ރާއްޖޭގެ ކުރީގެ ނާއިބު ރައީސް އަޙަމަދު އަދީބު ޓަގު ބޯޓެއްގައި ފިލައިގެން ދަނިކޮށް އިންޑިއާގެ ސޫތުކުޅިން ހައްޔަރުކޮށްފިއެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި އަދީބު އިންޑިއާއަށް ދިޔައީ މިގެ ތިންދުވަސް ކުރިންނެވެ. އޭނާ އެތެރެވީ ޓަގު ބޯޓެއްގެ ކުރޫއެއްގެ ގޮތުގައި އޮޅުވާލައިގެންކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
އަދީބް ދަތުރު ކުރީ "ސްނޯޝިޕިން" ކުންފުނިން އެޖެންޓްކަންކުރާ "ވަރގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓެއްގައިކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރެއެވެ. އަދީބު ހައްޔަރު ކުރީ އިތުރު 9 މީހުންނާއެކު ދަތުރުކުރަނިކޮށް، އެސަރަހައްދުގެ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައިކަމަށް މަޢުލޫމާތުލިބެއެވެ.
އިންޑިއާއިން އަދީބު ހައްޔަރުކޮށްފައިވާކަމަށް ޚަބަރުތައް ފެތުރޭއިރު، ފޮރިން މިނިސްޓްރީއާއި ފުލުހުން ބުނީ އެކަމާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިނުވާކަމަށެވެ.
އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ރާއްޖޭގެ ސުޕްރީމްކޯޓުން މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އޮތީ އަމުރުކޮށްފައެވެ. ސުޕްރީމްކޯޓުން އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމަށް އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފައިވަނީ، އަދީބުގެ މައްޗަށް ސާބިތުވި ޚިޔާނާތުގެ ޙުކުމެއް ހައިކޯޓުން ބާތިލްކުރުމުން، އެމައްސަލަ ދައުލަތުން ސުޕްރީމްކޯޓުގައި އިސްތިއުނާފްކުރުމުންނެވެ. ސުޕްރީމްކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ދައުލަތުން އިސްތިއުނާފްކުރި މައްސަލަ އެކޯޓުން ބަލައިގަތުމަށް ނިންމާފައިވާކަމަށެވެ. އަދި އެ މައްސަލާގައި ގޮތެއް ކަނޑައަޅަންދެން، އަހުމަދު އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަމުރުކުރާކަމަށެވެ.
އަދި އަދީބަކީ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް މިހާރު ކުރިއަށްދާ މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީޢަތުގައި ހެކިބަސްދިނުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެތެރެއިން ހެއްކެކެވެ.