ވިޔަފާރި

ބީއެމްއެލްއިން ހިއްސާގެ ފައިދާ ބަހަން ފަށައިފި


ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްއިން ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ބަހަން ފަށައިފިއެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ސާފު ފައިދާއިން ހިއްސާއަކަށް 24 ރުފިޔާގެ މަގުން 129 މިލިއަން ރުފިޔާ ބަހަން ވަނީ ނިންމާފައެވެ. މި ހިއްސާގެ ފައިދާ ބަހަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ބޭންކްގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ތިބި ޙިއްސާދާރުންނަށެވެ.

މިފައިސާގެ ތެރެއިން އެކައުންޓްތަކަށް ޖަމާކުރުމަށް އެދުނު މީހުންނަށް 31 ޖުލައިގައި އެފައިސާ ޖަމާކޮށްދީފައިވާކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެކައުންޓަށް ޖަމާކުރުމަށް އެދިފައިނުވާ މީހުން ވެސް އެމީހުން ޖަމާކުރަން ބޭނުންވާ އެކައުންޓްގެ ތަފްސީލުތައް އެކުންފުނީގެ މައި އޮފީހުގެ ހަ ވަނަ ފްލޯގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓަށް އެންގުމަށް ބޭންކުން އެދެއެވެ.

މީގެ އިތުރުން ހިއްސާގެ ފައިދާގެ ގޮތުގައި ފައިސާ ނަގަން ބޭނުންވާ މީހުން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން 02:00 އަށް ކޯޕަރޭޓް އެފެއާޒް ޔުނިޓަށް ވަޑައިގަތުމުން ފައިސާ ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ހިއްސާގެ ފައިދާ ލިބޭނީ އައިޑީކާޑުގެ އަސްލު ގެންނަ ފަރާތްތަކަށްކަމަށާއި، ބަދަލުގައި މީހަކު ފޮނުވާ ނަމަ ހިއްސާދާރުގެ ސިޓީއެއް ގެންނަންޖެހޭނެކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.