ކުޅިވަރު

މެނޭޖްމަންޓުން އެއްބާރުލުން ނުލިބޭ! މަގާމު ދޫކޮށްލުން ގާތް! - ވިކްޓްރީގެ ކޯޗު


މެޗަށް ކުޅުންތެރިން ހަމަ ނުވުމުގެ ބިރާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، ހާލަތު ރަނގަޅުކުރަން މެނޭޖްމަންޓުގެ ފަރާތުން ލިބެންވާ އެއްބާރުލުން ނުލިބޭކަމަށް ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ކޯޗް މުޙައްމަދު އާދަމް ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާދަމާ މާޒިޔާ އާއި ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ވިކްޓްރީގެ ކޯޗް ބުނީ، ވިކްޓްރީގެ ސްކޮޑް އަންނަނީ ދުވަހަކަށްވުރެ ދުވަހެއް ނިކަމެތިވަމުން ކަމަށާއި، އެކަން ހައްލުކުރަން އެތައް ފަހަރަކު މެނޭޖްމަންޓާއި ވާހަކަދެއްކިއްޖެ ކަމަށެވެ. ނަމަވެސް އަދިވެސް އެއްވެސް ޙައްލެއް ނުލިބޭ ކަމަށާއި، މެނޭޖްމަންޓުގެ ފަރާތުން އެއްބާރުލުން ނުލިބޭނަމަ މަގާމު ދޫކޮށްލުމުގެ ވިސްނުން ގެންގުޅޭ ކަމަށްވެސް ކޯޗް މުޙައްމަދު އާދަމް ބުންޏެވެ.

ކޯޗު ބުނީ، އެއްމަސް ދުވަހުގެ ބްރޭކަކަށްފަހު ލީގު އަލުން ފަށާއިރު މުޅި ސްކޮޑުގައި ކީޕަރުން ހިމަނައިގެން މިހާރު ތިބީ އެންމެ ސޯޅަ ކުޅުންތެރިން ކަމަށާއި، އޭގެތެރެއިން ތިން ކުޅުންތެރިން މިވަގުތު ތިބީ އަނިޔާގައި ކަމަށެވެ. އެހެންކަމުން މެޗަށް ކުޅުންތެރިން ހަމަވާނެ ކަމާއިމެދު މިހާރު ސުވާލު އުފެދިފައިވާ ކަމަށްވެސް ކޯޗް ބުންނެވެ.

ކޯޗު މުޙައްމަދު އާދަމް ބުނީ، އެވެސް ކުޅުންތެރިއެއް އަނިޔާގައި ބަހައްޓައިގެން ކުޅުވަން ބޭނުން ނުވާކަމަށާއި، އެކަމަށް ހައްލެއް ގެންނަން ބިދޭސީ ކުޅުންތެރިންގެ ބޭނުން ވާހަކަ މެނޭޖްމަންޓުގައި އެތައް ފަހަރަކު ފާހަގަކުރިން ކަމަށެވެ. ނަމަވެސް އަދިވެސް މެނޭޖްމަންޓުގެ ފަރާތުން އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށްވެސް އޭނާ ބުންޏެވެ.

"މިހާރު ސްކޮޑުގަ ކީޕަރުން ހިމަނައިގެން މިތިބީ އެންމެ 16 ކުޅުންތެރިން، މިކަން ހައްލުވޭތޯ މެނޭޖްމަންޓާއި ވަރަށް ވާހަކަ ދައްކަން، އެންމެ ފަހުން ބުނީ މެޗު ފެށުމުގެ ކުރިން ބިދޭސީ ކުޅުންތެރިން ގެނެސްދޭނެ ކަމަށް. މިހާރު މެޗަށް ޓިމް ހަމަ ނުވެދާނެ ކަމުގެ ބިރުވެސް އެބައޮތް. މެނޭޖްމަންޓުން އެއްބާރުލުން ނުލިބޭނަމަ މަގާމު ދޫކޮށްލުންގާތް،" ކޯޗް މުޙައްމަދު އާދަމް ބުންނެވެ.

މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗް މަރްޖާން ސެކުލޯސްކީ ބުނީ، އެއްމަސްދުހުގެ ބްރޭކުގައި ރަނގަޅު ފަރިތަކުރުންތަކެއް ކުރެވިއްޖެ ކަމަށާއި، ޚާއްސަކޮށް ފޯވާޑް ލައިން ކުރިއާއި އަޅާ ބަލާއިރު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ.

ސެކުލޯސްކީ ބުނީ، ބްރޭކުގެ ކުރިން ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ކޯނޭ ޓީމާއި ގުޅި މިހާރު އޭނާވެސް ހުރީ މެޗުތަކަށް ތައްޔާރަށް ކަމަށެވެ. އަދި ޓީމުގެ ޑިފެންސުގައި އެންމެ މުހިންމު އެއް ކުޅުންތެރިޔާ ސަމޫހުއަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވަމުން އަންނަ ކަމަށާއި، އާދީއްތަ ދުވަހު އޭނާ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވާ ކަމަށްވެސް ކޯޗްބުންޏެވެ.

"ޓީމުގެ ހާލަތަކަށް ނާދޭ އަސްލު މާބޮޑު ބަދަލުތަކެއް، އެކަމު އަނިޔާގައި ހުރި ސަމޫހް އާދީއްތަދުވަހު ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި، ދެން ކޯނޭވެސް ހުރީ މިހާރު ތައްޔާރަށް، ބްރޭކުގެ ކުރިން ކޯނޭ ޓީމާއި ގުޅުނީ މާ ފަހުން، އެހެންވެ މެޗުތަކުގައި ބޭނުން ނުކުރެވުނީ، އެކަމު މިހާރު ހުރީ ތައްޔާރަށް،" ކޯޗް ސެކުލޯސްކީ ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާ އާއި ވިކްޓްރީ ވާދަކުރާ މެޗު އޮންނާނީ މަދަމާރެއެވެ.