ޚަބަރު

އަދީބް ފިލީ ޖުލައި 27ގައި؟


ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބް ފިލާފައިވަނީ މި މަހުގެ 27ވަނަ ދުވަހުކަމަށް އިނގިރޭސި ބަހުން ނެރޭ ދުނިޔޭގެ އެންމެ ބޮޑު ނޫހުން ބުނެފިއެވެ.

ދުވާލަކު 3 މިލިއަން ކޮޕީ ވިއްކާ ޓައިމްސް އޮފް އިންޑިއާ ދުވަހު ނޫހުން ބުނީ ކަނޑުމަގުން އަދީބް އިންޑިއާއަށް އެތެރެވެފައިވަނީ ބުރާސްފަތި ދުވަހުކަމަށެވެ. އަދި އޭނާ މިހާރު ހުރީ އިންޑިއާގެ ފުލުހުން ކުރިއަށްގެންދާ ތަޙްޤީޤަށް ބަންދުކޮށްފައިކަމަށްވެސް އެ ނޫހުން ބުނެއެވެ. އިންޑިއާގެ ފުލުހުންނާއި ހަވާލާދީ ޓައިމްސް އޮފް އިންޑިއާއިން ބުނީ އަދީބް މިހާރު ހުރީ އެ ޤައުމުގެ ދެކުނުގެ ސްޓޭޓެއްކަމަށްވާ ތެމިލް ނާޑޫގައެވެ. އޭނާ ހައްޔަރުކުރީ އެ ސްޓޭޓުގެ ސޫތުކުޅީ ބަނދަރު ކައިރިންނެވެ.

އަދީބް ފިލައިގެން އުޅޭތާ 5 ދުވަސްވެއްޖެ؟

މިހާތަނަށް އަޙްމަދު އަދީބް ފިލައިގެން އިންޑިއާއަށް ދިޔަ މައްސަލާގައި ދިވެހިރާއްޖޭގެ ފުލުހުން ފިޔަވާ އިތުރު އިދާރާއަކުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އިންޑިއާގައި އަދީބް ހައްޔަރުކޮށްފަ ހުންނަތާ އެތައް ގަޑިއިރެއް ފަހުން ފުލުހުންގެ އިދާރާއިން ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ އޭނާ ''ފިލައިގެން ދާން މަސައްކަތްކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި އިއްޔެ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނިކޮށް'' ކަމަށެވެ.

ޓައިމްސް އޮފް އިންޑިއާއިން ބުނެފައިވަނީ އަދީބް ދަތުރުކޮށްފައިވަނީ ސިންގަޕޫރުގައި ރެޖިސްޓްރީކޮށްފައިވާ ވަރގޯ-9 ނަމަކަށް ކިޔާ ޓަގު ބޯޓެއްގައެވެ. މި އުޅަނދަކީ މި މަހުގެ 11ވަނަ ދުވަހު ހިލަވެލި ބަރުކޮށްގެން ރާއްޖެ އައިސްފައިވާ އުޅަނދެކެވެ. އަދި ޓަގު ބޯޓުގައި 9 މީހުން ރާއްޖެއަށްވަނީ އައިސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ރައްޔިތަކާއި އިންޑޮނޭޝިއާގެ 8 ރައްޔިތުންނެވެ.

މި ޓަގު ބޯޓު ރާއްޖެއިން ފުރާފައިވަނީ މި މަހުގެ 27ވަނަ ދުވަހުއެވެ. ފުރިއިރު، އެ ބޯޓުގައި ރާއްޖެއަށް އައި 9 މީހުންގެ ބަދަލުގައި 10 މީހުން ތިއްބެވެ. 10ވަނަ މީހަކީ އަދީބެވެ. ރާއްޖެއިން އިތުރު މީހަކު އެ ބޯޓަށް އެރިކަން އެ ބޯޓުގެ އެޖެންޓަށް އެންގީ އެ ބޯޓުގައި ހުރި އިންޑިއާ ފަޅުވެރިޔާއެވެ. އެޖެންޓް މެދުވެރިކޮށް، އިންޑިއާގެ ކަސްޓަމާއި ކޯސްޓްގާޑާއި ޖާސޫސީ އިދާރާތަކަށް އެންގުނުއިރު ބޯޓު ރާއްޖެއިން ފުރާފައިވާކަމަށް ބެލެވެއެވެ. އިންޑިއާގެ ފުލުހުންނަށް ބޯޓު އަތުވެފައިވަނީ ސޫތުކުޅިއާއި ހަމައަށް ދަތުރުކުރިފަހުންނެވެ.

މި މަޢުލޫމާތުތަކަށް ބަލާއިރު، އަދީބް ފިލާފައިވަނީ މީގެ 5 ދުވަސް ކުރިން، މި މަހުގެ 27ވަނަ ދުވަހުކަން އެނގެއެވެ. ނަމަވެސް އަދީބް ފިލިކަން ދިވެހިންނަށް އެނގުނީ އިންޑިއާގެ ފުލުހުން އޭނާ ހައްޔަރުކޮށްފައިވާކަމަށް އެ ޤައުމުގެ ނޫސްތަކުން ބުނުމުންނެވެ.

