ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން އަންނަ އާދިއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.
ރައީސް ޔާމީންއާ ދެކޮޅަށް އުފުލާފައިވާ އެ ދައުވާގެ ދެ ވަނަ އަޑުއެހުން ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 10.30ގައެވެ. އެ އަޑުއެހުންވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. އަދި ޓީވީ މެދުވެރިކޮށް އެ ޝަރީއަތް ވަގުތުން ދުރަށް ގެނެސްދޭނެއެވެ.
ރައީސް ޔާމިންގެ މައްޗަށްކުރާ މަނީ ލޯންޑަރިންގެ ދައުވާ އާ ގުޅިގެން މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ އިބްތިދާއީ އަޑުއެހުން ބޭއްވުމަށް ފަހު ޝަރީއަތް ވެސް ފަށާފައެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ހައިލަމް ބައްލަވާ އެ މައްސަލައިގައި ދެން އޮންނަ އަޑުއެހުމުގައި އޮންނާނީ ދައުވާ ސާބިތުކުރަން ދައުލަތުން ހުށައެޅި ހެކިންގެ ހެކިބަސް ނެގުމެވެ.
ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ވަދެފައިވާ އެސްއޯއެފު ކުންފުނިން އެއް މިލިއަން ޑޮލަރު ރައީސް ޔާމިންގެ އެކައުންޓަށް ޖަމާ ކޮށްފައިވާ ކަމަށާއި އަދި އެ ފައިސާއަކީ ހުއްދަ ނޫން ފައިސާތަކެއް ކަމަށް ތުހްމަތު ކުރެވިފައި ވަނިކޮށް އެ ފައިސާ އިން މަންފާ ހޯއްދަވާފައިވާކަމަށެވެ. އަދި އެ އެއްމިލިއަން ޑޮލަރު އެކްރޯ އެކައުންޓެއް ހުޅުވައި އޭގައި ބެހެއްޓުމަށް އޭސީސީއާއެކު އެމަނިކުފާނު އެއްބަސްވެ ވަޑައިގެން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި އެސްކްރޯ އެކައުންޓަށް، އެމަނިކުފާނުގެ އެކައުންޓަށް ވަތް ޑޮލަރު ނޫން އެހެން ފައިސާއެއް ޖަމާ ކުރުމަށް ފަހު، އޮޅުވާލި ކަމަށް ވެސް ދައުވާގައިވެއެވެ.
މަނީ ލޯންޑަރިންގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ ޝަފައީ އަދި ކިތާބީ ހެކި ހުށައަޅާފައެވެ. ދައުލަތުން ހުށައެޅި ހެކިންގެ ތެރޭގައި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި، އޭސީސީގެ ކުރީގެ ރައީސް ޙަސަން ލުތުފީ އާއި އެކޮމިޝަނުގެ މިހާރުގެ ރައީސް މުއްވިޒް ރަޝީދާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު ހިމެނެއެވެ.
މި މައްސަލާގައި ރައީސް ޔާމީން ވެސް ވަނީ ލިޔުމުން ދިފާއީ ހެކި ހުށައަޅުއްވާފައެވެ.