ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ގުޅޭ ރިޕޯޓެއް ޖުޑިޝަލް ސާވީސް ކޮމިޝަން(ޖޭއެސްސީ)އިން އެކުލަވާލައިފިއެވެ.
ޖޭއެސްސީން ވިދާޅުވީ ކްރިމިނަލް ކޯޓުގައި ނުނިމިހުރި މައްސަލަތަކާގުޅޭ ރިޕޯޓެއް އެކުލަވާލީ ކޯޓުތަކުގައި މައްސަލަތައް ނުނިމި އާދަޔާ ޚިލާފަށް ދިގުދެމިގެން ދާކަމުގެ ޝަކުވާތައް ލިބެމުންދާތީ، އޭގެ ސަބަބު ދެނެގަތުމަށް ކުރެވެމުންދާ މަސައްކަތު ތެރެއިން ކަމަށެވެ. އެގޮތުން ރިޕޯޓު އެކުލަވާލީ ކޯޓްތަކުގައި މައްސަލަތައް ލަސްވަމުންދާތީ އެކަން ބެލުމަށް ޖޭއެސްސީން އެކުލަވާލި ކޮމެޓީން ކަމަށްވެސް އެކޮމިޝަނުން މައުލޫމާތުދެއްވައެވެ.
އެރިޕޯޓްގައި ކްރިމިނަލް ކޯޓުގައި މައްސަލަތައް ހިނގާފައިވާ މިންވަރާއި ކޯޓުގައި މައްސަލަތައް ބެލުމަށް ބޭނުންވާ ވަސީލަތްތައް ހުރިނެތްގޮތުގެ މައްޗަށް ބަލާލާފައިވާނެކަމަށްވެސް ޖޭއެސްސީންވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ކޯޓުތަކުން މައްސަލަތައް އަވަހަށް ނިންމުމުގައި ދައުލަތުގެ މުވައްސަސާތަކުގެ އެއްބާރުލުން ކޯޓުތަކަށް ދެއްވުން އެދި ތަންފީޒީ އިދާރާތަކަށާ ރައީސުލް ޖުމްހޫރިއްޔާއަށާ، ރައްޔިތުންގެ މަޖިލީހަށާ، މިނިވަން މުވައްސަސާތަކަށް އެ ރިޕޯޓް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.