އިންޑިއާ ފުލުހުންނަށް ޓަގު ބޯޓުގައި ހުރީ އަދީބުކަން އެނގުނީ ސުވާލުކުރުމުން؟

އިންޑިއާގެ ނޫސްތަކުގައިވާ ގޮތުގައި އެ ޤައުމުގެ ފުލުހުން އަދީބް ދަތުރުކުރި ޓަގު ބޯޓަށް އެރީ އެ އުޅަނދުގައި ގޮތް ނޭނގޭ މީހަކު ހުރުމުންނެވެ. އަދި އިންޑިއާ ފުލުހުންނަށް ބޯޓުގައި ހުރީ އަދީބުކަން އެނގުނީ އޭނާއާއި ސުވާލުކޮށް ހޯދި މަޢުލޫމާތުތަކުންނެވެ. އެގޮތުން، އިންޑިއާގެ ފުލުހުންވަނީ އޭނާއަކީ ކާކުތޯއާއި އޭނާ އިންޑިއާއަށް އެތެރެވަނީ ހުއްދަ އޮވެގެންތޯއާއި އޭނާ އިންޑިއާއަށް އެތެރެވަނީ ކޮން ބޭނުމަކުތޯ އޮޅުންފިލުވާފައެވެ. އެމީހުންނަށް އެއީ އަދީބުކަން އެނގުނީ އެ ހިސާބުންނެވެ.

އަދީބް ހައްޔަރުކުރީ ދިވެހި ސަރުކާރުން ނުވަތަ ދިވެހި ފުލުހުން އަންގައިގެނެއް ނޫނެވެ. ދެކުނު އޭޝިއާގައި އުފެދިފައިވާ ޓެރަރިޒަމްގެ ބިރުވެރިކަމާއި މިދިޔަ އޭޕްރިލް މަހު ސްރީ ލަންކާއަށް ދިން ވަރުގަދަ ބޮމުގެ ޙަމަލާތަކާއި ގުޅިގެން އިންޑިއާގެ ސަލާމަތީ ބާރުތަކުންދަނީ އެ ޤައުމުގެ އައްސޭރިފަށުގައި ފޯރިމަރާ، ކިރިޔާ ޝައްކެއްވާ އުޅަނދެއް ފެނިއްޖެނަމަވެސް ބަލާ ފާސްކުރަމުންނެވެ. އެގޮތުން، ޓެރަރިސްޓުން ކަނޑުމަގުން އެތެރެވެދާނެތީ، އެކަމަށް ސަމާލުވުމަށް އިންޑިއާއިންވަނީ ސްރީ ލަންކާއަށްވެސް އަންގާފައެވެ.

ސަލާމަތީކަންކަން މިހާ ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައި ރާއްޖެއިން ފުރި ބޯޓެއްގައި ގޮތް ނޭނގޭ މީހާކު ހުރިކަން އެނގުމުން އިންޑިއާގެ ސަލާމަތީ ބާރުތައް އެކަން ތަޙްޤީޤްކޮށްފައި ނޫނީ ދޫކޮށެއްނުލާނެއެވެ. އަދި އަދީބް އިންޑިއާއަށް އެތެރެވުމަށް މަސައްކަތްކުރި ސޫތުކުޅިއަކީ އެ ޤައުމަށް ބިދޭސީން އެތެރެވުން މަނާ ބަނދަރެކެވެ. ރާއްޖެއިން ފިލައިގެން ދިޔަ އަދީބް ހައްޔަރު ކުރެވުނީ އިންޑިއާއިން އަޅާފައިވާ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

އަދީބް ފިލައިގެން ދިޔައީ ދުވަހަކުވެސް ރާއްޖެ ދޫކޮށް ނުދާނެކަމަށް ބުނުމަށްފަހު

މިދިޔަ މަހުގެ 14ވަނަ ދުވަހު އަދީބްވަނީ ބޭސް ފަރުވާއަށް އިންޑިއާއަށް ދަތުރުކޮށްފައެވެ. އޭނާވަނީ މި މަހުގެ 7ވަނަ ދުވަހާއި ހަމައަށް އިންޑިއާގެ ޕޫނޭގައި ފަރުވާ ހޯދާފައެވެ. އެހެންކަމުން، އޭނާ ފިލައިގެން އިންޑިއާއަށް އެނބުރި އައުމުން އެ ޤައުމުގެ ސަރުކާރަށް ބޮޑު ހައިރާންކަމެއް ލިބުނުކަމަށް އެ ޤައުމުގެ ނޫސްތަކުގައި ބުނެފައިއެވެ.

ބޭސްފަރުވާއަށްފަހު، އޭނާ އެނބުރި ރާއްޖެއަށް އައުމުގެ ކުރިން އޭނާވަނީ މި މަހުގެ 6ވަނަ ދުވަހު ރާއްޖެ ދޫކޮށް ނުދާނެކަމަށް ބުނެ ޓްވީޓެއް ކޮށްފައެވެ. އެ ޓްވީޓުގައި އަދީބް ބުނެފައިވަނީ ތަޙްޤީޤްތަކާއި ކުރިމަތިލާނެކަމަށާއި ރާއްޖެ ދެކެ ވަރަށް ލޯބިވާކަމަށާއި ދުވަހަކުވެސް ޤައުމު ދޫކޮށް ނުފިލާނެކަމަށެވެ.

އޭގެ ހަތަރު ހަފުތާ ފަހުން އޭނާ ހައްޔަރު ކުރީ ފިލައިގެން ގޮސް އިންޑިއާގެ ސޫތުކުޅިއަށް އެތެރެވަނިކޮށެވެ،