ޚަބަރު

އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ވެރިޔާ ލަރިޖާނީ ޝަހީދުވެއްޖެ


‏ޔަހޫދީންގެ ޙަމަލާއެއްގައި އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ ވެރިޔާ، ޢަލީ ލަރިޖާނީ ޝަހީދުވެއްޖެއެވެ. އީރާނުގެ އަސްކަރިއްޔާއިން ވަނީ އޭނާ ޝަހީދުވިކަން ކަށަވަރުކޮށްދީފައެވެ.

ހުސްވި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ދޭން ފަށާފައިވާ ޙަމަލާތަކުގައި އީރާނުގެ ރޫޙީ ވެރިޔާގެ މަޤާމުގައި އޭރު ހުންނެވި އާޔަތުالله ޢަލީ ޚާމަނާއީއާއި އޭނާގެ ޢާއިލާއަށް ނިޞްބަތްވާ ގިނަ ޢަދަދެއްގެ މީހުން ވަނީ ޝަހީދުވެފައެވެ. ލަރިޖާނީ ވެގެން ގޮސްފައި މި ވަނީ ޚާމަނާއީ އަވަހާރަވި ފަހުން ޝަހީދުކޮށްލާފައިވާ އީރާނުގެ ސަރުކާރުގެ އެންމެ އިސް މެންބަރަށެވެ.

ޢާންމު ތަނެއްގައި ލަރިޖަނީ އެންމެ ފަހުން ފެނިފައި ވަނީ މާރިޗު މަހުގެ 13ވަނަ ދުވަހު އީރާނުގެ ވެރިރަށް ތެހްރާނުގައި ކުރިއަށް ގެންދިޔަ އަލް-ޤުދުސް އެއްވުމުގައެވެ. އެ އެއްވުމުގައި އޭނާއާއެކު އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކީއަން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ލަރިޖާނީއަކީ އެތައް އަހަރެއް ވަންދެން އީރާނުގެ މުހިއްމު ސިޔާސީ ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްގެ މަޤާމު ވެސް އަދާކުރައްވާފައެވެ. މީގެ ކުރިން ހުޅަނގާއެކު ކޮށްފައިވާ ނިއުކްލިޔަރ މަޝްރޫޢުތަކުގައި ވެސް އޭނާ އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންފައިވެއެވެ.

އެމެރިކާއާއި ޔަހޫދީންގެ ޙަމަލާތަކުގައި ޚާމަނާއީ އާއި އީރާންގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ އިސް ކޮމާންޑަރު، މުޙައްމަދު ބަކްބޫރް ޝަހީދުކޮށްލުމާއެކު، މީގެ ކުރިން މަޑުމައިތުރު ބޭފުޅެއްގެ ގޮތުގައި ފާހަގަވެފައިވާ ލަރިޖާނީގެ ރާގު ވަނީ މުޅީން ބަދަލުވެފައެވެ. އޭނާ ވަނީ އެމެރިކާ އާއި ޔަހޫދީންގެ ނިރުބަވެރި ދައުލަތަށް ވަރުގަދަ އިންޒާރެއް ދެއްވައިފައެވެ. ލަރިޖާނީ އެ ދުވަހު ވިދާޅުވި ގޮތުގައި، އެމެރިކާ އާއި ޔަހޫދީން ވަނީ އީރާނުގެ ރައްޔިތުންގެ ހިތްތަކުގައި އަލިފާން ރޯކޮށްލާފައެވެ. އަދި އެ ލާއިންސާނީ ޖަރީމާގެ ބަދަލުހިފައި، އައިއާރްޖީސީގެ ހިތްވަރުގަދަ ފައުޖުތަކުން، އެމެރިކާ އާއި ޔަހޫދީން ހަނދާނުން ނުފިލާވަރުގެ ފިލާވަޅެއް ނަގައިދޭނެކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ. ޝަހީދުވުމާ ހަމައަށް ޔަހޫދީންގެ މަޅީގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖެހިފައިވާކަމަށް ޤަބޫލު ކުރެއްވި ލަރިޖާނީ ހުންނެވީ އެމެރިކާ އާއި ޔަހޫދީން ހުއްޓުމެއްނެތި ދެމުންދާ ޢުދުވާނުތަކަށް ރައްދު ދިނުމުގެ އެންމެ އިސް ސަފުގައެވެ.

ޖޫން 3، 1958 ގައި އިރާޤުގެ ނަޖާފުގައި އަމޯލްގެ މުއްސަނދި އާއިލާއަކަށް އުފަން ލަރިޖާނީ ނިސްބަތްވެވަޑައިގަންނަވަނީ އީރާނުގެ ވަރަށް ނުފޫޒުގަދަ ދަރިފަސްކޮޅަކަށެވެ. އޭނާގެ ބައްޕާފުޅު މިރުޒާ ހާޝިމް އަމޯލީ އަކީ އީރާނުގެ މަޝްހޫރު ދީނީ ޢިލްމުވެރިއެކެވެ. އަދި އެއްބަނޑުއެއްބަފާ ގިނަ ބޭފުޅުންނެކޭ އެއްގޮތަށް، ލަރިޖާނީ ވެސް ވަނީ އީރާނުގެ އެންމެ ބާރުގަދަ ބައެއް މަޤާމުތައް ފުރުއްވާފައެވެ. ލަރިޖާނީ ވަނީ 1979 ވަނަ އަހަރު ޝަރީފް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީން ހިސާބާއި ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާޞިލް ކުރައްވައިފައެވެ. އަދި އޭގެ ފަހުން ޔުނިވަރސިޓީ އޮފް ތެހެރާނުން ހުޅަނގުގެ
ފަލްސަފާގެ ދާއިރާއިން މާސްޓަރސް އަދި ޕީއެޗްޑީ ފުރިހަމަ ކުރައްވައި، ކާންޓްގެ މައްޗަށް އޭނާގެ ތީސީސް ލިޔުއްވި އެވެ.

