ޚަބަރު

ސަރުކާރުގެ އެންމެ ބޮޑު ބޭނުމަކީ ޖީބަށް ވަންނަ އެއްޗެއް އިތުރުކުރުން، އެކަން ކޮށްދޭނެ - ނަޝީދު


މި ސަރުކާރުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންގެ ޖީބަށް ވަންނަ އެއްޗެއް އިތުރުކޮށްދީ "ހާސް ކަމުން" އަރައިގަނެވޭނެ ގޮތް ހޯދަދިނުން ކަމަށާ، އެކަން ކޮށްދެއްވާނެކަމަށް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާ ޓޫރިޒަމާ ބެހޭ މާސްޓާ ޕްލޭން އެކުލަވައިލަން ފެށުން އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ވަޒީފާގެ ފުރުސަތު އިތުރުކުރުމަކީ "އެޖެންޑާ 19"ގެ ވެސް އެންމެ ބޮޑު ބޭނުން ކަމަށެވެ.

" ބާރަ ހާސް ދިވެހިން މަސައްކަތްކުރަނީ ރިސޯޓްތަކުގައި ސީދާ ގޮތުން. ސޯޅަހާހެއްގައި ބޭރު މީހުން ސީދާ ގޮތުން. އަދި ރައީސް އެ ވިދާޅުވާ ގޮތަށް ތިރީސް ފަސް ހާސް މީހުނަށް ވަޒީފާގެ ފުރުސަތު މިސިނާއަތުގެ ތެރެއިން ހޯދައިދެވެން އެބަ އޮތް." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެބޭފުޅުން ސަރުކާރާ ޙަވާލުވެ ތިބެނީ ހަމައެކަނި އެންމެ ބޭނުމަކަށްޓަކައި ކަމަށާ، އެއީ ރާއްޖޭގެ ރައްޔިތުންގެ ފައިދާއާ އެރައްޔިތުންގެ މަންފާއަށްޓަކައިކަމަށެވެ.

ފަތުވެރިކަމުގެ މުޅި ސިނާއަތު ބިނާވެފައި އޮތީ ރިސޯޓްތަކުގައި މަސައްކަތް ކުރުމުގެ މައްޗަށްކަން ފާހަގަ ކުރައްވައި، އެމަނިކުފާނު ވިދާޅުވީ ފަތުރުވެރިކަމުގެ މުޅި ސިނާއަތު ބިނާވެފައި އޮތީ ފަޅުރަށެއްގައި މަސައްކަތް ކޮށްގެން ދިރިއުޅުމުގެ މައްޗަށް އެކަނި ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ރިސޯޓްގައި މަސައްކަތްކުރާ މުވައްޒަފެއްގެ ދިރިއުޅުމުގެ ޙާލަތުން މިސާލު ޖައްސަވައި ޢާއިލާއާ ދުރުގައި އެމީހުން ހޭދަކުދާ ދަތި ދިރިއުޅުން ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީން އަލުން ރާއްޖޭގެ ވެރިކަމަށްއައީ އަދި "އެޖެންޑާ ނަވާރަ"ގެނައީ ފަތުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މިހާލަތުގެ ވާހަކަދައްކައި ހާލަތު ބަދަލުކުރުމަށްކަމަށެވެ.

"އެޖެންޑާ 19ގައި، ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ރިޔާސީ ވައުދުތަކުގައި، އެންމެ ކުޑަ އުޖޫރަ ދޭނެކަމަށް ސާފުބަހުން އަޅުގަނޑުމެން އެބަ ބުނަން. އަދި މި އެކަނިވެރި ދިރިއުޅުން، އަނބިމީހާއާ ނުލައި، ދަރިންނާ ނުލައި އެކަނި މާއެކަނި އިންނަ އިނުން، ކޮންމެ ރެއަކު، ކޮންމެ ފަތިހަކު، އެ ހިތައް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ހޯދަދިނުމަށޭ، މި އިންތިހާބުގައި ބައިވެރިވަނީ އެހެންވެގެންނޭ އަޅުގަނޑުމެން ސިޔާސީ ޕާޓީއެއް ހެދީ، އެހެން ވެގެންނޭ މިރާއްޖޭގެ ވެރިކަން ހޯދާން އަޅުގަނޑުމެން މިއުޅޭނީ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި އެ ނޫން ބޭނުމެއް ނެތްކަން މާބޮޑަށް ސާފުވާނެ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ފަތުވެރިކަންފުޅާ ކުރުމުގެ މަސައްކަތްވެސް ގުޅިފައިއޮތީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމާކަމަށާ، މިނިޒާމް ފުރިހަމައަށް ހިންގުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.