ކުޅިވަރު

ސްޕޯޓްސް ކޮމްޕްލެކްސް ޔޫތް މިނިސްޓްރީއާއި ހަވާލުކޮށްފި


ހުޅުމާލޭގައި އަޅާފައިވާ ސްޕޯޓްސް ކޮމްޕްލެކްސް މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓާއި ހަވާލުކޮށްފިއެވެ.

މިދިޔަ ސަރުކާރުގައި ޔޫތް މިނިސްޓްރީ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗް.ޑީ.ސީ ގުޅިގެން އެޅި މި ސްޕޯޓްސް ކޮމްޕްލެކްސް ޔޫތް މިނިސްޓްރީ އާއި ހަވާލުކޮށްފައިވަނީ މިއަދު ޔޫތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައިއެވެ.

މި ރަސްމިއްޔާތުގައި ސްޕޯޓްސް ކޮމްޕްލެކްސް ޔޫތް މިނިސްޓްރީ އާއި ހާވާލުކުރި ލިޔުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ސުހެއިލް އަހުމަދުއެވެ. އަދި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތް ސްޕޯ÷ޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަޙްލޫފްއެވެ.
މި ސްޕޯޓްސް ކޮމްޕްލެކްސްގައި އިންޑޯ ސްވިމިންގ ޕޫލް އަކާއި ޖިމެއްގެ އިތުރުން ބޯލިންގ އެރީނާ އަކާއި ޕޫލް ބިލިއާޑް ސަރަހައްދެއް ވަނީ ހިމަނާފައިއެވެ. އަދި މީގެއިތުރުން އިތުރު ކުޅިވަރުތައް ކުޅުމަށް ތަންތަން ތަރައްގީކުރެވޭނެ ގޮތަށް ހުސް ސަރަހައްދުތަކެއްވެސް ހިމެނެއެވެ.

ޔޫތް މިނިސްޓްރީގެ ދަށަށް ސްޕޯޓްސް ކޮމްޕްލެކްސް ނަގާފައި މިވަނީ މިތަން ތަރައްގީ ކުރުމަށް އެޗް.ޑީ.ސީއިން ކުރި ހަރަދުގެ ބަދަލުގައި 15 މިލިއަން ރުފިޔާ ޔޫތް މިނިސްޓްރީއިން އެޗް.ޑީ.ސީއަށް ދިނުމަށްފަހުއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ މަޙްލޫފް ވިދާޅުވީ މިއީ ކުޅިވަރަށް ވަރަށް އުފާވެރިދުވަހެއް ކަމަށާއި މިތަނުގެ ސަބަބުން ވަރަށް ގިނަ ކުޅިވަރުތަކަކަށް އިތުރު ލުއިފަސޭހަ ކަމެއް ލިބިގެންދާނެ ކަމަށެވެ މިގޮތުން މިތަނުގައި ހިމެނޭ ސްވިމިންގ ޕޫލްގެ ބޭނުން މިހާރު ޓްރެކް ސަރަހައްދުގައި ތަމްރީން ހަދަމުންދާ ދިވެހި ފެތުންތެރިންނަށް ބޭނުންކުރެވޭނެ ކަމަށާއި ޤައުމީ ބޮޑީ ބިލްޑިންގ ޓީމަށް ރަސްމީ ޖިމެއް ދިނުމުގެ އިތުރުން އެހެނިހެން ޤައުމީ ޓީމުތަކަށްވެސް ބޭނުންކުރެވޭނެ ޖިމެއް ލިބިގެންދާނެ ކަމަށެވެ. އަދި އާއްމު ރައްޔިތުންނަށްވެސް ހެޔޮއަގެއްގައި ޖިމްގެ ވަސީލަތް ލިބިގެންދާނެ ކަމަށްވެސް މިނިސްތަރ މަޙްލޫފް ފާހަގަކުރެއްވިއެވެ. އަދި ސްޕޯޓްސް ކޮމްޕްލެކްސްގައި ރެކްރިއޭޝަން ސަރަހައްދެއް ތަރައްގީކޮށް އާއްމުންނަށް ބޭނުންކުރެވޭނެ ނިޒާމެއްވެސް އެކުލަވާލެވޭނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މަޙްލޫފް އިތުރަށް ވިދާޅުވީ މަސައްކަތް ކޮށްފައިވަނީ ނިމިގެންދިޔަ ސަރުކާރުގައި ކަމަށާއި އެހެންނަމަވެސް ލާރި ދައްކަން ޖެހުނީ މިސަރުކާރުން ކަމަށެވެ.