ޚަބަރު

ސްޕެޝަލް އޮލީމްޕިކްސް ފުޓުބޯޅަ ޓީމްއާއި ޔޫތު މިނިސްޓަރ ބައްދަލުކުރައްވައިފި


އަންނަ މަހު އިންޑިއާގެ ޗެންނާއީގައި އޮންނަ ސްޕެޝަލް އޮލިމްޕިކްސް އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރާ އަންހެން އަދި ފިރިހެން ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަޙުމަދު މަހްލޫފް ބައްދަލުކުރައްވައިފިއެވެ.

ޔޫތް މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ މަހްލޫފުގެ އިތުރުން ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، އައިއޯއައިޖީގައި ރާއްޖެއަށް ކާމިޔާބު ހޯދައިދިން އެތުލީޓުންވެސްވަނީ ސްޕެޝަލް އޮލީމްޕިކްސް ފުޓުބޯޅަ ޓީމަށް ހިތްވަރުދީފައެވެ.މި ބައްދަލުކުރެއްވުމުގައި ސްޕެޝަލް އޮލީމްޕިކްސް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ކުޅުންތެރިންނަށް ޖަރޒީ ހަވާލުކޮށްދިނީ އައިއޯއައިޖީގައި ރާއްޖެއަށް ރަންވަނަތައް ހޯދައިދިން އެތުލީޓުންނެވެ.

މި ބައްދަލުކުރެއްވުމުގައި ކުޅުންތެރިންނަށް ހިތްވަރު ދެއްވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ ސްޕެޝަލް އޮލީމްޕިކްސުން ރާއްޖެއަށް ފަޚުރުވެރި ވަނަތަށް ލިބެނީ އެ ކުދިންނާއި ބެލެނިވެރިން ކުރާ ބުރަ މަސައްކަތުން ކަމަށާއި އެހެންކަމުން މި މުބާރާތުގައިވެސް ހިތްވަރާއިއެކު މޮޅު ކުޅުމެއް ދައްކައި ރާއްޖެއަށް ރީތި ވަނައެއް ހޯދައިދިނުމަށް އެދިވަޑައިގަންނަވާކަމަށެވެ.

ސްޕެޝަލް އޮލީމްޕިކްސް މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 3ން 9އަށް އިންޑިއާގެ ޗެންނާއީގައެވެ.