ކުޅިވަރު

ޓީމް އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި - ސުޒޭން


ބްރޭކަށްފަހު ޓީމް އޮތީ ރަނގަޅު ފޯމެއްގައި ކަމަށާއި، ނިލަންދޫއާއި ދެކޮޅަށް ވާދަކުރާ މެޗަށް ޓީމް އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗް ޢަލީ ސިޒޭން ބުނެފިއެވެ.

ސުޒެއިން ބުނީ އެއްމަސްދުވަހުގެ ބްރޭކުގައި ރަނގަޅު ފަރިތަކުރުންތަކެއް ކުރެވުނު ކަމަށާއީ، ޓީމުގެ ބައެއް މުހިންމު ކުޅުންތެރިން ގައުމީ ޓީމާއިއެކު އައިއޯއައިޖީއަށް ދިޔުމުން އެކުޅުންތެރިންނަށް ފަރިތަކުރުންތަކުގައި ބައިވެރި ނުވެނުން ނަމަވެސް އެކުޅުންތެރިންވެސް ތިބީ ފޯމުގައި ކަމަށެވެ.

ސުޒޭން ބުނީ، ގްރީންގެ އެއްވެސް ކުޅުންތެރިއެއް ގައުމީ ޓީމަށް ދޫކުރަން ޖެހިގެން ގްރީންއަށް ގެއްލުން ނުވާނެ ކަމަށާއި އެކުޅުންތެރިން ގައުމީ ޓީމާއެކު ދައްކާ ކުޅުން ގްރީންގައިވެސް ދެއްކޭނެކަމާއިމެދު ސުވާލު ނުއުފައްދާ ކަމަށެވެ.

"ބްރޭކުގައި ރަނގަޅު ފަރިތަކުރުންތަކެއް ކުރެވުނު، ދެން ބައެއް މުހިންމު ކުޅުންތެރިން ގައުމީ ޓީމާއިއެކު ތިބުން އެއީ އަސްލު މައްސަލައެއް ނޫން، ގްރީންގެ އެއްވެސް ކުޅުންތެރިއަކަށް ގައުމީ ޓީމަށް ދޫކުރުމުގައި އެއްވެސް ހުރަހެއް ނެތް. ޓީމު އޮތީ ރަނގަޅަށް މެޗައް ތައްޔާރުވެގެން،" ކޯޗް އަލީ ސުޒެއިން ބުންނެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ނިލަންދޫ ޓީމުގެ ކޯޗް އަޙުމަދު މުޖުތަބާ (ފެސްކޯ) ބުނީ، ނިލަންދޫއަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ލިބިއްޖެ ކަމަށާއި، އެއްމަސްދުވަހުގެ ބްރޭކަކީ ޓީމަކަށް ތައްޔާރުވާން ފުދޭވަރެއްގެ ވަގުތެއް ކަމަށެވެ. ނަމަވެސް އަދިވެސް ހިތްހަމަޖެހޭވަރަށް ޓީމް ތައްޔާރު ނުކުރެވޭކަމަށް ފެސްކޯ ބުންޏެވެ.

ފެސްކޯ ބުނީ، ރަނގަޅަށް ތައްޔާރު ނުވެވުނީ ވަގުތު ނުލިބިގެން ނޫން ކަމަށާއި ކުޅުންތެރިންގެ އެއްބާރުލުން އެންމެ ފުރިހަމައަށް ނުލިބުމުން ކަމަށެވެ. އެގޮތުން ޓީމުގެ ބައެއް ކުޅުންތެރިންގެ ފަރާތުން އަދިވެސް މާބޮޑު ކޮމިޓްމަންޓެއް ނުލިބޭ ކަމަށާއި، ބަރާވަރަށް ފަރިތަކުރުންތަކުގައި ބައިވެރިވާ މަދު ކުޅުންތެރިންގެ ފަރާތުން ރަނގަޅު އެއްބާރުލުމެއް ލިބޭ ކަމަށްވެސް ފެސްކޯ ބުންޏެވެ.

ފެސްކޯ ބުނީ ޓިމުގައި ބިދޭސީ ހަތަރު ކުޅުންތެރިން ޖަހާފައި ތިބި ނަމަވެސް އަދި ޓީމާއި ގުޅުނީ އެންމެ ކުޅުންތެރިއެއް ކަމަށެވެ. ފެސްކޯބުނީ ބްރޭކަށްފަހު ނިކުންނަން ޖެހެނީ ވަރުގަދަ ޓީމަކާއި ދެކޮޅަށް ކަމަށާއި ނަމަވެސް ރަނގަޅު ނަތީޖާއެއް ހޯދަން ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެކަމަށެވެ.

"ތައްޔާރުވާން ވަގުތު ލިބިއްޖެ، އެއްމަސް ދުވަސް އެއީ އެކަށީގެންވާ ވަރުގެ ވަގުތެއް، އެކަމު ކުޅުންތެރިންގެ އެވެއިލެބިލިޓީ ވަރަށް ދަށް، އަސްލި ބައެއް ކުޅުންތެރިންގެ ކޮމިޓްމެންޓް ވަރަށް އާދައިގެ ގޮތަކަށް ފެންނަނީ، އެހެންވީމަ އަސްލު ހިތްހަމަ ޖެހޭ ވަރަކަށް ތައްޔާރެއް ނުވެވޭ. އެކަމު މިހާރު ބިދޭސީ އެއް ކުޅުންތެރިއެއް ޓިމާއި ގުޅިއްޖެ، އެއީދެން ކުރިއެރުމެއް ކަމަށް މި ދެކެނީ،" ފެސްކޯ ބުންޏެވެ.

އެއްމަސްދުވަހުގެ ބްރޭކަކަށްފަހު ލީގުގެ ކުޅުން މާދަމާ އަލުން ފަށާނީ ގްރީން ސްޓްރީޓްސް އާއި ނިލަންދޫ ވާދަކުރާ މެޗުންނެވެ.