ޚަބަރު

ސޯޝަލް މީޑިއާ މެދުވެރިކޮށް ހަރުކަށި ވިސްނުން ފަތުރަން ބަޔަކު ދަނީ މަސައްކަތް ކުރަމުން - ހަޔަރ އެޑިއުކޭޝަން މިނިސްޓަރ


ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ހަރުކަށި ފިކުރުގެ މީހުން އެމީހުންގެ ވިސްނުން ޒުވާނުންނާ ހަމައަށް ފޯރުކޮށްދެމުންދާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ޙަސަން ވިދާޅުވެއްޖެއެވެ.

"އެކްސްޓްރީމިޒަމް އެންޑް ކައުންޓަރ ޓެރަރިޒަމް"ގެ ނަމުގައި ބޭއްވި ތަމްރީން ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވަނީ ޓެރަރިޒަމްގެ ނުރައްކާ ރާއްޖޭގައިވެސް ފެތުރެމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ހަރުކަށި ވިސްނުން ގެންގުޅޭ މީހުން ސޯޝަލް މީޑިއާގެ ވަޞީލަތްތައް ބޭނުންކޮށްގެން އެވިސްނުންތައް އަދުގެ ޒުވާނުންނަށް ކިޔައިދީ ޢާއިލާތަކާ ދުރުކުރަމުންގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާގުޅޭ މަޢުލޫމާތު ދިނުމަށް ކުރިއަށްގެންދިޔަ މިބައްދަލުވުމުގެ ސަބަބުން ހަރުކަށި ފިކުރުގެ މީހުން އެމީހުންގެ ވިސްނުންތައް ފަތުރަން ބޭނުންކުރާ އުކުޅުތައް ކޯހުގެ ބައިވެރިންނަށް އެނގިގެންދާނެކަން ފާހަގަކުރައްވާފައެވެ. އަދި މި ބައްދަލުވުމުން ލިބުނު މަޢުލޫމާތުގެ އަލީގައި ރާއްޖެ ޓެރަރިޒަމާ ދުރަށް ގެންދަން މަސައްކަތް ކުރުމަށް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.

ތިންދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ވޯރކްޝޮޕްގައި ބައިވެރިވި 42މީހަކަށް ވަނީ ސެޓްފިކެޓް ދީފައެވެ. ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާ ގުޅޭ މަޢުލޫމާތު ބަދަލުކުރުމުގެ ތަމްރީނު ޕްރޮގްރާމަކީ ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ނާއިފް އަރަބް ޔުނިވަރސިޓީ ފޮރ ސެކިއުރިޓީ ސައިންސަސް އާއި ޔޫއެންޑީޕީ މޯލްޑިވްސް އާއި ޖަޕާން ސަރުކާރު ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ރާއްޖެއިން ދަނީ ހައްދުފަހަނައަޅާދިއުމާއި ޓެރަރިޒަމް ހުއްޓުވުމަށް ހޭލުންތެރި ކުރުވުމުގެގޮތުން ގިނަ ވޯކްޝޮޕްތަކެއްވެސް ހިންގަމުންނެވެ. އެގޮތުން ފިކުރީ ގޮތުން ހައްދުފަހަނައަޅައި ދިއުމުގައި ދީނީ އިލްމުވެރިންގެ ދައުރާއި ގުޅޭގޮތުން ދާދި ފަހުންވެސް ވޯކްޝޮޕެއް ކުރިއަށްގެންގޮސްފައިވެއެވެ.
ނާއިފް އަރަބް ޔުނިވަރސިޓީ ފޮރ ސެކިއުރިޓީ ސައިންސަސްއާއި އެންސީޓީސީ ގުޅިގެން ކުރިޔަށް ގެންދިޔަ މި ވޯކްޝޮޕްގައި، ހައްދުފަހަނައަޅައި ދިއުމާއި ކައުންޓަރ ޓެރަރިޒަމްއާއި ގުޅޭ ގޮތުން ދީނީ އިލްމްވެރިންވެސް ވަނީ މައުލޫމާތު ދެއްވާފައެވެ.