ސިޔާސީ

ސިއްޙީ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަނާއި ފަސާދަ - ރައީސް


ރާއްޖޭގެ ސިއްޙީ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެ ދާއިރާއަށް ކޮރަޕްޝަނާއި ފަސާދަ ވަނުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާޅޮސްމަޑުލު ދެކުނުބުރީގެ ސިއްޙީ ޚިދުމަތުގެ ރަންޔޫބީލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަނީ ބ.އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް މިއަހަރު ފަށްޓަވާ އަންނަ އަހަރު އައު ގިނަ ޚިދުމަތްތަކެއް ފަށްޓަވާދެއްވާނެކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ޞިއްޙީ ޚިދުމަތަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ހަރުދަނާ ކުރަންޖެހިފައިވާ ޚިދުމަތެއްކަމަށެވެ. ޚާއްޞަކޮށް ޢިމާރާތުގެ ދަތިކަމާއި، އެކަށީގެންވާ ވަރަށް ޑޮކްޓަރުންނާ ނަރުހުންނާއި ލެބޯޓްރީ ނެތުމާއި ޞިއްޙީ އެހީތެރިން ނެތުމަކީ، ކޮންމެ ރަށަކަށްވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

"ރަނގަޅަށް ތަމްރީންވެފައި ތިބި މީހުން، ރަށްރަށުގައި އެކަށީގެންވާ މިންވަރަށް ނެތުން. ބޭސް ލިބެން ނެތުމާއި ބޭހުގެ ކޮލިޓީ ދަށްވުން. މި ޝަކުވާތައް އުފެދުނީ، ރާއްޖެ ތަރައްޤީކުރަން ގެންގުޅުނު ސިޔާސަތުގެ ސަބަބުން. އެއީ މާލެއަށް މީހުން ތޮއްޖެހޭ ގޮތަށް ރޭވި ތަރައްޤީގެ މަޝްރޫޢުތައް. އޭގެ ނަތީޖާއަކަށްވީ، ޑޮކްޓަރަށް ދައްކަން ވިޔަސް، އެކްސްރޭއެއް ނަގަން ޖެހުނަސް، ދަތުރު ހަދާފައި މާލެ ދާން ޖެހުން. އެއީ ރަށްރަށުގެ ރައްޔިތުން ކުރަންޖެހޭ ވަރަށް ބޮޑު ޚަރަދުތަކެއް" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ޞިއްޙީ ނިޒާމުގެ އެންމެ ބޮޑު މައްސަލައަކީ، ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ރާވާފައި ހުރި ކަންކަމުގެ ތެރެއަށްވެސް ކޮރަޕްޝަނާއި ފަސާދަ ވަނުންކަމަށް ވިދާޅުވިއެވެ. އާސަންދަ ފަދަ ނިޒާމުތައް އޭގެ ޙަޤީޤީ މަޤްޞަދު ޙާޞިލްނުވެ، ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވަނީވެސް ކޮރަޕްޝަންގެ ސަބަބުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތުގެ ސިޔާސަތަކީ ރައްޔިތުންނާ ވީހާ ގާތުން، އެމީހަކު ހުރި ރަށަކުން ނުވަތަ އެމީހަކު ހުރި އަތޮޅަކުން އެކަށޭނަ ޞިއްޙީ ފަރުވާ ފޯރުކޮށްދިނުން. އެކަން ކުރެވޭނީ، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ޞިއްޙީ ނިޒާމަށް ބަދަލުތަކެއް ގެނެސް، ޞިއްޙީ މަރުކަޒުތަކާ ހޮސްޕިޓަލުތަކުގެ ފެންވަރު ރަނގަޅު ކުރެވިގެން. ބޭސްކުރަން މާލެއަށް ކުރަންޖެހޭ ދަތުރުތައް ވެސް ހުއްޓުމަކަށް އަންނާނީ އޭރުން" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ބ.އަތޮޅު ހޮސްޕިޓަލްގައި މިއަހަރު ޢައު ޢިމާރާތް ތަރައްޤީކުރުމުގެ މަސައްކަތް ފަށްޓަވާ އަންނަ އަހަރު ނިންމާލެވޭނެކަމަށް ވިދާޅުވިއެވެ. އަދި އައު ޚިދުމަތްތައް ފެށޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިއަހަރުގެތެރޭ މި ހޮސްޕިޓަލުގެ އާ ޢިމާރާތް ބިނާކުރުމުގެ މަސައްކަތް، މާތް ﷲގެ ވާގިފުޅާއެކު ފެށިގެންދާނެ. 50 މިލިއަން ރުފިޔާގެ އެ ޢިމާރާތް އަންނަ އަހަރު ނިމޭއިރު، މި ހޮސްޕިޓަލުން ފިޒިއޯތެރަޕީ އާއި ޑަޔަލެސިސްގެ ޚިދުމަތް ލިބެން ހުންނާނެ. ޕްރައިވެޓް ކޮޓަރިތަކާއި ސްކޭންގެ ޚިދުމަތް ފެށި، މި ހޮސްޕިޓަލާ އެކަށޭނަ ލެބޯޓްރީގެ ޚިދުމަތްވެސް ލިބެން ހުންނާނެ."

ރައީސްގެ ވާހަކަފުޅުގައި ވަނީ އައު ޚިދުމަތްތައް ތަޢާރަފްވެގެން ދާއިރު، ޢާއިލީ ފެންވަރުގަޔާއި ފަރުދީ ފެންވަރުގައި ވެސް، ޞިއްޙަތަށް ދޭ ސަމާލުކަން އިތުރުކުރުމަށް އިލްތިމާސްކުރައްވާފައި. އެކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހޭދަ ކުޑަވާނެކަން ރައީސް ފާހަގަކުރެއްވި. ޞިއްޙީ ޚިދުމަތްތައް މިހާރަށް ވުރެ ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ރައްޔިތުން އަމިއްލަ ޞިއްޙަތަށް ދޭ ސަމާލުކަން އިތުރުކުރުމަށްވެސް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.