ޚަބަރު

ޓެކްސީ ދަތުރުތަކަށް ނެގޭނެ އަގުތައް ކަނޑައަޅައިފި


މާލޭ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުތަކަށް ނެގޭނެ އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީއިން ކަނޑައަޅައިފިއެވެ. މިނިސްޓްރީއިންވަނީ މާލެއާއި ހުޅުލެ އަދި ހުޅުމާލެއާއި ދެމެދުކުރާ ދަތުރުތަކުގެ އަގުތައް ކުޑަކޮށްފައެވެ.

މާލެއާއި ހުޅުމާލެއާ ދެމެދު ޓެކްސީ ދަތުރުތައް ކުރެވޭނެ އެންމެ ބޮޑު އަގުގެ ގޮތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭނުން ކަނޑައަޅާފައިވަނީ 75 ރުފިޔާއެވެ. މާލެއާއި ހުޅުލެ އަދި ހުޅުލެއާއި ހުޅުމާލެއާ ދެމެދު ކުރާ ދަތުރުތަކަށް ނެގުމަށް ކަނޑައަޅާފައިވަނީ 60 ރުފިޔާއެވެ.

ނަމަވެސް މާލެއާއި ހުޅުމާލޭގެ އެތެރޭގެ ޓެކްސީ ދަތުރުތަކަށް ނެގުމަށް ހަމަޖެހިފައިވަނީ މިހާރުވެސް ނަގާގޮތަށް 25 ރުފިޔާއެވެ. އަދި މި އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީއިން ކަނޑައަޅާފައިވަނީ ޓެކްސީގެ ޑިކީއަށް އަރުވާ ދާގީނާ ހިމެނޭހެންކަމުން ޑިކީއަށް ދާގީނާ އެރުވިނަމަވެސް، އިތުރަށް އަގު ނެގުމަކީ މަނާ ކަމެކެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ވިދާޅުވެފައިވަނީ އަގުތަކަށް ގެނައި ބަދަލުތަކަށް ޢަމަލުކުރަން ފަށާނި މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އަގުތަކަށް ގެނައި ބަދަލުތައް ކަނޑައަޅާފައިވަނީ ޢާއްމު ރައްޔިތުންނާއި ޓެކްސީ ޑްރައިވަރުންނާއި މަޝްވަރާކުރުމަށްފަހު، ދެފަރާތަށް ފައިދާވާގޮތަށް އެންމެ އެކަށީގެންވާ އަގެއް ބަލައިގެންކަމަށްވެސް މިނިސްޓްރިއިން ނެރުނު ނޫސް ބަޔާނުގައިވަނީ ބުނެފައެވެ.

ޓެކްސީ ޚިދުމަތް މޯބައިލް އެޕްލިޝަން މެދުވެރިކޮށް ފޯރުކޮށްދިނުމަށް މިނިސްޓްރީއިންވަނީ 3 ފަރާތަކަށް ހުއްދަވެސް ދީފައެވެ. އެޕްލިކޭޝަންގެ ހުއްދަ ދީފައިވަނީ މިނިސްޓްރީއިން ކަނޑައަޅާ މިންގަނޑުތަކަށް އެންމެ ރަނގަޅަށް ހަދާފައިވާ އެޕްލިކޭޝަންތަކަށެވެ. ހުއްދަ ދީފައިވާ 3 ފަރާތަކީ އަވަސް ރައިޑް، އެއައީ އަދި ޕިކްމީ އަށެވެ.

މިނިސްޓްރީއިންވަނީ 1 އޮގަސްޓުން ފެށިގެން ކުރިއަށްއޮތް 2 މަސް ދުވަހުގެ ތެރޭގައި މާލޭ ސަރަޙައްދުގައި ރަޖިސްޓްރީކޮށްގެން އޮޕަރޭޓްކުރާ ހުރިހާ ޓެކްސީތަކެއްގައި އެޕްލިކޭޝަން ބޭނުންކުރަން ޖެހޭނެކަން އަންގާފައެވެ.

މީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީއިންވަނީ ޓެކްސީ ބޯޑު ނެތް ނަމަވެސް، އަމިއްލަ ފަރާތްތަކަށް ޕްރައިވެތް ހަޔަރގެ ގޮތުގައި ދަތުރުކުރުމުގެ ހުއްދަ ދޭން ނިންމާފައެވެ. އަމިއްލަ ފަރާތްތަަކަށް ޕްރައިވެޓް ހަަޔަގެ ގޮތުގައި ޓެކްސީ ކުރެވޭނީ ޓްރާންސްޕޯޓް މިނިސްޓްރީއިން އެކަމަށް ބޭނުންވާ ޚާއްސަ ހުއްދައެއް ނަގައިގެންނެވެ. އަދި ޓެކްސީ އެޕްލިކޭޝަންވެސް ބޭނުންކޮށްގެންނެވެ.

ޓެކްސީގެ އަގުތައް ކުޑަކުރުމާއި އެޕްލިކޭޝަން ބޭނުންކޮށްގެން ޓެކްސީ ދަތުރުތައް ފެށުމަކީ ޓްރާންސްޕޯޓް މިނިސްޓްރީއިން އެންމެ އިސްކަމެއް ދީގެން ފެއްޓެވި އެއް މަސައްކަތެވެ.