ޚަބަރު

ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ ފަށައިފި


އައްޑޫސިޓީގައި ބާއްވާ ވިޔަފާރިއާއި ގުޅޭ މަޢުރަޒު 'ސަދަން ބިޒްނަސް އެކްސްޕޯ' ގަމުގެ އީކުއޭޓާރ ވިލެޖުގައި ފަށައިފިއެވެ.

މި މަޢުރަޒު ފައްޓަވައި ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. މި މަޢުރަޒަކީ އައްޑޫގައި އިންވެސްޓަރުންނަށް ހުރި ފުރުސަތު ތަކާއި، މިސަރަހައްދުގެ ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކާއި އެކިއެކި ސިނާޢަތްތައް ތަރައްޤީ ކުރުމަށް ހުރި ފުރުޞަތުތައް އަންގައިދީ ވިޔާފާރި ޒަމާނީ ވިއުގައަކުން ގުޅުވާލަ ދިނުމަށް ބާއްވާ އެކްސްޕޯއެއް ކަމަށް އެކްސްޕޯ އިންތިޒާމު ކުރާ ޓައިޓަން މޯލްޑިވްސް އިން ބުނެއެވެ. ޓައިޓަން މޯލްޑިވްސް އިން މައުލޫމާތު ދިން ގޮތުގައި މިއެކްސްޕޯގައި 29 ފަރާތަކުން ބައިވެރިވެއެވެ.

މިއެކްސްޕޯ ފެށުމުގެ ރަސްމީއްޔާތު ޝަރަފުވެރި ކޮއްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އައްޑޫގައި ވިޔާފާރިތަަކަށް އެތަކެއް ފުރުޞަތުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ސަރުކާރުން މިހާރު ސިޓީ ކައުންސިލަށް 4000 އެނދު ތަރައްޤީ ކުރުމަށް ބިންދޫކުރަން ހުއްދަ ދީފައި ވާއިރު، މީގެ ސަބަބުން ކުރިއަރާނީ ހަމައެކަނި ފަތުރުވެރިކަން ނޫންކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އެގޮތުން ދެކުނުގެ މަސްވެރިން ބާނާ މަސް އެކްސްޕޯޓު ކުރުމަށްވެސް ފަސޭހަ ވެގެންދާނެކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މި އެކްސްޕޯގައި ސަރުކާރުގެ އެކިއެކި ކުންފުނިތައް ބައިވެރިވާއިރު، މުހިންމު މަޝްވަރާތަކެއް ކުރެވިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.

ތިން ދުވަހަށް ކުރިއަށްގެންދާ މިއެކްސްޕޯގެ ތެރެއިން ޕެނަލް ޑިސްކަޝަން ތަކަކާއި ބިޒްނަސް ފޯރަމެއް ކުރިއަށް ގެންދާނެއެވެ. އެގޮތުން ފުރަތަމަ ބާއްވާ ފަތުރުވެރިކަމުގެ ދައިރާއާގުޅޭ ޕެނަލް ޑިސްކަޝަންގައި ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީއާއި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން ގަން އެއާޕޯޓާއި އީކުއޭޓާރ ވިލެޖުން ބައިވެރިވާނެވެ.

މި އެކްސްޕޯގެ ތެރެއިން މާދަމާ މެންދުރު ފަހު ބާއްވާ އިމްޕޯޓް އެކްސްޕޯޓުގައި ހުރި ދަތިތަކާއި ބެހޭ ދެވަނަ ޕެނަލް ޑިސްކަޝަންގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އާއި، ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް އާއި އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީގެ އިތުރުން، ކަސްޓަމްސް އާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި އައްޑޫ ސިޓީ ކައުންސިލުން ބައިވެރިވާނެއެވެ.

މީގެ އިތުރުން ދެކުނު ސަރަހައްދުގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމާއި ގުޅޭ ގޮތުން، އައްޑޫގެ ސިއްޙީ ދައިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި، އައްޑޫސިޓީ ކައުންސިލާއި އަދި ހެލްތު މިނިސްޓްރީއާއެކު ކުރިއައްދާ ޕެނަލެއްވެސް މި އެކްސްޕޯގައި ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މި އެކްސްޕޯ ނިންމާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 3 ވަނަ ދުވަހު ބާއްވާ ބިޒްނަސް ފޯރަމަކުންނެވެ. މި ފޯރަމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވެސް ވާހަކަފުޅު ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ޓައިޓަން މޯލްޑިވްސް އިން އިންތިޒާމު ކުރާ އެކްސްޕޯ ކުރިއަށް ދާނީ މިމަހުގެ 1 އިން 3 ކަށް ގަމުގެ އިކުއޭޓަރ ވިލެޖުގައެވެ. އެކްސްޕޯގައި ރާއްޖޭގެ އެކި ފަންތީގެ ވިޔާފާރިތަކުގެ އިތުރުން ބޭރު ޤައުމު ތަކުގެ އެގްޒިބިޓަރުންވެސް ބައިވެރިވެފައިވާ ކަމަށް ޓައިޓަން މޯލްޑިވްސް އިން ބުނެއެވެ.