ޚަބަރު

ރަށްރަށުގައި ކުރިއަށްގެންދާ ކުޅިވަރުތައް ޕީއެސްއެމްއިން ގެނެސްދިނުމުގެ ފުރުސަތު ހުޅުވާލައިފި


މިއަހަރުގެ އަޟުޙާ ޢީދުގައި ރަށްރަށުގައި ކުރިއަށްދާ ޢިދު ކުޅިވަރުގެ ޙަރަކަތްތައް ޕީއެސްއެމްގެ ޗެނަލްތައް މެދުވެރިކޮށް ގެނެސްދިނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެގޮތުން ޕީއެސްމެންގެ ޓީވީ ޗެނަލްތަކުގެ އިތުރުން ރޭޑިއޯ ޗެނަލް މެދުވެރިކޮށް ކުޅިވަރުތައް ގެނެސްދިނުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާކަމަށް ޕީއެސްއެމްއިން ވިދާޅުވެއެވެ. އަޟުޙާ ޢީދުގެ ކުޅިވަރުތައް ޓީވީއާއި ރޭޑިއޯ މެދުވެރިކޮށް ލައިވްކޮށާއި، އަދި ރެކޯޑިންގ މެދުވެރިކޮށްވެސް ދެއްކުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މިކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން، އެންމެ ރަނގަޅު ހުށައެޅުންތައް ލިބޭ ރަށްތަކަށް ޓީވީއާއި ރޭޑިއޯގެ މުވައްޒަފުން ދަތުރުކޮށް، ޢިދު ޙަރަކާތްތައް ދުރަށް ދެއްކުމަށްވަނީ ހަމަޖެހިފައެވެ.

މި ފުރުސަތުވަނީ ޢީދުގެ ޙަރަކާތްތައް ކުރިއަށްގެންދާ ހުރިހާ ރަށްތަކަށްވެސް ހުޅުވާލާފައެވެ. މީގެތެރޭގައި ރަށްރަށުގެ ކައުންސިލްތަކާއި އަދި އަމިއްލަ ޖަމިއްޔާތަކުން ކުރިއަށްގެންދާ ހަރަކާތްތައް ކަވަރުކުރުމަށް އެދިވެސް ހުށައެޅޭނެކަމަށް ޕީއެސްއެމްއިން ވިދާޅުވެއެވެ.

މި ކަމަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 4ވަނަ ދުވަހުގެ 06:00އެވެ. ސިޓީ ފޮނުވަން ޖެހޭނީ އިންފޯ އެޓް ޕީއެސްއެމް ޑޮޓް އެމްވީއަށެވެ. ރަށްތައް ކަނޑައެޅުމުގައި އިސްކަންދެނީ ޙަރަކާތްތައް ކަވަރުކުރުމަށް އެރަށަކަށް ދަތުރުކުރާ ޓީވީއާއި ރޭޑިއޯ ކުރޫގެ ދަތުރުފަތުރާއި، ތިބުމާއި ކެއިންބުއިމުގެ އިންތިޒާމްތައް ހަމަޖައްސައިދޭ ފަރާތްތަކަށެވެ.

ޢީދާ ދިމާކޮށް ރަށްރަށަށް ދަތުރުކޮށް ރަށްރަށުގައި ކުރިއަށްގެންދާ ޢީދު ކުޅިވަރުތައް ކަވަރުކޮށްދިނުމަކީ ޕީއެސްއެމްއިން މީގެކުރިންވެސް ކުރަމުން އަންނަކަމެކެވެ.