ލަރިޖާނީގެ ވަރުގަދަ ޝަޙްސިއްޔަތު ބިނާވެފައިވަނީ، އޭނާ އަދާކުރެއްވި ސިޔާސީ ބާރުގަދަ މަޤާމުތަކުންނެވެ. މިގޮތުން، 1979 ވަނަ އަހަރުގެ އީރާނުގެ އިންޤިލާބަށް ފަހު 1980 ގެ އަހަރުތަކުގެ ކުރީކޮޅު، އީރާނުގެ ސަޤާފަތާބެހޭ ވަޒީރުގެ މަޤާމު އަދާކުރެއްވުމަށްފަހު، 2008 އާއި 2020 އާ ދެމެދު އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްގެ މަޤާމު ވިދިވިދިގެން ތިން ދައުރު އަދާކުރައްވައި، އެތެރޭގެ ސިޔާސަތާއި ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި އިސް ދައުރެއް ލަރިޖާނީ އަދާކުރެއްވި އެވެ.

ލަރިޖާނީ 2005 ވަނަ އަހަރު ކޮންޒަވޭޓިވް ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި ނަމަވެސް ފުރަތަމަ ބުރުން ނާކާމިޔާބުވެވަޑައިގެންނެވިއެވެ. ހަމަ އެ އަހަރު އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީގެ މަޤާމާއި، އީރާނުގެ ޗީފް ނިއުކްލިޔަރ ނެގޯޝިއޭޓަރުގެ މަޤާމަށް އޭނާ އައްޔަން ކުރެއްވިއެވެ. އެ މަޤާމުތަކުން ލަރިޖާނީ އިސްތިޢުފާ ދެއްވީ 2007 ވަނަ އަހަރު، އޭރުގެ ރައީސް މަޙްމޫދު އަޙްމަދީނެޖާދުގެ ނިއުކްލިޔަރ ސިޔާސަތުތަކާ މެދު އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ތެރޭގައެވެ.

2020 ވަނަ އަހަރު މަޖިލީހުގެ ރައީސް އަދި މަޖިލިސް މެމްބަރުކަމުން ވަކިވެވަޑައިގަތުމަށް ފަހު ލަރިޖާނީ ވަނީ 2021 ވަނަ އަހަރުގެ އިންތިޚާބުގައި ދެވަނަ ފަހަރަށް ރައީސް ކަމަށް ވާދަކުރައްވަން މަސައްކަތް ކުރައްވާފައެވެ. ނަމަވެސް، އެ ފަހަރު އީރާނުގެ ބާރުގަދަ ބެެލެނިވެރި ކައުންސިލުން ވަނީ އޭނާގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމައިފައެވެ. އޭގެފަހުން، 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ކުރެއްވި މަސައްކަތް ނާކާމިޔާބުވީ، އަނެއްކާ ވެސް ކެންޑިޑެސީ ބަލައިނުގަތުމުންނެވެ.

ނަމަވެސް، އޭނާ އެނބުރި ނުފޫޒުގަދަ މަޤާމަކަށް ވަޑައިގަތީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހު، ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީގެ މަޤާމަށް ރައީސް މަސޫދު ޕެޒްޝްކީއަން އަލުން ޢައްޔަން ކުރެއްވުމުންނެވެ. އެ މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން ލަރިޖާނީގެ ޤަބޫލުކުރެއްވުންތައް ވަނީ ހަރުކަށިވެފަ އެވެ. 2025 ވަނައަހަރުގެ އޮކްޓޯބަރު މަހު ލަރިޖާނީ ވަނީ އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ (އައިއޭއީއޭ) އާ އެކު އެއްބާރުލުން ދިނުމުގެ އެއްބަސްވުން ބާޠިލްކޮށް، އެ އެޖެންސީގެ ރިޕޯޓްތަކުގެ ބޭނުމެއް މިހާރު ނެތް ކަމަށް އިޢުލާނުކުރައްވައިފައެވެ.

ފެބްރުއަރީ 28ގައި މިހާރު ހިނގަމުންދާ ކުރިމަތިލުންތައް ފެށުމުގެ ހަފްތާއެއްހާ ދުވަސް ކުރިން ލަރިޖާނީ އެމެރިކާއާއެކު ނުސީދާ މަޝްވަރާތަކެއް ކުރައްވަމުން ގެންދެވި ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި ފެބްރުއަރީ މަހުގެ ތެރޭގައި، ޢުމާން މެދުވެރިވެ ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި އޭނާ ވަނީ އެމެރިކާއިން ވަކި ހުށަހެޅުމެއް އީރާނަށް ލިބިފައި ނުވާ ކަމަށް ވިދާޅުވެ، ހަނގުރާމައެއް ފެށުމުގައި ޔަހޫދީންގެ ހީލަތްތެރި ރޭވުމުގެ ދަށުން މަޝްވަރާތަކަށް ހުރަސްއަޅައި، ފިތުނަ އުފައްދަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ.