ޙައްޖަށް ދިއުމަށް ޕެންޝަން ފަންޑުން 80 ޕަސެންޓް ނެގޭގޮތަށް ޤާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ.
ޕެންޝަން ފަންޑުން ޙައްޖަށް ދިއުމަށްޓަކައި މިހާރު ދޫކުރަމުންދާ 50 ޕަސެންޓް 80 ޕަސެންޓަށް ބޮޑުކޮށް ޕެންޝަން ޤާނޫނަށް ގެނައި އިސްލާހު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 70 މެމްބަރުންގެ އިއްތިފާގުންނެވެ. މިއިސްލާހަށް ވޯޓަށް އެހުމުގެ ކުރިން މަޖިލީހުގެ ޖަލްސާގައި ވާހަކަދެއްކެވި މެމްބަރުންވަނީ މި އިސްލާހަށް ތާއީދުކުރައްވައި ވާހަކަދައްކަވާފައެވެ.
އެގޮތުން މި އިސްލާހް މަޖިލީހަށް ހުށަހެޅުއްވި މެމްބަރު އަދި މި އިސްލާހު ދިރާސާކުރި އިޖްތިމާއީ ކޮމިޓީގެ މުޤައްރިރު ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު އީސާ ވިދާޅުވީ މި އިސްލާހް ޕެންޝަން ޤާނޫނަށް ގެނައި ކަމުގައިވީނަމަވެސް ޕެންޝަން ފަންޑަކީ ވަކި މަޤްޞަދެއްގައި ހެދިފައިވާ ފަންޑެއްކަމަށެވެ. އަދި ޕެންޝަން ފަންޑަކީ މީހާ ވަޒީފާ އަދާ ނުކުރެވޭ އުމުރަށް ދިއުމުން ސަރުކާރުން އެހީތެރިކަން ފޯރުކޮށް ދިނުމުގެ މާތް މަޤުސަދުގައި ހަދާފައިވާ ފަންޑެއްކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ޕެންޝަންފަންޑަށް އެއްވެސް އިސްލާހެއް ގެންނަނަމަ މިފަހަރު ކޮމިޓީގައި ޕެންޝަން އޮފީހާއި ކަމާއިބެހޭ ފަރާތްތަކުން ދެއްވާފައިވާ އިރުޝާދުތަކަށް ރިއާޔަތްކުރުމަކީ މުހިމުކަމެއްކަމަށެވެ.
މި އިސްލާހަށް ވާހަކަދެއްކެވި ހުރިހާ މެންބަރުންވެސް ވަނީ ޕެންޝަން ފަންޑުގެ އަސްލު ނުގެއްލޭގޮތަށް ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭނެ ގޮތަކަށް ކަންކަން ވެގެން ދިއުމަކީ މުހިންމުކަމެއް ކަމުގައި ފާހަގަކުރައްވާފައެވެ.
ޕެންޝަންފަންޑުން ހައްޖަށްދެވޭ 6000 މީހުން މިހާރުވެސް ތިބިއިރު، މި އިސްލާހާއެކު މިފަރާތްތަކަށް ހައްޖަށް ދިއުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ. ޕެންޝަން ސްކީމުން ޙައްޖަށް ފައިސާދޫކުރުމަށް ހަމަޖެހިފައިވަނީ ފަރުޟު ޙައްޖު އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި މަދުވެގެން 336000 ރުފިޔާ ޖަމާކުރެވިފައިވާ ފަރާތްތަކަށެވެ.