މިމަހުގެ 20-25 އަށް މާލޭގައި ބާއްވާ ވިމެންސް ކާވާ ކަޕް 2025 ގައި ރާއްޖޭގެ ގައުމީ އަންހެން ޓީމަށް މިފަހަރު ތަށި ހޯދޭނެ ކަމުގެ ޔަގީންކަން މިއަދު އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ކާވާ ކަޕްގައި ވާދަކުރާ ރާއްޖޭގެ ސީނިއަރ އަންހެން ޓީމަށް ޖޯޒީ ހަވާލުކުރުމަށް ސޯޝަލް ސެންޓަރުގެ ހަރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ކުޅުންތެރިންނާ ޖޯޒީ ހަވާލުކޮށްދެއްވުމަށްފަހު ނައިބު ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ މުބާރާތުގެ ގިނަ މެޗުތަކެއް ބެއްލެވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާއި، އޭރު ދިވެހި ޓީމުން ދެއްކި ހިތްވަރު ގަދަ ކުޅުމުން އުންމީދެއް ފެނިގެން ދިޔަކަމަށެވެ.
އެގޮތުން މިއަހަރު ގައުމީ އަންހެން ޓީމުން ތަށި ހޯދާނެކަމުގެ ޔަގީންކަން ލިބިވަޑައިގެންނެވި ކަމަށާއި، އެކަމަށް ހުރިހާ ކުޅުންތެރިންވެސް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
"ގައުމީ ޓީމުގެ ފަރާތުން އަޅުގަނޑުމެން ދެކެން ބޭނުންވަނީ އުންމީދުތަކެއް ނޫނޭ. ކާމިޔާބު ތައްޓެއް އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދިނުން. މިއީ މިއަދު ދިވެހިން އެދޭ އެދުމަކީ ތިޔަ ކުޅުންތެރިންގެ ފަރާތުން. އަޅުގަނޑަށް ހަމަ ޔަގީންކަން އެބައޮތް މި ކުޅިވަރު ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތަކަށް ރައީސުލްޖުމްހޫރިއްޔާ އެ ގެންދަވަނީ ވިއޭއެމަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވަމުން" ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ރާއްޖޭގައި ވޮލީބޯޅަ ކުރިއެރުވުމަށާއި، އިތުރު ކުޅުންތެރިން ޝައުގުވެރިކުރުވާ، ހުނަރުވެރި ކުޅުންތެރިން ހޯދުމަށްޓަކައި އެކި ކަންކޮޅުތަކުގައި މީގެ ކުރިން ދުވަހަކުވެސް ވޮލީ ކޯޓުތައް ނޭޅޭ ފެންވަރަށް ކޯޓުތައް އެޅެމުގެ މަސައްކަތް ކުރައްވާކަމަށާއި ކުޅުންތެރިން އުފެއްދުމަށްޓަކައި ކުޅިވަރާއި ބެހޭ ވުޒާރާއިން މަސައްކަތް ކުރައްވަމުން ގެންދަވާކަން ވަނީ ފާހަގަކުރައްވާފައެވެ.
"މީގެ ނަތީޖާ އިރާދުކުރެއްވިއްޔާ ފޮނިވާނެ. އެކަން ދަމަހައްޓާ ނަމޫނާ ބަޔަކަށްވާން ތިބީ ގައުމީ ޓީމުގެ ކުޅުންތެރިން" ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ކާވާ މުބާރާތަކީ ގައުމީ ޓީމަށް ވަރަށް މުހިންމު ފުރުސަތެއް ކަމަށާއި، ކޮންމެ ކުޅުންތެރިއެއްގެ ފަރާތުންވެސް ދިވެހި ފަސްގަނޑުގައި ދިވެހިން ސަޕޯޓަރުންގެ ކުރިމަތީގައި ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ރައްޔިތުންނަށްވެސް ދެއްވަން ބޭނުންވާ މެސެޖަކީ ދިވެހި ޓީމަށް ސަޕޯޓުކޮށްދެއްވުމަށް ވަޑައިގެންދެއްވުން ކަމަށާއި، ޓީމަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ވިމެންސް ކާވާ ކަޕް 2025 ގައި ރާއްޖޭގެ ގައުމީ ޓީމު އެންމެ ފުރަތަމަ ނިކުންނާނީ ބަނގްލަދޭޝްއާއި ދެކޮޅަށެވެ. މިދިޔަ އަހަރު ރާއްޖެ ވަނީ ފައިނަލާ ހަމައަށް ދަތުރުކޮށް މުބާރާތުގެ ދެވަނަ ހޯދާފައެވެ. މިއަހަރުގެ މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ދިވެހިރާއްޖެ، ބަނގްލަދޭޝް، އަފްޣާނިސްތާން، ކިރްގިސްތާނު، އަދި ތުރުކުމެނިސްތާނެވެ. މުބާރާތުގެ މެޗުތައް އޮންނާނީ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައެވެ.