ސިޔާސީ

ބ.އަތޮޅުގައި ސިއްޙީ ޚިދުމަތް ފަށްޓަވައިދެއްވީ ރައީސްގެ ބޮޑުބޭބޭފުޅު، އަގުވަޒަންކޮށްދެއްވީ ރައީސް ޞާލިޙް


މިއަހަރުން ފެށިގެން ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ބ.އަތޮޅުގެ ސިއްޙީ ޚިދުމަތަށް ރަންޔޫބީލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވަނީ ބ.އަތޮޅުގައި ސިއްޙީ ޚިދުމަތް ފަށްޓަވައިދެއްވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ބޮޑުބޭބޭފުޅު އިބްރާހީމް ޞާލިޙް ކުރެއްވި މަސައްކަތްޕުޅުގެ އަގުވަޒަންކުރައްވާފައެވެ.

ބ.އަތޮޅުގެ ސިއްޙީ ޚިދުމަތުގެ ރަންޔޫބީލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅު ފެށްޓެވީ ބ.އަތޮޅުގެ ސިއްޙީ ޚިދުމަތް ކުރިއަރައިގެން އައިގޮތް ތަސައްވުރުކުރައްވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ، ހެލްތު ސެންޓަރެއްގެ ގޮތުގައި އޭދަފުށީގެ ޞިއްޙީ ޚިދުމަތް ފެށިއިރު، އެ ތަނުގަ ހެލްތު އެސިސްޓެންޓެއްގެ ގޮތުގައި ފަރުވާ ދެއްވަން ހުންނެވި ފުރަތަމަ ބޭފުޅަކީ، އެމަނިކުފާނުގެ ބޮޑުބޭބޭފުޅު އިބްރާހީމް ޞާލިޙްކަމަށެވެ.

"މި ރަށާއި މި އަތޮޅުގެ ޞިއްޙީ ޚިދުމަތްތައް ތަރައްޤީ ކުރުމުގައި، ބޮޑުބޭބެ ޙިއްޞާވެފައިވާކަމީ، އަޅުގަނޑަށާއި އަޅުގަނޑުގެ ޢާއިލާއަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް. އެކި ދުވަސްވަރު، އެކި މަރުޙަލާތައް ކަޑައްތުކޮށް، މިފެންވަރަށް ހޮސްޕިޓަލް ތަރައްޤީކުރުމުގައި ބައިވެރިވި، އިޚްލާޞްތެރި ހުރިހާ ޚިދުމަތްތެރީންނަށް ޝުކުރުވެރިކަމާއެކު، ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދަންނަވަން." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އަތޮޅުތަކުގައި ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރުމުގައި، މާލޭގައި އޮންނަ މައި ސަރުކާރުން އަދާކުރި ދައުރަށްވުރެ އަތޮޅުތަކުގެ ރައްޔިތުން އަދާކޮށްފައިވާ ދައުރު ބޮޑުކަން ފާހަގަކުރެއްވިއެވެ. އެގޮތުން ބޮޑެތި ބަލިތަކާއި ރޯގާތަކާ ކުރިމަތިލުމަށް، އޭރު ލިބެން އޮތް ހަމައެކަނި ވަސީލަތަކީ، ދިވެހި ބޭސްވެރިކަމާއި ހަކީމީ ބޭސްވެރިކަންކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ވެކްސިން ދިނުމާއި ޑޮކްޓަރީ ބޭސް ބޭނުންކުރުމާމެދު ހޭލުންތެރިކުރުމަށް، ވަރަށް ބުރަ މަސައްކަތްތަކެއް އޭރު ކުރަންޖެހުނުކަމަށެވެ. އެގޮތުން އެކަން ކޮށްފައިވަނީ ރައްޔިތުންނަށް ވަރަށް ބޮޑަށް ނަސޭހަތްދީ ވިސްނައިގެންކަމަށާއި، އެއީވެސް ޞިއްޙީ ޚިދުމަތުގެ 50 އަހަރުގެ ވަރަށް މުހިންމު ތަޖުރިބާތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.

އެ ބުރަ މަސައްކަތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވުމުގެ ނަތީޖާ ފެނިގެން ދިޔަކަމަށާއި، އެގޮތުން ދެކުނު އޭޝިޔާ ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން، އެންމެ ފުރަތަމަ މެލޭރިޔާ އާއި ފައިލޭރިޔާ ނައްތައިލެވުނު ޤައުމަށް ރާއްޖެ ވެގެންދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ޕޯލިއޯ އާއި މީސަލްސްވެސް ރައްޖެއިން ނައްތާލެވިފައިވާކަމަށް ރައީސް ވިދާޅުވި. އެކަމުގެ ކާމިޔާބީއަކީ ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމުގެ އެ ޕްރޮގްރާމް "ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް"ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ކާމިޔާބީގެ ފަހަތުގައިވަނީ، ރާއްޖޭގައި ކުރިން އޮތް ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް. ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމުގެ، އެ ޕްރޮގްރާމް އިހުމާލުކޮށްލުމުގެ ސަބަބުން، މިއަދު އަޅުގަނޑުމެންގެ ފުރާނަތައް ގެއްލެމުން އެދަނީ، ގައިން ގަޔަށް ނާރާ ބަލިތަކުގައި. މިއަހަރުން ފެށިގެން ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމަށް އަޅުގަނޑުމެން ޚާއްޞަ ސަމާލުކަމެއް ދޭނަން. ރާއްޖެ ދުށް އެންމެ ނުރައްކާތެރި ދެ ރޯގާއަކީ ކޮލެރާއާއި ޝިގެއްލާ. އެފަދަ ރޯގާތަކުން އަޅުގަނޑުމެން ސަލާމަތްކުރުމުގައި ވެސް، އެންމެ މުހިންމު ދައުރެއް އަދާކުރީ، ޕްރައިމަރީ ހެލްތުކެއަރގެ ދަށުން، ތަމްރީންކުރި ހެލްތު ވޯކަރުންނާއި ފޫޅުމައިންނާއި، މަދު ޢަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުންގެ ބުރަ މަސައްކަތް." ރައީސް ވިދާޅުވިއެވެ.

ބ. އަތޮޅުގެ ރައްޔިތުންނަކީ، އަބަދުވެސް ޢާންމު ޞިއްޙަތަށް ވަރަށް ބޮޑަށް ސަމާލުކަން ދޭ ރައްޔިތެއް ދިރިއުޅޭ އަތޮޅެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ބ.އަތޮޅު ހޮސްޕިޓަލަކީ، މާލޭގައި އޮންނަ މަރުކަޒީ ސަރުކާރުން ކަންކަން ކޮށްދޭނެ ވަގުތަކަށް އިންތިޒާރު ކުރުމުގެ ބަދަލުގައި، އަމިއްލައަށް ކަންކަން ރާވައިގެން، ޞިއްޙީ ހޭލުންތެރިކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރި ތަނެއްކަމަށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން، ދެ އަހަރު އެވޯޑު ހާސިލްކުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބ.އަތޮޅުގެ ސިއްޙީ ޚިދުމަތަށް 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ފަރާތްތަކަށް ހަނދާނީ ފިލަޔާއި ލިޔުން ހަވާލުކޮށްދެއްވާފައެވެ. އަދި ބ.އަތޮޅުގެ ސިއްޙީ ޚިދުމަތް ފަށްޓަވާދެއްވި އެމަނިކުފާނުގެ ބޮޑުބޭބޭފުޅަށްވެސް މި ރަސްމިއްޔާތުގައި ވަނީ ހަނދާނީ ފިލާ ދެއްވާފައެވެ.