ވިޔަފާރި

އެސްޓީއޯ ސުޕަރމާޓްގައި ތަރުކާރީ އާއި މޭވާ ވިއްކުމުގެ ފުރުސަތު ހުޅުވާލައިފި


މާލެ އަދި ހުޅުމާލެ ގައި ހުންނަ އެސް.ޓީ.އޯ ސުޕަމާޓްގެ ފިހާރަތަކުގައި ތަރުކާރީ އާއި މޭވާ ވިއްކުމުގެ ފުރުޞަތު ވިޔަފާރިވެރިންނަށް ހުޅުވާލައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ޖެނެރަލް މެނޭޖަރު ހުސައިން ސޮބާހު ވިދާޅުވީ، މިކަމުގެ ސަބަބުން ފިހާރައެއް ނަހަދައި މުވައްޒަފުން ހޯދަން ޖެހުމަކާއި ނުލައި ވިޔަފާރިވެރިންނަށް ވިޔަފާރިކުރުމުގެ ފުރުސަތު ލިބިގެންދާނޭކަމަށެވެ.

އެސްޓީއޯއިން ބުނީ މާލެ އަދި ހުޅުމާލެ ގައި ހުންނަ އެސް.ޓީ.އޯ ސުޕަމާޓް ފިހާރައިގައި މޭވާއާއި ތަރުކާރީ ވިއްކުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ރަނގަޅު އަގެއް ހުށަހަޅާ ފަރާތަކަށްކަމަށެވެ. އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ދިންނަމަވެސް ރަނގަޅަށް ސަޕްލައި ކުރާނަމަ މުއްދަތު އިތުރުކޮށްދޭނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ އެސްޓީއޯގެ މާޓްތަކުގައި ވިޔަފާރިކުރުމަށް ޚާއްސަ ޖާގަތަކެއް ދިން ނަމަވެސް، އެފަރާތްތަކުން ވިޔަފާރި ކުރާގޮތް އެ ކުންފުނިން ގާތުން މޮނިޓަރ ކުރާނެކަމަށެވެ. އޭގެތެރޭގައި މުދާ ވިއްކަނީ ރަނގަޅު އަގެއްގައިތޯ ފަދަ ކަންކަން ހިމެނޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ އެސް.ޓީ.އޯ ސުޕަމާޓްގެ ފިހާރަތަކުގައި ތަރުކާރީ އާއި މޭވާ ވިއްކުމުގެ ފުރުޞަތު ބޭނުންވާ ފަރާތްތަކުން މިމަހުގެ 6 ވަނަ ދުވަހުގެ 10 ޖެހުމުގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީސް މެދުވެރިކޮށް ނުވަތަ މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަން ޖެހޭނެކަމަށެވެ.

ކޮންމެ ދުވަހަކު އެސްޓީއޯ ސްޕަމާޓްތަކަށް 4500 އާއި 5500 ދެމެދުގެ އަދަދަކަށް މީހުން ޒިޔާރަތަކުރާއިރު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިކަމުގެ ސަބަބުން ބޮޑު ފައިދާއެއް ކުރާނެކަމަށް އެސްޓީއޯއިން ބުނެއެވެ.