރާމުގައި އޭނާގެ ފޭނުންނަށް ދޫކޮށްލި ޕޯސްޓެއްގައެވެ. އެގޮތުން އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ސަބީރު ޚާންގެ ހެއްވާ މަޖާ ފިލްމް "ނިކަންމާ" އިންނެވެ.

މި ފިލްމާގުޅޭގޮތުން އުމުރުން 44 އަހަރުގެ ޝިލްޕާ ބުނެފައިވަނީ 13 އަހަރުގެ މެދުކެނޑުމަކަށްފަހު ފިލްމެއްގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ލިބުމުން އެކަމާ ވަރަށް އުފާވާ ކަމަށާއި، މިފިލްމާމެދު ކުރެވޭ އުއްމީދުތައްވެސް ވަރަށް ބޮޑުކަމަށެވެ. އަދި މިފިލްމުންވެސް އޭނާގެ ފަރާތުން ތަފާތު ކެރެކްޓަރއެއް ފެނިގެންދާއިރު، ފިލްމުން އޭނާ ދައްކުވައިދޭ ރޯލާމެދު ވަރަށް ހިތްހަމަޖެހޭކަމަށްވެސް ޝިލްޕާ ބުނެފައިވެއެވެ.

"ނިކަންމާ"ގައި ޝިލްޕާގެ އިތުރުން ދެން ފެނިގެންދާ ތަރިންގެ ތެރޭގައި އަބީމަނިޔު ދަސާނީއާއި ޝަރލީ ސޭތިއާ ހިމެނެއެވެ.

ބޮލީވުޑް ފިލްމެއްގައި ލީޑް ރޯލަކުން ޝިލްޕާ އެންމެފަހުން ފެނިފައިވަނީ 2007ވަނަ އަހަރު ނުކުތް ބްލޮކްބާސްޓަރ ފިލްމް "އަޕްނޭ" އިންނެވެ. އިނގިރޭސިވިލާތުގެ ވިޔަފާރިވެރިއެއްކަމަށްވާ ރާޖް ކުންދަރާއި ޒަވާޖީ ޙަޔާތެއް ފެށުމަށްފަހު ޝިލްޕާވަނީ އޭނާގެ އާއިލާއަށް ވަގުތު ދިނުމުގެ ގޮތުން މަޑުމަޑުން ބޮލީވުޑް ބޮޑު ސްކްރީނާއި ދުރަށް ޖެހިލާފައެވެ. ނަމަވެސް އިންޑިއާގެ ބައެއް މަޝްހޫރު ރިއަލިޓީ ޝޯވތަކުން ޝިލްޕާ ފެނިފައިވެއެވެ.

"ނިކަންމާ" ރިލީޒްކުރާނެ ތާރީޚެއް ރަސްމީކޮށް އަދި އިޢުލާންކޮށްފައި ނުވިނަމަވެސް، މި ފިލްމް ރިލީޒް ކުރާނެކަމަށް ބެލެވެނީ އަންނަ އަހަރުގެ މެދުތެރޭގައެވެ.