ޚަބަރު

ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ - ނާއިބް ރައީސް


ތަޢުލީމީ ނިޒާމް ހަރުދަނާކޮށް ރަނގަޅު ދަރިންތަކެއް އުފައްދާ މުޖުތަމަޢުއަށް ނެރުމަށްޓަކައި ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމް ވިދާޅުވެއްޖެއެވެ.

ހދ.ނޮޅިވަރަންފަރު ސްކޫލަށް 50 އަހަރު ފުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ނާއިބްރައީސް ފައިޞަލް ނަޞީމް ވިދާޅުވީ ދުނިޔޭގައި ކުރިއަރާ ތަރއްޤީވެފައިވާ ޤައުމަކަށް ރާއްޖެ ވާން ބޭނުންނަމަ ތަޢުލީމީ ނިޒާމް ހަރުދަނާކޮށް ރަނގަޅު ދަރިންތަކެއް އުފައްދާ މުޖުތަމަޢުއަށް ނެރުމަކީ ސަރުކާރާއި ހުރިހާ ރައްޔިތުން ގުޅިގެން ނޫނީ ކުރެވޭނެ މަސައްކަތެއް ނޫންކަމަށެވެ.

ނާއިބް ރައީސް ވިދާޅުވީ އެމީހަކަށް ލިބިފައިވާ ތަޢުލީމްގެ ބޭނުން ހިފައި އެއެހެން މީހުންނަށް އުނގަންނައިދިނުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި ތަޢުލީމްއަކީ ހަމައެކަނި ސްކޫލް މާހައުލުގައި ދޭ އެއްޗެއްގެ ބަދަލުގައި ސްކޫލުން ބޭރުންވެސް ދަރިވަރުންނަށް ބޭނުން ހިފޭ ގިނަ ކަންތައްތަކެއް އުނގަންނައިދިނުން މުހިންމު ކަމަށެވެ. އަދި މަދަރުސީ ދައުރުނިމި އަމިއްލައަށް ދިރިއުޅުމެއް ފަށަން ނުކުންނައިރު އެކުދިންނަކީ މަސައްކަތްތެރިކަމަށް އަހުލުވެރިވެފައިވާ ބަޔަކަށް ހަދަން ޖެހޭކަމަށާއި މިކަން ކުރެވެން އޮތީ ތަޢުލީމާއި، ދަރިވަރުންނަށްދޭ ސަމާލުކަން އިތުރުކޮށްގެންކަމަށެވެ. އެހެންކަމުން މިކަންތައްތައް ކުރުމަށް ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރަންޖެހޭކަން ނާއިބް ރައީސް ފާހަގަކުރެއްވިއެވެ.

ދިވެހި ދަރިވަރުންނަކީ ކިޔާވާ ކޮންމެ ތާކުންވެސް ރަން ވަނަތަކެއް ހޯދާ ދަރިވަރުންތަކެއްކަމަށާއި މި އަމާޒާށް ވާސިލްވުމަށް ކޮންމެ ދަރިވަރަކު މަސައްކަތްކޮށްފިނަމަ ޤައުމު ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލް ކުރެވޭނެކަމަށް ނައިބްރައީސް ވިދާޅުވިއެވެ. އަދި ޚިޔާލުތަފާތު ވުންތަކެއް ހުރިކަމުގައި ވީނަމަވެސް ޤައުމަށް ޚިދުމަތް ކުރުމުގައާއި ތަޢުލީމީ ދާއިރާ ކުރިއެރުވުމާއި، ދަރިންނަށް ރަގަނޅު މުސްތަޤްބަލެއް ހޯދައިދިނުމަށް އެންމެން މަސައްކަތް ކުރުމަށް ނައިބްރައީސް ގޮވާލެއްވިއެވެ.

މި ރަސްމިއްޔާތުގައި ނައިބްރައިސް ވަނީ މި ސަރުކާރުން ތަޢުލީމީ ނިޒާމް ހަރުދަނާކޮށް ވަރުގަދަ ކުރުމަށްޓަކައި ޚާއްސަ އިސްކަމެއް ދެއްވާކަންފާހަގަކުރައްވައި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު، ރާއްޖެ ގެންދަން ބޭނުންވާ ހިސާބަށް ދިޔުމަށްޓަކައި ތަޢުލީމީ ކަންކަން ހަރުދަނާ ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.