ޚަބަރު

އެމެރިކާގެ މަނަވަރު "ފޯޑް"ގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް


އީރާނާ ދެކޮޅަށް އެމެރިކާއާއި ޔަހޫދީން ގުޅިގެން ފަށާފައިވާ ހަނގުރާމައިގައި އިސް ދައުރެއް އަދާކުރަމުން ދިޔަ އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ޖެރާލްޑް އާރް ފޯޑްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. އެއީ، އެމެރިކާގެ އަސްކަރިއްޔާގެ އެންމެ ބޮޑު އެއް މަނަވަރެވެ. އެ މަނަވަރުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު ސާފެއް ނޫނެވެ.

ޞަހްޔޫނީ ދައުލަތާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ ފެބުރުވަރީ 28ވަނަ ދުވަހުއެވެ. އީރާނުން ވެސް ދަނީ ރައްދުގައި ޔަހޫދީ ދައުލަތާއި ގަލްފް ޢަރަބި ޤައުމުތަކުގައި އޮތް އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މަޞްލަޙަތުތަކަށް ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ. އީރާންގެ ވަރުގަދަ ރައްދު ޙަމަލާތަކާއި ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި، ފޯޑްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ މަނަވަރު ވަނީ ހަނގުރާމައިގެ މައިދާނުން ފަހަތަށް ޖައްސާފައެވެ.

ރަތް ކަނޑުގައި ހަރަކާތްތެރިވަމުންދިޔަ މި މަނަވަރުގައި ރޯވި އަލިފާންގަނޑު ކޮންޓުރޯލު ކުރުމަށް ގިނަ ގަޑިއިރުތަކެއް ހޭދަވިއެވެ. އަދި، މަނަވަރުގެ މައި ލޯންޑްރީ ސަރަޙައްދަށާއި ފަޅުވެރިން ނިދާ 100 އެއްހާ އެނދު ހުރި ސަރަޙައްދަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ހާދިސާގައި 200 އެއްހާ ފަޅުވެރިންނަށް ދުމުގެ އަސަރުކޮށްގެން ފަރުވާދީފައިވާއިރު، އެކަކަށް ލިބުނު ބޮޑެތި އަނިޔާތަކާ ގުޅިގެން ބޭރު ޤައުމަކަށް ގެންގޮސް ފަރުވާދޭން ޖެހުނެވެ. މި ނުރައްކާތެރި ހާލަތާ ގުޅިގެން، 75 އަށްވުރެ ގިނަ އަސްކަރީ މަތިންދާބޯޓު އުފުލާ މި މަނަވަރު މިހާރު ވަނީ ވަގުތީ ގޮތުން ގްރީސްއަށް ދަތުރު ފަށާފައެވެ.

ފޯޑްއާއި އޭގެ ފަޅުވެރިން ޑިޕްލޯއިކޮށްފައި ނުވަތަ އަސްކަރީ އޮޕަރޭޝަނަށް ނިކުމެފައި ވަނީ މީގެ ނުވަ މަސް ކުރިންނެވެ. އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި ބައިވެރިވުމުގެ ކުރިން ފޯޑް ވަނީ ކެރީބިޔަން ސަރަޙައްދުގައި ވެނެޒުއެލާއާ ދެކޮޅަށް އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް ހިންގި ޣައިރުޤާނޫނީ އަސްކަރީ ޖަރީމާތަކުގައި ބައިވެރިވެފައެވެ. މިހާ ދިގު މުއްދަތަކަށް ޢާއިލާތަކާ ވަކިން ޑިޕްލޯއިވެފައި ތިބެން ޖެހުމާ އެކު، ފޯޑްގެ ފަޅުވެރިންގެ މެދުގައި ހިތްވަރު ދަށްވެފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

މަނަވަރުގައި އަލިފާން ރޯވީ އީރާންގެ ޙަމަލާއެއްގައި ކަން ނުވަތަ ނޫން ކަން އަދި ސާފުވެފައި ނެތް ނަމަވެސް، މި ހާދިސާއަކީ އީރާނުގެ ދިފާޢީ ވަރުގަދަކަން ދުނިޔެއަށް ހާމަވެ، އެމެރިކާއާއި ޞަހްޔޫނީންގެ އަސްކަރީ ބާރުވެރިކަމަށް އެޅުނު ހުރަހެއްގެ ގޮތުގައި މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ސިފަކުރެއެވެ.