ޚަބަރު

6 ކިލޯގެ މަސްތުވާ ތަކެތީގެ ބޮޑުންގެ މަޢުލޫމާތު އާންމުކޮށްފި


ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދަނިކޮށް، 6 ކިލޯގެ މަސްތުވާ ތަކެއްޗާއެކު ހައްޔަރުކުރި 5މީހުންގެ މަޢުލޫމާތު ޢާންމުކޮށްފިއެވެ.

ފުލުހުންގެ ޑްރަގް އިންޓެލިޖެންސް ޔުނިޓާއި އަޕަރ ނޯތް ޑިވިޝަން ގުޅިގެން މީގެ ހަތްދުވަސްކުރިން ފަށައިގެން ހިންގި އޮޕަރޭޝަންގައި 6 ކިލޯގެ މަސްތުވާތަކެއްޗާއިއެކު ހައްޔަރުކޮށްފައިވާ 5 މީހުންނަކީ ތަފާތު އެކިކުށްތަކުގައި މީގެކުރިންވެސް ހައްޔަރުކޮށްފައިވާ މީހުންކަމަށް ފުލުހުން އާންމުކޮށްފައިވާ މަޢުލޫމާތުތަކުން ހާމަވެއެވެ.

މިމައްސަލާގައި ހިމެނޭ 5 މީހުންގެ ތެރެއިން 3 މީހަކީ އައްޑުއަތޮޅު ހިތަދޫއަށް ނިސްބަތްވާ 3 މީހުންނެވެ. އަނެއް 2 މީހުންނަކީ ހއ.ހޯރަފުއްޓަށް ނިސްބަތްވާ 2 މީހުންނެވެ. މީގެތެރެއިން ސ.ހިތަދޫ ފިނިހިޔާގޭ ޢަބްދުﷲ އިބްރާހީމަކީ މަސްތުވާތަކެތީގެ 8 މައްސަލައަކާއި ޖަމާޢަތް ހަދައިގެން ރޭޕްކުރުމާއި، ބަދުއަޚުލާޤީ ޢަމަލު ހިންގުމާއި، ގުރޫޕްހަދައިގެން މާރާމާރީ ހިންގުމުގެ އިތުރުން އަމުރަށް ނުކިޔަމަންތެރިވެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހެކެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވާ ސ.ހިތަދޫ ހުދުވެލި ޢަލީ ޙަސަނަކީ މަސްތުވާތަކެތީގެ 8 މައްސަލަޔަކާއި މާރާމާރީއާއި ގަސްތުގައި މީހެއްގެ މުދަލަށް ގެއްލުންދީގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާމީހެކެވެ.

މިމައްސަލާގައި ދެން ހިމެނޭ ސ.ހިތަދޫ، ޕޫލްބަހާރު، މުޙައްމަދު ފައިސަލްއަކީ މަސްތުވާތަކެތީގެ 2 މައްސަލައެއްގައާއި ގުރޫޕްހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގައާއި، ޤަވާއިދާ ޚިލާފްވެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހެއްކަން ފާހަގަކޮށްލެވެއެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވާ ހއ.ހޯރަފުށީ، ރަންމުލި، އަޙްމަދު ރައޫފަކީ މަސްތުވާތަކެތީގެ މައްސަލައަކާއި، އަމުރަށް ނުކިޔަމަންތެރިވެގެންނާއި، ވައްކަމުގެ 3 މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހެކެވެ. މިމައްސަލާގައި ދެންހިމެނޭ ހއ.ހޯރަފުށީ، އާރޯ، އަޙުމަދު މަމްދޫހަކީ މަސްތުވާތަކެތީގެ މައްސަލައެއްގެ އިތުރުން ގޮވާތަކެތި ބޭނުންކުރުމުގެ މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހެކެވެ.

ފުޅާދާއިރާއެއްގެ މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދަނިކޮށް ހައްޔަރުކޮށްފައިވާ މި 5 މީހުންނަކީ ފުލުހުންގެ ކުށުގެރެކޯޑް ބޮޑު، އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި އެކިފަހަރު މަތިން ހައްޔަރުކޮށްފައިވާ މީހުންތަކެއްކަން ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުން ހާމަވެއެވެ.

ޑްރަގާދެކޮޅަށް ފުލުހުން ހިންގާ ޚާއްސަ އޮޕަރޭޝަންތަކުގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއި އެއާއި ގުޅުންހުރި މީހުން ހައްޔަރުކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ގދ.ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ 149 ކިލޯގެ މަސްތުވާތަކެއްޗާއެކު 5 މީހަކު ހައްޔަރުކޮށްފައިވާއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް އީރާނުގެ ބޯޓަކުންވެސް 50 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފައިވެއެވެ. އަދި މިމަސައްކަތުގެ ދަށުން ފުލުހުންދަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ މީހުން ހައްޔަރުކޮށް އެމީހުން އެވިޔަފާރިކުރާ ގެތަކުގެ މަޢުލޫމާތުވެސް ހާމަކުރަމުންނެވެ.